500 ހައްޔަރީއެއްގެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅުއްވައިފި

ނާޒިމް ސައްތާރު މައްސަލަތައް ހުށަހެޅުމަށް ރަައީސް އޮފީހަށް ވަންނަނީ -- ފޮޓޯ ޓްވީޓާ

ސިޔާސީ ބޭނުމުގަ އާއި އަދި އެހެނިހެން ވެސް ބޭނުމުގައި ނުހައްގު ގޮތުގައި އިންސާފުން ބޭރުން ހައްޔަރުކޮށްފައިވާ ކަމަށް ބުނާ 500 މީހެއްގެ މައްސަލަ، ގާނޫނީ ވަކީލު ނާޒިމް ސައްތާރު ރައީސް އޮފީހަށް މިއަދު ހުށަހަޅައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ރައީސް އޮފީހުން ވަނީ 2012 ވަނަ އަހަރު އެއް ވަނަ ދުވަހުގެ ފަހުން، ސިޔާސީ މަގުސަދެއް ހާސިލުކުރުމަށް ބަންދުކުރެވި، ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން އެކި އެކި ފިޔަފަޅު އާޅާފައިވާ ފަރާތްތަކާއި، އެހުކުމްތައް ތަންފީޒު ކުރަމުންދާ ފަރާތްތަކުގެ ޝަކުވާ އެ އޮފީހަށް ހުށަހެޅުމަށް އިލްތިމާސްކޮށްފަ އެވެ.

ގާނޫނީ ވަކީލު ނާޒިމް ސައްތާރު "ސަން" އަށް ވިދާޅުވީ، ވަކީލުންގެ ޓީމުގެ މަސައްކަތާ އެކު މިއަދު އެފަދަ 500 ހައްޔަރީންގެ މައްސަލަ ރައީސް އޮފީހަށް ހުށަހަޅާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، އޭގެ ތެރޭގައި ހިމެނެނީ އޭރު އިދިކޮޅުފަރާތްތަކުން ބޭއްވި މޭޑޭ ބޮޑު މުޒާޙަރާގައި ހައްޔަރުވި އަދި ޝަރިއަތް ކުރެވި، ނުވަތަ ދައުވާ އުފުލާފައިވާ 212 ސިޔާސީ ހައްޔަރީންނާއި މިދިޔަ ފެބުރުއަރީ އެއް ވަނަ ދުވަހު ސުޕުރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް ހައްޔަރުވި 100 ވަރަށް މީހުން ކަމަށެވެ.

އޭގެ އިތުރުން، ހަތެއް ފެބުރުއަރީގައި ތިނަދޫގައި ހިނގި ހާދިސާއާ ގުޅޭ 94 މިހަކާއި އިސްލާމީ މަރުކަޒުގައި ދުއާ ކޮސްގެން ހައްޔަރުވި މީހުން އަދި ބުރިޖް ސަރަހައްދުގައި ރާޅާ އެރުމުން ހައްޔަރުކުރި ޒުވާނުން ވެސް ހިމެނޭ ކަމަށް އެނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހުރިހާ އެންމެންނަކީ މިހާރު މިވަގުތު ހައްޔަރުގައި ތިބި ބައެއް ނޫން ކަމަށާއި ނަމަވެސް ބަޔެއް މީހުންނަށް ޝަރީއަތް ކުރެވި ދައުވާ ވެސް އުފުލާފައިވާ ކަމަށެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބެލުމަށް "ސިޔާސީ ހައްޔަރީން މިނިވަންކުރުމާ ބެހޭ ކޮމިޓީ"ގެ ނަމުގައި ސަރުކާރުގެ ފުރަތަމަ ދުވަހު ކޮމިޓީ އެއް އުފައްދަވައިފަ އެވެ. ސިޔާސީ ހައްޔަރީންގެ މައްސަލަތައް ބަލައި، ނުޙައްގުން ބަންދުކޮށްފައިވާ ފަރާތްތައް މިނިވަންކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެކެވެ.

comment ކޮމެންޓް