އެމްއެމްޕީއާރުސީގެ ހުރިހާ މުއާލާތެއް ހިންގީ ޔާމީން އެންގެވި ގޮތަށް: ޒިޔަތު

އަބްދުﷲ ޒިޔަތު ކްރިމިނަލް ކޯޓަށް ހާޒިރު ކުރަނީ --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު

މޯލްޑިވްސް މާކެޓިންގް އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ހުރިހާ މުއާމަލާތެއް ހިންގީ ކުރީގެ ރައީސް ޔާމީން އަބްދުގައްޔޫމު ވިދާޅުވި ގޮތަށް ކަމަށް އެ ކުންފުނީގެ ހިޔާނާތުގެ މައްސަލާގައި ޖަލަށް ލާފައިވާ ކުންފުނީގެ ކުރީގެ މެނޭޖިންގް ޑައިރެކްޓަރު އަބްދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރުސީ ހިޔާނާތު މައްސަލާގައި ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ޒިޔަތު އޭނާގެ އަންހެނުން މެދުވެރިކޮށް ނެރުނު ބެޔާނުގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ރިސޯޓު ހެދުމަށް ރަށްތަކާއި ފަޅުތައް ފަޅުތައް ކުއްޔަށް ދިނުމަށް ހިންގުނު ހުރިހާ މުއާމަލާތެއްގެ ތަފްސީލު ޔާމީނަށް އެނގިލައްވާނެ ކަމަށެވެ.

އަދި ޔާމީންގެ އެންގެވުމުގެ މަތިން ހިންގި ހުރިހާ މުއާމަލާތެއްގެ ތަފްސީލު ވެސް އޭނާ އަދި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު ދިޔައީ ޔާމީނަށް އަރުވަމުން ކަމަށް ޒިޔަތުގެ ބަޔާނުގައި ވަނީ ވިދާޅުވެފަ އެވެ.

"އަދި ކޮންމެ ރަށެއް ނުވަތަ ފަޅެއްގެ ލީސް އެގްރިމެންޓް ފައިނަލް ކުރައްވަނީ ވެސް ސީދާ ކުރީގެ ރައީސް ޔާމީން." ޒިޔަތުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ޒިޔަތު ތުހުމަތުކޮށްފައިވާ ގޮތުން އޭނާ ހައްޔަރުކުރީ ފިނިފެންމާ ލޯންޗު ގޮވި މައްސަލާގައި އަދީބާ ދެކޮޅަށް ބަޔާން ދިނުމަށް ޔާމީން އެންގެވުމުން އެކަން ނުކުރުމުންނެވެ. ބަޔާން ދިނުމަށް އޭނާ އަށް ޔާމީން އެންގީ ރައީސް އޮފީހަށް ހާޒިރުކޮށްފައި ކަމަށް ވެސް ޒިޔަތު ވަނީ ވިދާޅުވެފަ އެވެ.

އަދި ދޫނިދޫގެ ގޮޅިއެއްގައި އެކަހެރިކޮށް ބާއްވައި ވަކި ގޮތަކަށް ބަޔާން ދިނުމަށް މަޖުބޫރުކޮށްގެން ދިން ބަޔާންތަކަަށް ޝަރީއަތުގެ މަޖިލީހުގައި އިންކާރުކޮށްފައިވާނެ ކަމަށް ވެސް ޒިޔަތު ވިދާޅުވެފައިވެ އެވެ. އެނާ ވިދާޅުވާ ގޮތުން އެމްއެމްޕީއާރުސީގެ އެއްވެސް ފައިސާއެއް އަދި ޗެކެއް އަދީބަކާ ހަވާލެއް ނުކުރެ އެވެ.

"އަޅުގަނޑު އެމްއެމްޕީއާރުސީގެ އެއްވެސް ޗެކެއް އަދި ޕޭމެންޓެއް ކުރީގެ ނައިބު ރައީސް އަދީބާ ހަވާލުކޮށްފައެއް ނުވާނެ. އަދި އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނާތްތެރިވެފައެއް ވެސް ނޯންނާނެ." ޒިޔަތު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީން ގެއްލިފައިވާ ފައިސާތައް ހޯދުމަށް އުފައްދާފައިވާ ކޮމިޝަނަށް ހުރިހާ އެއްބާރުލުމެއް ދޭން ތައްޔާރަށް ހުރި ކަމަށް ވެސް ޒިޔަތުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

"މައްސަލާގައި އަޅުގަނޑުގެ އިހުމާލެއް އޮތް ކަމަށް އިންސާފުވެރި ތަހުގީގެއް ހިންގި އިންސާފުވެރި ޝަރީއަތަކުން އަޅުގަނޑުގެ މައްޗަށް ކުށްސާބިތުވާ ނަމަ އެކަމުގެ ހައްގު އަދަބު ލިބިގަތުމަށް ތައްޔާރަށް ހުރި ވާހަކަ ވެސް ދަންނަވަން." ޒިޔަތުގެ ބަޔާނުގައިވެ އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ބައެއްގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ ބާރުގަދަ ބައެއްގެ ނުފޫޒުން ބޭންކް އޮފް މޯލްޑިވްސް އިން އެ ބޭންކުން އަމަލު ކުރަމުން އަންނަ ގޮތާ ހިލާފަށް ކަމަށް ވެސް ޒިޔާތުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

ބޭންކް އޮފް މޯލްޑިވްސްއަށް ތުހުމަތުކޮށް ޒިޔަތު އެހެން ވިދާޅުވި ނަމަވެސް ބޭންކުން އެކަން ދޮގު ކުރެ އެވެ. ބީއެމްއެލް އިން ބުނެފައި ވަނީ އެ ކުންފުނިން އަމަލުކުރީ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށެވެ.

ޔާމީން ކުރިން ވިދާޅުވެފައި ވަނީ، އެމްއެމްޕީއާރްސީ އަށް ކްރޮސްކޮށްފައިވާ ޗެކެއް ޖަމާކޮށްދޭ އިރު އެސްއޯއެފް އަކީ ޕްރައިވެޓް ކުންފުންޏެއްތޯ ސަރުކާރު ކުންފުންޏެއްތޯ ބޭންކުތަކަށް އެނގެން ވާނެ ކަމަށެވެ. އަދި ސަރުކާރަށް ވަންނަ ފައިސާ ޖަމާ ވާން ވާނީ މީރާއަށް ކަމެއް ނޭނގޭ ކަމަށް ބޭންކުތަކުން ބުނެގެން ނުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަދި އެމްއެމްއޭގެ ކްލިއަރިން ހައުސް. ޗެކް ޖަމާވުމަށް ފަހު ދެން ބޭންކުން ފޮނުވާނީ އެމްއެމްއޭއަށް. އެމްއެމްއޭއަށް ފޮނުވީމަ އެމްއެމްއޭގެ އެކައުންޓުން، ދެ ބޭންކު ދޭތެރޭ އުޅޭ މުއާމަލާތެއް ކަމަށް ވަންޏާ އެއް ބަޔަކަށް ކްރެޑިޓް ކޮށްފައި އަނެއް ބަޔަކަށް ޑެބިޓް ކުރާނީ. އެމްއެމްއޭ ޗެކް ކްލިއާ ކުރަން އުޅޭ ޑިޕާޓްމެންޓަށް ވެސް އެނގެން ވާނެ ތަކުރާރުކޮށް އެމްއެމްޕީއާރްސީއަށް ވަންނަ ޗެކުތަކެއް އެސްއޯއެފްއަށް ވަނަންޏާ އެމްއެމްއޭއަށް އެނގެން ވާނެ." ޔާމީން ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ޖިނާއީ ތަހުގީގެއް ހިންގައިފިއްޔާ ޖަވާބުދާރީ ވާން ޖެހޭނީ ބޭންކުތަކާއި އެމްއެމްއޭ ކަމަށެވެ.

ޒިޔަތު ވިދާޅުވީ އޭނާ ބަންދުގައި ތިން އަހަރު ވެގެން ދިޔަ އިރު އެމްއެމްޕީއާރު ސީ ހިޔާނާތާ ގުޅިގެން އެއްޗެއް ނުބުނީ ކުރިމަތިވެދާނެ ނުރައްކަލަކަށް ޖެހިލުންވާތީ ކަމަށެވެ. އަދި މިހާރު ބަޔާން ނެރުނީ މި ސަރުކާރުން އިންސާފު ގާއިމްކޮށްދޭނެ ކަމުގެ ޔަގީންކަން އަތުމުން ކަމަށް ޒިޔަތުގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް