އިސްލާމީ ދީން ރާއްޖޭގައި ތާއަބަދު އޮތުމަށް ދިވެހީންގެ އަގީދާ ވަރުގަދަ ކުރަން ޖެހޭ: ސިޔާމް

އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖޭގައި އިސްލާމް ދީން ތާއަބަދު ދެމިއޮތުމަށް ދިވެހީންގެ އަގީދާ މިހާރަށް ވުރެ ވަރުގަދަ ކުރަން ޖެހޭ ކަމަށް އެމްޑީއޭގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އިސްލާމުވި ދުވަހުގެ މުނާސަބަތުގައި އެ މަނިކުފާނު މިއަދު ނެެރުއްވި ޚިތޯބުގައި ވިދާޅުވީ، "މި މަތިވެރި ދީން މި ފަސްގަނޑުން ދިޔަ ނުދިނުމަށް ދިވެހިންގެ ހިތްތަކުގައި ދީނީ އަގީދާ މިހާރަށް ވުރެ ބޮޑަށް މަސައްކަތް ކުރައްވަން އެބަ ޖެހޭ" ކަމަށެވެ.

އެގޮތުން ސިޔާމް ވިދާޅުވީ، ސްކޫލްތަކުގައި ވެސް ދީނީ ދަރުސް ދޭ މިންވަރު އިތުރުކޮށް، ދީނީ އަގީދާ ވަރުގަދަ ކުރުމަށް އާ މަސައްކަތްތަކެއް މިއަދުގެ ސަރުކާރުން ވެސް ކުރައްވަން ޖެހޭ ކަމަށެވެ.

"އަޅުގަނޑުމެންނަށް ކިރިޔާ ވެސް ސަލާމަތެއް އޮތީ މާތްﷲ މަގުގައި ސާބިތުވެތިބުމަށް ގަދައަޅާ މަސައްކަތް ކުރެވުނު މިންވަރަކުން. އެކަން ކުރެވޭނީ ރާއްޖޭގެ ލޮބުވެތި ރައްޔިތުން އިސްލާމީ ވަހުދަތު ދޫކޮށްނުލާ އެ މާތް ދީނުގައި ސާބިތުވެ ތިބެގެން،" ސިޔާމް ވިދާޅުވި އެވެ.

ގައުމުގައި ބައި ބައިބައިވުމަށް ޖާގަ ނުދީ ދީނީ ވަހުދަތާ ކުޅުމަށް އަންނަ ފިތުނަވެރިންގެ ފިތުނައަށް ފިސާރި ސާބިތިވެ ތިބުމަށް ސިޔާމް ގޮވާލެއްވި އެވެ.

ސިޔާމް އިތުރަށް ވިދާޅުވީ، މުޅި ދުނިޔޭގައި ވެސް އިސްލާމްދީނާ ދެކޮޅު ހަރަކާތްތައް ހިނގަމުންދާ ކަން ގަބޫލު ކުރައްވަން ޖެހޭ ކަމަށާއި އެކަމުގެ އަސަރު ރާއްޖެއާ ހަމައަށް ވެސް ތަފާތު ގޮތްގޮތަށް ކުރާނެ ކަމަށެވެ. އަދި ދީނުގެ ހައްގުގައި އެ ފިކުރުތަކުން ސަލާމަތް ވުމަށް ކުރެވެން އޮތް ކޮންމެ ކަމެއް ކުުރުމަކީ މިއަދު ކޮންމެ މުސްލިމެއްގެ މައްޗަށް އޮތް ހައްގެއް ކަމަށް ސިޔާމް ވިދާޅުވި އެވެ.

އިސްލާމް ދީނާ ދެކޮޅު އެ ފިކުރުތަކަށް ސަމާލުވެ ފާރަވެރިވުމަށް ސިޔާމް ދިވެހި ރައްޔިތުންނަށް ގޮވާލެއްވި އެވެ.

ރާއްޖެ އިސްލާމްވި ދުވަހަކީ ހިޖުރައިން 548 ރަަބިއުލްއާހިރު މަހުގެ ދެ ވަނަ ދުވަހެވެ.

comment ކޮމެންޓް