ރާއްޖޭގައި ކޮރަޕްޝަން ފެތުރޭ ސަބަބުން ދެނެގަނެ އެކަމަށް ހައްލު ހޯދަންޖެހޭ: ގާސިމް

ގާސިމް މަޖިލީހުގެ ރިޔާސަތުގައި--- ފޮޓޯ: މަޖިލިސް

ރާއްޖޭގައި ކޮރަޕްޝަން ފެތުރޭ ސަބަބުތައް ދެނެގަނެ އެކަންތައް ހައްލު ކުރުމަށް މުވައްސަސާތައް ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ އެންޓި ކޮރަޕްޝަން ދުވަހުގެ މުނާސަބަތުގައި އެންޓި ކޮރަޕްޝަން ކޮމިޝަނުން ނެރުނު ސަޕްލިމެންޓަށް ފޮނުއްވި ހިތޯބުގައި ގާސިމް ވިދާޅުވީ ރައްޔިތުންނަށް ދައުލަތުން ފޯރުކޮށްދޭ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ވެސް، ދެފުން ފެންނަ، ރައްޔިތުންނަށް ކަމުގެ ސައްޙަ މަޢުލޫމާތު އެންމެ ރަނގަޅު ގޮތުގައި ފޯރުކޮށްދިނުމަށް އެކަންތައްތަކުގެ ތެރެއިން ކޮރަޕްޝަންގެ އަމަލުތައް މަދުކުރުމަކީ ރައްޔިތުންގެ އިތުބާރު ލިބޭނެ ކަމެއްކަމަށް ގާސިމް ވިދާޅުވި އެވެ.

"އެހެން ގައުމުތަކެކޭ އެއްފަދައިން، މި ދިވެހިރާއްޖޭގެ ތަރައްޤީއަށް ވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ، ކޮރަޕްޝަންގެ ނުބައި ޢަމަލެވެ. ގައުމުގެ ފުދުންތެރިކަން، ހަމަހަމަ ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްނުދެވޭ މައިގަނޑު އަސްލަކީ ވެސް، އަޅުގަނޑުމެންގެ ތެރޭގައި ކޮރަޕްޝަންގެ މި ނުބައި ވަބާ ފެތުރިފައިވާލެއް ބޮޑުކަމެވެ."މަޖިލިސް ރައީސްގެ ހިތޯބުގައި ވިދާޅުވެފައިވެ އެވެ.

ގާސިމް ވިދާޅުވީ ކޮރަޕްޝަންގެ އަމަލު ހިންގާ ފަރާތްތަކާއި، އެކަމަށް އެއްބާރުލުންދޭ ފަރާތްތަކުގެ މައްސަލަތައް އެއްވެސް އިސްތިސްނާއެއް ނެތި ބަލައި ތަހުގީގުކޮށް، ގާނޫނީ ފިޔަވަޅުއަޅައި، ޝަރީޢަތުގެ ކުރިމައްޗަށް ހާޒިރުކުރަން ޖެހޭ ކަމަށެވެ.

އެފަރާތްތަކަށް ކަނޑައެޅިފައިވާ އަދަބުދީގެން ނޫނީ ކޮރަޕްޝަންގެ ވަބާއިން ރާއްޖެ ސަލާމަތް ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވެފައިވެ އެވެ.

comment ކޮމެންޓް