ސިޔާސީ ޕާޓީއެއްގެ ޕްރައިމަރީގައި ވާދަކުރާ ކެނޑިޑޭޓުން، ޕްރައިމަރީ އިން ބަލިވުމަށް ފަހު އެހެން ހައިސިއްޔަތަކުން އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހު އުވާލުމުގެ ބިލު މަޖިލީހަށް ބަލައިގެންފި އެވެ.
ދިއްދޫ ދާއިރާގެ މެންބަރު ބްދުއްލަތީފް މުހައްމަދު ހުށަހެޅުއްވި މި ބިލު ބަލައިގަތުމަށް 36 މެންބަރުން ވޯޓު ދެއްވި އެވެ.
ޕްރައިމަރީގައި ބަލިވާ ފަރާތްތަކަށް އެހެން ހައިސިއްޔަތަކުން ޕްރައިމަރީގައި ވާދަނުކުރެވޭނެ ގޮތަށް ގާނޫނަށް އިސްލާހު ގެނައީ 2016 ވަނަ އަހަރު އެވެ. އޭރު ޕީޕީއެމްގެ މެންބަރުން ހުށަހެޅި އެ އިސްލާހު މިހާރު އޮތްގޮތަށް ބޭއްވުމަށް އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން މިއަދު ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ނަމަވެސް ބިލު މަޖިލީހަށް ބަލައިގަތުމަށް ފާސްވީ އެމްޑީޕީ އަށް ނިސްބަތްވާ މެންބަރުން ވެސް ވޯޓު ދެއްވައިގެންނެވެ.
މި އިސްލާހު ހުށަހަޅުއްވަމުން އަބްދުއްލަތީފް މުހައްމަދު ވިދާޅުވީ މި އިސްލާހު ހުށަހެޅީ ޕްރައިމަރީތަކަކަކީ ސައްހަ ޕްރައިމަރީތަކަކަށް ނުވުމުން ކަމަށެވެ. ޕްރައިމަރީ ބާއްވާ ދުވަސްވަރު ގަނޑުކޮށް ޕާޓީ އަށް ވައްދައިގެން ވަކި ބަޔަކަށް ކާމިޔާބު ލިބޭ ކަމަށް ލަތީފް ވިދާޅުވި އެވެ.
މި އިސްލާހުގެ އިބްތިދާއީ ބަހުސް މަރުހަލާގައި ވާހަކަ ދައްކަވަމުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްގަފޫރު މުހައްމަދު ވިދާޅުވީ މިއީ ބަލައިގަންނަން ދަތި އިސްލާހެއް ކަމަށެވެ. ޕްރައިމަރީގައި މައްސަލަ އުޅެދާނެ ކަމަށާއި އެކަން ގަބޫލު ނުކުރާނަމަ ކޯޓަށް ގޮސްގެން ނަތީޖާ ބާތިލު ކުރުމުގެ ފުރުސަތު ޕްރައިމަރީގައި ވާދަކުރާ ހުރިހާ އެންމެންނަށް އޮންނާނެ ކަމަށް އަބްދުލްގަފޫރު ވިދާޅުވި އެވެ.
ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވީ ޕްރައިމަރީ އާ ގުޅޭ އިސްލާހެއް މަޖިލީހަށް ހުށަހަޅާފައިވާ އިރު އެ އިސްލާހު ރައްދުވަނީ އެމްޑީޕީ އަށް ކަމަށެވެ. އެމްޑީޕީ އިން ކުރިއަށް އޮތް މަޖިލިސް އިންތިހާބަށް ޕާޓީގެ އެތެރޭގެ އިންތިހާބަށް ތައްޔާރު ވަމުންދާއިރު، އެހެން ބައެއް ޕާޓީތަކުން އިންތިހާބުގެ ޓިކެޓު ބަހާލާފައިވާ ކަމަށް އީވާ ވިދާޅުވި އެވެ.
މި ބިލާ އެއްކޮޅަށް ވާހަކަ ދެއްކެވި ބިލެތްދޫ ދާއިރާގެ މެންބަރު އަހުމަދު މުބީން ވިދާޅުވީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ކޮންމެ މީހަކަށް ވެސް އޮންނަންވާނެ ކަމަށެވެ. ޕްރައިމަރީތަކަކީ މާ ބޮޑަށް ތައްޔާރުވެގެން ބާއްވާ އިންތިހާބެއް ނޫން ކަމަށާއި ޕްރައިމަރީ އާ ދިމާކޮށް ޕާޓީ އަށް ގަނޑުކޮށް މެންބަރުން ވައްދަމުންދާ އިރު، މިއީ ޕާޓީގައި ގިނަ ދުވަހު ހިދުމަތްކުރި މެންބަރުންނަށް ފުރުސަތު ހަނިވާ ކަމެއްގެ ގޮތުގައި މުބީން ސިފަކުރެއްވި އެވެ.