އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާން ޖީލްތަކަށް ކޮށްފައިވާ ނުބައި އަސަރު: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ -- ސަން ފޮޓޯ : އަޙުމަދު އަވްޝަން އިލްޔާސް

މިއަދު ރާއްޖޭގެ އިސްލާމީ ތާރީހަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޒުވާން ޖީލްތަކަށް ކޮށްފައިވާ ނުބައި، ނުރައްކާތެރި އަސަރު ކަމަށް ހޯމް މިނިސްޓަރު އައްޝައިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމްވީ ދުވަހުގެ މުނާސަބަތުގައި މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހޯމް މިނިސްޓަރު ވިދާޅުވީ، ދިވެހި އިސްލާމީ ތާރީޚަށް ގޮންޖެހުން ތަކެއް އެބަ ހުރި ކަމަށާއި މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ބަވަނަ ވެފައިވާ މި ދުނިޔޭގައި ހިނގާ އޮއިވަރުތަކުގެ ސަބަބުން ދިވެހި ޒުވާން ޖީލަށް ކުރާ ނުބައި ނުރައްކާތެރި އަސަރު ކަަމަށެވެ.

"އަޅުގަނޑުމެންގެ ޒުވާން ޖީލް އެންމެ ރަނގަޅުގޮތުގައި ތައުލީމާއި ތަރުބިއްޔަތު ދެވިފައި ނުވުމުގެ ނަތިއްޖާއެއްގެ ގޮތުން އެކި އެކި ޒާތްޒާތުގެ [ނުބައި ނުރައްކާތެރި] އަސަރުތަކުގެ ތެރެއަށް އަޅުގަނޑުމެން ޒުވާނުން ވަދެގެން ގޮސްފައިވޭ. މިއަދު އަޅުގަނޑުމެން ކުރިމަތިލާން މިޖެހެނީ 21 ވަނަ ގަރުނުގެ އުދަގޫ، ދަތި މަގުތަކުގެ ތެރެއަށް،" ބަަވަނަވެފައިވާ ދުނިޔޭގައި ދިވެހި އިސްލާމީ ތާރީހަށް އޮތް އެންމެ ބޮޑު ގޮންޖެހުން ފާހަގަކުރައްވައި އިމްރާން ވިދާޅުވިއެވެ.

"މިހާލަތުން އަޅުގަނޑުމެންނަށް އަރައިގަނެވޭނީ، އަޅުގަނޑުމެން ޒުވާނުން މަތިވެރިވެގެންވާ އިސްލާމީ ތަރުބިއްޔަތަކުން ތަރުބިއްޔަތު ކޮށްގެން. ރިވެތި އަހްލާގެއް އެޒުވާނުން ގައިގައި އަށަގަންނުވާއިގެން،" އިމްރާން ވިދާޅުވިއެވެ.

ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި މިރޭ ބޭއްވި ޖަލްސާގެ ތެރެއިން --- ފޮޓޯ/ރައީސް އޮފީސް

ދިވެހިންގެ ތާރީހަށް ނަޒަރު ހިންގާލުމުން ދިވެހި ގައުމިއްޔަތާއި އިސްލާމްދީން މަތިވެރިކަމުގައި އޮތް ނަމަވެސް، ދިވެހި ގައުމިއްޔަތަށާއި އިސްލާމްދީނަށް އަބަދުވެސް ގޮންޖެހުންތަކެއް ހުރިކަން އިމްރާން ފާހަގަ ކުރެއްވިއެވެ.

"ދިވެހި ކާބަފައިން މި ގޮންޖެހުންތައް ހުރަސް ގިރާކުރަމުން ދިޔައީ ވަރަށް ހިތްވަރާއި، ސާބިތުކަމާއި ހިކްމަތްތެރިކަމާއެކު. ﷲ ސުބުހާނަހޫ ވަތައާލާގެ ރަހްމަތްފުޅުން، ދިވެހި ގައުމިއްޔަތާއި އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވި ކޮންމެ ހިނދެއްގައި ދިވެހިން ރައްކާތެރި ކޮށްދެވައިފައި ވާނީ، އެއިލާހުގެ ރަހުމަތާއެކު ދިވެހިންގެ ސާބިތުކަމާއެކު، ހިތްވަރާއި ކެތްތެރިކަމާއި، އަޒުމް [ގެ ސަބަބުން]" ރާއްޖެ އިސްލާމްވިތާ 892 ވަނަ އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހކަ ދައްކަވަމުން އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ، އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތު އަމާނާތްތެރި ކަމާއެކު ކާބަފައިން ދިވެހި ލޮބުވެތި ރައްޔިތުންނާ ހަމައަށް ފޯރުކޮށްދީފައިވާ ކަމަށާއި، މިއަދު އަޅުގަނޑުމެންގެ އެންމެ ބޮޑު ޒިންމާއަކީ ކާބަފައިން ގެނެސް ދެއްވި ދީނާއި ގައުމިއްޔަތު އަންނަން އޮތް ޖީލު ފޯރުކޮށްދިނުން ކަމަށެވެ. އަދި އެ މަސައްކަތަކީ އަބަދުވެސް ބޮޑު މަސައްކަތެއް ކަމާށާއި ބޮޑުވެގެންވާ ޒިންމާއަކާއި އަމާނާތެއްކަމަށް އިމްރާން ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑުމެން މި ޖީލުގެ އެންމެ ބޮޑު ޒިންމާއެއް ކަމުގައި ވާނީ އަންނަން އޮތް ޖީލުތަކަށް ދިވެހި ގައުމިއްޔަތާއި އިސްލާމްވަންތަކަމާއި ރިވެތި އަހުލާގު ފޯރުކޮށްދިނުން،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްވެސް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އިމްރާން ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައި ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށް ވި ވައުދު ތަކުރާރުކުރައްވައި އިމްރާން ވިދާޅުވީ، މިސަރުކާރުން ރާއްޖޭގައި އެހެން ދީނަކަށް ފުރުސަތު ނުދެއްވާނެ ކަމަށާއި މަސައްކަތްކުރައްވާނީ ސުލްހަ މަސަލަސްކަމާއި، ރައްކާތެރިކަމާއި އޮމާންކަމާއެކު އިސްލާމް ދީން ހިމާޔަތްކުރަން ކަމަށެވެ. އަދި ސައްހަ އިސްލާމީ އަގީދާގެ މައްޗަށް ޒުވާނުން ބިނާކޮށް ތަރުބިއްޔަތު މި ސަރުކާރުން އުފުލާނެ ކަމުގެ ޔަގީންކަންވެސް ހޯމް މިނިސްޓަރު ދެއްވިއެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ހަރުކަށިކަމާއި، ދެކޮޅުވެެރިކަމާއި ނޭއްގާނީ ކަން ދުރުކޮށް، ސުލްހައާއި އަމާންކަމުގެ ވެއްޓެއްގައި އިސްލާމްދީން މަތިވެރިކޮށް، ދީނަަށް ނަސުރު ދިނުން. އިސްލާމް ދީން ދައްކައިދޭ ރިވެތި މަގަކީ އެއީ. ރިވެތިި އަހްލާގައި ރިވެތި ނަމޫނާއި މިސާލުތަކުން އަޅުގަނޑުމެންގެ ޒުވާނުންނަށް މަގު ދައްކަވައިދެއްވިއްޖެ ނަމަ ﷲ އިރާދަކުރާދަފުޅުން އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތު އަޅުގަނޑުމެން އަންން އޮތް ޖީލަށް ވަސިލްކޮށްދޭނަން،" އިމްރާން ވިދާޅުވިއެވެ.

comment ކޮމެންޓް