ހުކުރު ދުވަހެވެ. ދުވަސްކޮޅަކަށް މޫސުން ސަކަރާތްވެފައި އޮތުމަށްފަހު މިއަދު އޮތީ ގަދަޔަށް އަވި ދިއްލާފައެވެ. ހެދުނު ސައިގެ ކަންތައް ނިންމާލާފައި ހަޔާތީ އުޅުނީ އެންމެންގެ ދާ ހެދުންތައް ދޮވުމަށެވެ. މިކާލްއާއި އިޝްކަން ސަޔަށްފަހު ކޮންމެވެސް މަސައްކަތެއްކުރަން އޮފީސް ބައިގާ ތިއްބާ ހަޔާތީ ކޮފީ އާއި ޗިޕްސް ގެންގޮސްދިނެވެ. ހިއްކަން އަޅާފައި ހުރި ހެދުންތައް ނަގައިގެން ތިރިއަށް އައެވެ. އިޝްކަންގެ ކޮޓަރިއަށް ވަދެފާ ހެދުންތައް އަލަމާރިއަށް ލާ ނިމިގެން ހިންދެމިލިއެވެ. މާ ބުރަކޮށް މަސައްކަތްކުރެވުނީކަން ނޭގެއެވެ. އުނަގަނޑަށް ކޮންމެވެސް ވަރަކަށް ތަދުވިއެވެ.

"ނިއުސް ޗެކްކޮށްލަންވީ....." އިޝްކަން ގެ ލެޕް ހުޅުވާފައި ހުރިތަން ފެނިފާ ހަޔާތީ ހިތަށް އެރިއެވެ. އެއާއިއެކު ސިހުނުވަރުން އަނގަމަތީ އަތް އަޅާލެވިއްޖެއެވެ. އޭގައި ހުޅުވާފައި އިން އެނިމޭޓެޑް ކާޓޫނު ޖެއްސުމާއެކު އަނިޔާވެރިކަމުން ފުރިފައިވާ ބިރުވެރި މަންޒަރެއް ނިއުޅިގެން ދިޔައެވެ. ޖިހާދީ ޖޯން ހުރީ މުޅިން ކަޅުކުލައިގެ އެއްޗެހީގައެވެ. އިސްލާމިކް ސްޓޭޓްގެ ނިޝާން އަތުން ދައްކާލައިގެންނެވެ.

"މޮމް. ޑޭޑް. ޖިހާދީ ޖޯން އިޒް ގޮއިން ޓު ސްލޯޓާ މީ. ސޭވް މީ....." އެމެރިކާ ރައީސް ރޮއިފާ ވާހަކަދެއްކިއެވެ. މާސްކް އަޅައިގެން އަތަށް ޚަންޖަރެއް ހެޔޮވަރުކޮށްގެން ހުރި ޖިހާދީ ޖޯން އެމެރިކާގެ ރައީސް ކަރުބުރިކޮށްލަންވެގެން ޚަންޖަރުގެ މިޔަ ހިންގައިލިއެވެ. އަތުގައި އޮތް ޚަންޖަރު ފޭދިފައިވާ ލޭ ފެނުމާއެކު ހަޔާތީއަށް މޭގައި އަތް އަޅައިލެވުނެވެ. ލޭވެސް ގަނޑުފެނަށް ބަދަލުވީހެން ހީވިއެވެ. އެހާވެސް ފިނިވިއެވެ. އަސްލެއް ނެތަސް އެކުރެހުމުންވެސް ހިތް ރޫ ރޫ އަޅުވާލައިފިއެވެ. އިސްލާމީ މުޖާހިދުން މިހާ އަނިޔާވެރި އަމަލުތަކެއް ހިންގަފާނެ ކަމަށް އޭނަ ގަބޫލެއްނުކުރެއެވެ. ކޮންމެގޮތެއް ވިޔަސް ހުރިހާ ނޫހެއްގައި "ޖިހާދީ ޖޯން" ގެ ވާހަކަތައް އައި ދުވަސްވަރުކަމުން މީނަ ކާޓޫނަކުން ފެނުމާއިއެކުވެސް ހަޔާތީއަށް ދެނެގަނެވުނެވެ. އޭނަގެ ކޮއްކޮ އިޝްކަން މިކަހަލަ އެނިމޭޓެޑް އެއްޗެހި ބަލަންވީ ކީއްވެހެއްޔެވެ؟ މީގެ ތިންމަސް ކުރިން އޭނަ ދަންނަ އިޝްކަން މިފަދަ އަމަލެއް ނުހިންގާނެއެވެ. ކުއްލިއަކަށް އިޝްކަންއަށް މިހާ ބޮޑު ބަދަލެއް އަންނަންވީ ސަބަބަކީ.......މިކާލް.....

"ނުވާނެ އެހެނެއް. މިކާ އެކަހަލަ ކަމެއްނުކުރާނެ އެކަމަކު ދެން ޝޭން މިކަމަށް ޝައުގުވެރިކުރުވާނީ އެހެން ކާކުތަ؟ " ހަޔާތީގެ ހިތުގައި ބުނަން ނޭގޭފަދަ ބިރުވެރިކަމެއް އުފެދުނެވެ. އިޝްކަން ޕާސްވޯޑް ނުޖަހާ ހުރުމުން ހާވާލާން ފަސޭހަވިއެވެ. ހިސްޓްރީ ބައި ހުޅުވާލުމުން ހިތް ތެޅޭލެއް ބާރުވިއެވެ. ޔޫ ޓިއުބުން ބަލާފައި ހުރީ މުޅިންވެސް އިސްލާމިކް އެއްޗެއްސެވެ. ނުވީތާކަށް އައިއެސްއާއި ބެހޭގޮތުން ބީބީސީއިން ދެއްކި ޑްރާމާ "ދަ ސްޓޭޓް" ވެސް ޑެސްކްޓޮޕް ފޯލްޑާއެއްގައި އިނެވެ. އަރަބިބަސް ދަސްކުރަންވެގެން ކޮންމެވެސް އެޕެއް އަޅާފައި އިނުމުން އަރަބިބަސް ދަސްކުރާކަން ސާބިތުވިއެވެ.

އެންމެ ކުރިން ޖައްސައިލެވުނީ "އިންޓަވިއު ވިތު ކެޕްޗާޑް އައިއެސް ކޮމާންޑަރ" ގެ ނަމުގައި ޔޫޓިއުބަށް ލާފައިވާ ވީޑިއޯއެކެވެ. އޮރެންޖްކުލައިގެ ޖަމްޕް ސޫޓެއްލައިގެން އަތުގައި ބިޑި އަޅުވާލާފައި ހުރި ކޮމާންޑަރުގެ މޫނަށް ބަލާފައިވެސް ހަޔާތީގެ ހިތަށް ބިރުވެރިކަންވަނެވެ. ހަމަ ސީދާ ޓެރަރިސްޓަކާއި ހަމަލޮލުން ބައްދަލުވިކަހަލަ އިހުސާސެއް ކުރެވުނެވެ. އެލޮލުން ފެނުނީ ފިނިކަމެވެ. އެއްވެސް ކަހަލަ ރަހުމެއްނެތް ފާޑެވެ. ތުންފަތްމަތީގައި މަލާމާތުގެ ހިނިތުންވުމެކެވެ.

"ޑޫ ޔޫ ހޭވް އެނީ އައިޑިއާ ހައު މެނީ ޕީޕަލް ޔޫ ކިލްޑް؟"

"ވިތް މައި ހޭންޑް ދަ ނަމްބާ އޮފް ޕީޕަލް އައި ކިލްޑް އެންޑް ސްލޯޓާޑް ވުޑް ބީ އެބައުޓް ނައިން ހަންޑްރެޑް ޕީޕްލް. ސަމްތިން ލައިކް ދެޓް."

"ގްރްރރް ހީޒް ސިކް....." ހަޔާތީ އަނަގަޔަށް ހަދައިލިގޮތުން ހިތި އެއްޗެއް ކެވުނުފަދައެވެ. އިންޓަވިއު ކުރަން ތިބި ދެމީހުންނަށްވުރެ އެ ވީޑިއޯ އިން ހަޔާތީއަށް ކުރި އަސަރު މާ ބޮޑެވެ. ރުޅިން ފަޅައިގެންދާ ވަރުވުމާއެކު އިތުރަށް އެންމެ ތަންކޮޅެއް ބަލައިލާކަށް ހިތެއް ނޭދުނެވެ. ވެވޭނެނަމަ މީގެ އެތެރެއަށްވަދެ އެމީހާގެ މޫނުމަތީ ތަފާލެއް އަޅާފައި އެއްޗެހި ކިޔައިގަނެވުނީހެއްޔެވެ. މޫނުމަތި ނޮޅާލެވުނީހެވެ. ކުށެއްނެތް މައުސޫމް ފުރާނަތަކެއް ރަހުމެއް ނެތި ދުއްވާލާއިރު މި މީހުން އިންސާނުންގެ ގިންތީގައި ހިމެނޭނެ ހެއްޔެވެ؟ ޔަގީނުންވެސް އެއީ އިންސާނުންކަމަށްވެސް ހަޔާތީ ގަބޫލެއްނުކުރިއެވެ. އިންސާނުންގެ ސިފައިގާ ތިބި ޝައިތާނުންތަކެވެ. އޭނައާއި އިންޓަވިއު ކުރަން އެދެމީހުން ދިޔަކަމުގެ މޮޔަހިތަށް އެރިއެވެ. އިންޓަވިއުކޮށް މަޝްހޫރުކަން ހޯދަދޭވަރުގެ ބަޔަކީއެއް ނޫނެވެ. މިމީހުންގެ ވާހަކަ އިރުއިރުކޮޅާ ދައްކާފައި "ހީރޯ" އިންނަށް ހަދައިގެން އުޅެންޏާ އިތުރަށް ހިތްވަރު ލިބޭނީއެވެ. ނޫސްވެރިޔެއްގެ ގޮތުގައި ހުރެ ކުރަން އެއަށްވުރެ ރަގަޅުކަމެއް ހަމަ ނުފެނުނީތާއޭ ހިތާ ހިތުން ސުވާލުކޮށްލެވުނެވެ. ލެޕް ލައްޕާލެވުނީ ތަންކޮޅެއް ބާރަށެވެ. އޭނަ ފުރާނަ ހުރެގެން ކޮއްކޮ މިކަހަލަ އަނިޔާވެރި ޖަމާއަތަކާއި ގުޅުނަކަ ނުދޭނެއެވެ. އެމީހުންނަށް ތާއީދުކުރާކަށްވެސް ކެތެއްނުވާނެއެވެ. އިޝްކަން ފުރަތަމަ އެހާ ހައްދުފަހަނަޅާފައިވާ ޖަމާއަތަކަށް ވަންނަން އުޅޭއިރު ފަރުޟު ފަސްނަމާދުކޮށް އުޅޭ ކުއްޖަކީ އެއް ނޫނެވެ.

"މިކާ....ކީއްވެ؟ " ހަޔާތީގެ ހިތުގައި ޝަކުވާ އުފެދުނެވެ.

އެއްކޮޅުން ލޯބިވާ ފިރިމީހާއެވެ. އަނެއްކޮޅުން އެންމެ ލޯބިވާ ކޮއްކޮއެވެ. ލޯބިވާ ދެމީހަކު އާއިދު ހިނގި މަގުން ގޮސް އަބަދަށްޓަކާ ގެއްލިގެން ދިޔުމަށް އޭނަގެ ހިތް ކުޅަދާނަވާނެގޮތެއް ވިސްނުމަކަށް ނައެވެ. މި ޖިހާދީއިންގެ އަނބިންނާއި އާއިލާ އުޅޭނެ ހާލު ހިތަށް އަރާފައި ހަޔާތީ ދެރަވިއެވެ.

ހަޔާތީ ދޮރުމައްޗަށް އެރިއިރު މިކާލްއާއި އިޝްކަން ދައްކަމުން ދިޔައީ ޖިހާދުގެ ވާހަކައެއް ނޫނެވެ. ހުކުރުން އައިސްފާ މަހަށް ދާން ދެމީހުން ރާވަނީއެވެ. ބާބެކިއު ބާއްވާނީ ޓެރެސްގައެވެ. މިލާފައިވާ ހަޔާތީގެ ހިތުގައި ޖޯޝެއް އުފެދުނެވެ. ޖިހާދަށް ދާން އުޅޭ ކުދިންނެއް މަސްބާނާ މިހާ މަޖާކޮށެއް ނޫޅޭނެއެވެ. އަދި ބުޅާގަނޑެއް ތަނެއްގައި އޮތީމަ ބިރުން އުޅުނު ކުއްޖަކު ކަނޑިތަކުގެ ހިޔަލަކަށް ނުދާނެއެވެ. ދެން ހުރީ އޭނަގެ މިކާލްއެވެ. އެހާ ލަދުރަކިއެވެ. ދަތްތައް ދައްކާލައިގެން ހީލުންވެސް އުދަގޫކަމަކަށްވެފައިވާ ޒުވާނެކެވެ. އޭނައަށް ޝައްކުކުރެވުނީތީ ހިތާމަކުރިއެވެ.

"ހަޔާ ނުދާނަންތަ؟ "

"ފިރިހެން ކަމެއްނު ތީ މިކާ. ބޯއިސް އިންދޭ. އައިމަ މަސް ފިހެދޭނަން. ހެދުނުއްސުރެ ބިޒީކޮށް އުޅުނީމަ ވަރަށް ޓަޔަޑް. އަދި މާދަން ވަކިން ބިޒީވާނެ. ސޯ ކުޑަކޮށް ރެސްޓްކޮށްލާނަން އިގޭ ..." ހަޔާތީ ލޯބިގޮތަކަށް ހިނިތުންވެލައިގެން ބަލަން ހުއްޓެވެ. އިޝްކަން ހެދުން ބަދަލުކޮށްގެން އެބަ އަންނަމޭ ކިޔާފައި އޭނަ ހުންނަ އެޕާޓްމެންޓާއި ދިމާލަށް ހިނގައިގަތުމުން ހަޔާތީ މިކާލްގެ އަތުގެ މުލައްދަނޑީގައި އަތް އަޅުވައިލީ ގާތްކޮށެވެ. ހަޔާތީ އަލަމާރި ހުޅުވާލާފައި މިކާލްގެ ހެދުންތައް މަދުކަމުން ސުވާލުކުރުމުން މިކާލް ހީފައި ކޮންމެވެސް ޖޯކެއް ޖަހައިލީއެވެ. އެވާނީ ހަންޑިއަކު ގެންދިޔައީކަމަށް ބުނެފައި އެވާހަކައަށް ހަޔާތީ ހިތްހަމަޖެހޭފަދަ ޖަވާބެއްނުލިބުނެވެ. މިކާލްވެސް މަސްބާނަން ދާންވެގެން ދިގު ސޯޓަކާއި ޓީޝާޓެއް ބޮލަށް މަހާލުމަށްފަހު ދަމުން ހަޔާތީގެ ނިތްކުރީގައި ބޮސްދިނެވެ. ލޯބިވާ ވާހަކަ ބުނެލިއެވެ. މިކާލް ހަމަ ނޯމަލްއެވެ. އާއިދުހެނެއް ނޫނެވެ. މިކާލްއަށް އާއިދު އެއުޅޭގޮތަކަށް އުޅޭކަށް ނުކެރޭނެއެވެ. ނިރުބަވެރި ޖަމާއަތަކަށް ނިސްބަތް ވާ މީހަކަށް މިކާލް ނުވާނެކަމަށް ހިތަށް ހާސްފަހަރު ވިސްނާދީފިއެވެ.

މިކާލްއާއި އިޝްކަން މަސްބާނަން ގެއިން ނުކުތުމާއިއެކު ކޮޓަރި ތަޅުލާފައި ހަޔާތީ އުޅެގަތީ އެހެން މަސައްކަތަކާއެވެ. ފާރުގައި ހުރި ތަސްވީރު ނެގުމަށްފަހު ތިޖޫރީ ހުޅުވަން އޭނަ މަސައްކަތްކުރިއެވެ. އުޅެ އުޅެ އެކަމެއް ނުވިއެވެ. ފާރުގައި ހަތަރެސްކަން ގޮޅިގޮތަށް ކުރެހުން އަޅާފައިވާއިރު އެތަނުން ސްވިޗެއްކަހަލަ އެއްޗެއް ފެނުނީއެއްވެސް ނޫނެވެ. އިރުކޮޅެއްވާންދެން ބޯ ގާނަން އިނދެލާފައި އެކަން ހުއްޓާލަން ނިންމިއެވެ. މިކާލް ގެއަށް އައީމަ އެ ތިޖޫރީ ހުޅުވާނީ ކިހިނެއްތޯ އަހާލާނީއެވެ. އޭނަ އެއްޗެއް ރައްކާކުރަންވިޔަސް އެންމެ ރައްކާތެރި ތަނަކަށް މިހިރީ މިބައި ނޫންހެއްޔެވެ.

އަލަމާރީގެ ތަޅުލާފައިވާ ވަތްގަނޑު ހުޅުވަންވެގެން ޕިނެއްލައްވައިގެން އުޅެނިކޮށް ނަސީބަކުން ހުޅުވޭގޮތްވިއެވެ. އަޖައިބުވެ އަންތަރިސްވާވަރުވިއެވެ. މިކާލް ތައުލީމް ހާސިލުކޮށްފައިވާތަނެއް ނޭގިގެން އުޅެނިކޮށް ޔޫކޭއިން ކަން އެނގުމުން ތަލިން ކުޅު ހިކުނެވެ. ޔޫކޭ ޔުނިވާސިޓީއަކުން ބައޯ ކެމިސްޓްރީއިން ޑިގްރީއެއް ހަދާ އެއްވަނަ ދަރަޖައިގާ ފާސްވެފައެވެ. ޔޫކޭ ޔުނިވާސިޓީއަކުން މިކާލް ބައޯކެމިސްޓަކަށް ވީމަ ހާދަ މޮޅެވެ. ކިހާ ސަޅިކަމެއްހެއްޔެވެ؟ ކެންސަރު ނޫނީ އޮޓޯ އިމިއުން ޑިޒީޒްއަކަށް ފަރުވާއެއް ހޯދަން އެކަމާ އުޅެންވީނޫންހެއްޔެވެ؟ ބޭރު ގައުމަކުން ރަގަޅު ވަޒީފާއެއްވެސް ލިބިދާނެއެވެ. އޭނައަށްވެސް އެ ގައުމުގެ ޖާނަލިސްޓަކަށް ވެވިދާނެއެވެ.

"ފަހަރެއްގައި ޔޫކޭއަށްގޮސް ބީބީސީގައި ރިޕޯޓަރެއްގެ ގޮތުން މަސައްކަތްކުރެވިދާނެ. ކިހާ ރަގަޅު އޮޕޮޗުނިޓީއެއް. މިކާއަށް ކޮންވިންސް ކުރުވަންވީ ބޭރު ގައުމަކުން ވަޒީފާ ހޯދައިގެންދާން. ހާދަ ދާހިތްވެއޭ އެކަމަކު މިކަހަލަ ފުރުސަތެއް އަދި ނުލިބޭ...." ހަޔާތީގެ ސިކުނޑީގައި ކުރިއަށް ވާން ހުރިކަންތައް ރާވާލެވުނެވެ. މިކާލް ކިޔެވި ޔުނިވާސިޓީ އެނގުމުން ފަޚުރުވެރިކަމެއްވެސް ލިބުނެވެ. އެންމެ ތިރީގައި ހުރީ އޭނައަށް ހެވިކަމުގެ ރޮގުން ލިބިފައިވާ ސެޓްފިކެޓްތަކެވެ. މާޝަލް ޓްރެއިނިން ހަދާފައިވެސް ހުއްޓެވެ. ކޮލެޖްގައި އުޅުނުއިރު ބާސްކެޓްބޯޅައިގެ ތަރިއެކެވެ. އެތައް ހުނަރުތަކުން ފުރިފައިވާއިރު މިކާލް އުޅޭލެއް މަޑުމައިތިކަމުން ކޮލެޖްގައި އެހާ ހަރަކާތްތެރިކޮށް އުޅެފައިވާ ޒުވާނެއްކަމަށް ހަޔާތީ ފަހަރެއްގައިވެސް ހީކޮށްފައެއްނުވެއެވެ.

މިކާލްމެން މަސްބާނައިގެން އައުމަށްފަހު ޓެރެސްގައި މަސްފިހުމުގެ ޕްރޮގްރާމެއް އޮތެވެ. ސާދަ ވިލޭރޭގެ ހަނދު ފަލަކުގައި ވިދާ ބަބުޅާއިރު އެ ރޭ އިތުރަށް ހިތްގައިމު ކުރުވާފައިވިއެވެ. ކެއުމުގައި މަންމައާއި ބައްޕަ އަދި ދޮންތަމެންނާއި ކުދިން ބައިވެރިކުރިއެވެ. އާއިލާ މީހުން ތެރޭ މިކާލް އުޅުނީ ނިކަން މަޖާވެފައެވެ. ފިހެވެމުންދާ މަސްތަކާއި އަލުވި ސޮސެޖް އަދި މާޝްމެލޯގެ މީރުވަސް އަރަންފެށުމުން ކުޅުދިޔާވާވަރުވިއެވެ. ތަށިތަކަށް ފިހުނު އެއްޗެހި ލައިގެން ޓެރެސްމަތީގައި އަޅާފައި އޮތް ކުއިލްޓްމަތީ ޖައްސައިލިގޮތަށް އެންމެ ކުރިން ވާހަކަ ދެއްކީ މިޝާއެވެ.

"ރޭ ފެނުނު ހާ ރީތި ހުވަފެނެއް މިއިން ޒަމާނަކު ނުފެނޭ. އިޓް ވޯޒް ސްނޯވިން. އާއިދު އަތް ހޫރާފައި ސަލާމްކުރަމުންގޮސް ރަންކުލައިގެ ރޭލަކަށް އެރީ . މުޅިން ހުދު އެއްޗެހި ލައިގެން ހުރީ. އަހަރެމެން އާއިލާ އެންމެން އޭނަ ފުރުވަން ގޮއްސަ ތިބެފައި ބުނިން އަހަރެމެންވެސް ގެންދާށޭ. ހީލާފައި ބުނީ މިދަނީ އެންމެ ރީތި ތަނަށޭ. މިތަނަށް އަންނަން ކޮންމެހެންވެސް މަސައްކަތްކުރާށޭ. އެ ހުވަފެން ފެނިފައި ހޭލެވިގެން ހިތަށް އެރީ އާއިދު ޝަހީދުވީއޭ. އެހާ ރީތި ހުވަފެނެއް ޝައިތާނާގެ ފަރާތަކުން ނުފެންނާނެ. އަލްހަމްދުލިﷲ. އާދު ގެ ނަސީބު ރަގަޅުކަމުން އެންމެ ބޭނުންވިގޮތަށް ދުނިޔެއާއި ވަކިވެގެން ދިޔައީ. ޝަހީދެއްގެ ދަރަޖައިގާ އިރުކޮޅެއް ކުރިން ސަމާ މިއޮތީ ވަޓްސްއަޕްއިން އާދު ޝަހީދުވެފައި އޮތް ފޮޓޯއެއް ފޮނުވާފައި.................." މިޝާ އޭނަގެ ފޯނު ހުޅުވާފައި ތެދުވެގެންގޮސް ކޮންމެ މީހަކަށް ވަކިން އެފޮޓޯ ދައްކާލައިފިއެވެ.

"މާޝާﷲ. މާޝާﷲ......." މުފުތިހާ ހެޔޮ ދުޢާކޮށްލިއެވެ.

"އެމޭޒިން...." ހަޔާތީ ހުރިހާ ދަތްތައް ފެންނަވަރަށް ހީލި ނަމަވެސް އެތެރެ އެތެރެއިން އަނދަންފެށިއެވެ. މިއާއިލާގެ އެންމެންގެ ސިކުނޑިތައް ދޮވެލާފައިވާކަން މިރޭ މި ސިކުންތުކޮޅު އޭނަ ދެނެގެންފިއެވެ. އެންމެން ގަބޫލުކޮށްގެން އެތިބެނީ އާއިދުއަކީ ޝަހީދެއްކަމުގައެވެ.

"ޑޭމިޓް. ދޮންތަމެންނަށް ހަމަ ނޭގެނީތަ؟ އެހާ ސްޓުޕިޑްތަ؟ މިޒަމާނުގައި ނުލާހިކު މޮޅަށް އެޑިޓްކޮށްލައިގެން ފޮޓޯޝޮޕް ހަދައިގެން މޫނަށް މި އަލިކަން ގެނެވިދާނެ. އެހެންނޫނަސް މިއީ އާދު މަރުނުވަނީސް ނަގާފައި އޮތް ފޮޓޯއެއްކަން މަށަށް ޔަގީން. މަރުވުމުގެ ކުރިން ހުރިހާ ދަތްތައް ފެންނަގޮތަށް ހީލައިގެން އޮވެ ވީޑިއޯ ނަގާފައި މިހިރީ. ހޫމް އަހަރެންވެސް ގަބޫލުކުރަން. ޝަހީދުންނަށް ލިބޭނެ މަތިވެރި ދަރަޖައިގެ ވާހަކަ ކަލާމްފުޅުގައި އޮވޭ. އެކަމަކު މި ފޭކް ވީޑިއޯތަކާއި ފޮޓޯތައް....ޕިސް ޕިސް. ދޮންތަމެން އެކަނި ގަބޫލުކޮށްގެން އީމާންވެގެން ތިބޭ. އައި ޑޯންޓް..." ހަޔާތީގެ ހިތަށް އެތަކެއް އެއްޗެއް އަރާ ފޭބިނަމަވެސް އޭނަގެ ދުލާއި ހަމަޔަށް އެންމެ ލަފުޒެއްވެސް ނައެވެ. ލޯބިވާ މިކާލްގެ އާއިލާއަށް ވުމުން އެމީހުންނަށް ހިތުގައި ދެވިފައިވާ ގަދަރާއި ކުރެވޭ އިހުތިރާމް ބޮޑެވެ.

"ޖިހާދަށް ދެން ދާނީ މިކާހެން ވަރަށް ހީވޭ..." މިޝާގެ ޖުމްލައާއިއެކު މިކާލްއަށް ބަލައިލެވުނީ ހަޔާތީގެ މޫނަށެވެ. ހަޔާތީ މިޝާއަށް ކަޅިއަޅައިލިތަން ފެނިފާ މިކާލްއަށް މަޖާވިއެވެ. ހަޔާތީގެ ލޮލުން މިޝާ އަޅިއަށް ހަދާލަފާނެހެން ހީވި ވަގުތުކޮޅެކެވެ. މިކާލް ހަޔާތީގެ ކޯތާފަތުގައި ހިފާލިއެވެ.

"މި ޗައިލްޑިޝް ކުއްޖާ އެކަނި ދޫކޮށްލާފައި ކިހިނެއް ދާނީ.." މިކާލް ބުނެލިއެވެ.

މުޅިންވެސް ދެކެވުނީ ސީރިޔާގެ ވާހަކަތަކެވެ. ސީރިޔާގައި ޝަހީދުވަމުންދާ އުޚުތުންނާއި އަޚުންގެ ވާހަކައެވެ. ބައްޝާރުލްއަސަދުގެ އަނިޔާތަކެވެ. ކެމިކަލް ހަމަލާތަކުގައި މަރުވަމުންދާ ކުށެއްނެތް ޅަކުދިންނާއި އަންހެނުން އަދި މުސްކުޅިންނާއިމެދު ހަމްދަރުދީވާ ވާހަކައެވެ. މުސްލިމް ފިރިހެނުންނަށް އެ މަންޒަރު ބަލަން ކެތްކުރެވޭކަމާއިމެދު ހައިރާންވާކަމުގައެވެ. ފިރިހެނެއް ވެއްޖެއްޔާ ހިތްވަރާއިއެކު ނުކުމެ އެ އަނިޔާތަކުން މުސްލިމުން ސަލާމަތް ކޮށްދޭނެކަމުގައެވެ. އެންމެ ފޯރިއާއިއެކު ވާހަކަދެއްކީ މިޝާއާއި ހިނާއެވެ. މިކާލް އެ މައުޟޫއަށް ވާހަކަ ނުދެއްކިޔަސް ދޭތެރެއަކުން މިޝާމެންނާއި ބައިވެގެން ބައްޝާރުލް އަސަދުއަށް ޖޯކެއް ޖަހައިލައެވެ. އޭނައަކީ ކާފަރެއްކަމުގައި މިކާލް ބުނިގޮތުން ހަޔާތީ ސިއްސައިގެން ގޮސް ދެލޯ ބޮޑުކޮށްފައި ބަލައިލީ އޭނައަށް އެކަން އެނގޭކަމަކަށް ނުވީމައެވެ. އޭނަ ދަންނަގޮތުން ބައްޝާރުލްއަސަދު އަކީ ޝިއައީ މުސްލިމެކެވެ. ޝިއައީ މުސްލިމުން ކާފަރުންނަށް ވާނެހެއްޔެވެ؟ އެމީހުން ދެން ހައްޖުވެ މަދީނާވަނީ ކީއްވެހެއްޔެވެ؟ ޝިއައީ މެޖޯރިޓީ އޮންނަ އިރާން އާޒަރުބައިޖާން އިރާގު އަދި ބަހުރައިން މުސްލިމު ގައުމުތަކަށް ނުވަނީހެއްޔެވެ. ނަމަވެސް މިކާލްގެ އާއިލާ ކުރިމަތީގައި އޭނަގެ ގަދަރު ކުޑަވާފަދަ ގޮތަކަށް ދެކޮޅަށް އެއްޗެކޭ ނުބުނަންވެގެން ކެތްކޮށްލައިގެން އިނީއެވެ. އެހެންނޫނަސް މިއީ ހަމަ ވަރަށް ނާޒުކް އިޝޫއެކެވެ.

އަދި ޒެއިންއާއި ޒުހަލްވެސް ދެލޯ ބޮޑުކޮށްލައިގެން އެ ވާހަކަތައް އަހަން ޝައުގުވެރިކަމާއިއެކު ތިބިގޮތުން ހަޔާތީ ވަކިން ކަންބޮޑުވިއެވެ. އެ ޅަ ސިކުނޑިތަކަށް މި މީހުން ވައްދާދެނީ ކޮންފަދަ ވާހަކަ ތަކެއްހެއްޔެވެ؟

ކެއުން ނިންމާލާފައިވެސް އިރުކޮޅެއްވާންދެން އަނގަ ތަޅާލަން ތިބުމަށްފަހު ހުރިހާ ކުދިންވެސް ޓެރެސް ސާފުކުރިއެވެ. ފަހަރަކު މީހަކު ދަމުންގޮސް ޓެރެސްގައި މިކާލްއާއި ހަޔާތީ އެކަނިވިއެވެ. ޓެރެސްގެ ރެއިލިން ކައިރީ ވިޔެފައި ހުރި ޖޯއްޔެއްގައި މިކާލް އޮށޯވެލައިގެން ނިތްމަތީ އަތް ބާއްވައިގެން ތަރިތަކަށް ބަލަން އޮވެ ކުރާ ފިކުރެއް ނޭގެއެވެ. ހަޔާތީ ޖެހިގެން ހުރި ޖޯލީގައި ޖައްސައިލިއެވެ.

"މިކާ ތިހެން އޮތްވާ ސެލްފިއެއް ނަގަން ބޭނުން........"

"ބޭނުންވަރަކަށް ނަގާ. ޓުމޯރޯ ނެވާ ކަމްސް ދޯ.." މިކާލް ހަޔާތީ ގެނެސް ކައިރިކޮށްލިއެވެ. ދެމޫނު ޖެހި ފިތޭވަރަށެވެ. ދެމަފިރިންނަށްޓަކާ ހަނދު ހިނިތުންވެލައިގެން ކާއިނާތަށް އަލިކޮށްލައިގެން އިންއިރު އެ މަންޒަރު ކިތަންމެހާވެސް ރިއްޗެވެ. އެތައް އިރެއްވާންދެން އެހެން ހުރިހާ ޚިޔާލުތައް އެއްފަރާތްކޮށް އެދެކުދިން އަމިއްލަ ދުނިޔެއަކަށް ގެއްލިފައި ތިއްބެވެ. އިޝްކަން ގުޅަންފެށުމުން ހަޔާތީއަށް އުދަގޫވެސް ވިއެވެ. ނަމަވެސް މިގަޑީގައި ގުޅާނީ ކޮންމެވެސް ބޮޑުކަމަކު ނޫންހެއްޔެވެ. އަވަހަށް ތެޅެމުން ފޮޅެމުން ސިޑި ގިރާކޮށް ލިފްޓަށް އެރިއެވެ.

އިޝްކަން އިނީ ލެޕް ހުޅުވާލައިގެންނެވެ.

"ޗެކް ދިސް އައުޓް.." އިޝްކަން އެދުނެވެ. އިޝްކަން ވީޑިއޯ ޖައްސާލުމާއިއެކު ޖިހާދީ ޖޯން ފެނުމުން ސިހޭގޮތްވިއެވެ. ހިތްހަމަނުޖެހިފައި ސުވާލުކުރަން އުޅުނުތަނާ އަދި ފެނުނީ އެނިމޭޓްކޮށްފައިވާ އަމްރާންއެވެ. އެނިމޭޓްކޮށްފައިވާއިރު ވެސް އެ ފިރިހެނާގެ ވަރުގަދަ ކަޅު ބުމައާއި ތޫނު ދެލޮލުން ހަޔާތީގެ ހިތް އަވަސްކުރުވިއެވެ.

"ހަޔާތީ. حياتي. ޖިހާދީ ޖޯން އިޒް ގޮއިންޓް ޓު ސްލޯޓާ މީ. ސޭވް މީ. ޕްލީޒް.." އެމެރިކާގެ ރައީސްގެ ބަދަލުގައި މިފަހަރު އަމްރާންލާފައި އިޝްކަން އެނިމޭޓްކޮށްލާފައި ހުރިއިރު އޭނަގެ ކުޅަދާނަކަން ހާމަވިއެވެ. އަމްރާންގެ އެ ޖުމްލައިން ހަޔާތީ ޕަކަޕަކައަޅާފައި ހެވިއްޖެއެވެ. އިޝްކަންގެ ލާނެތްކަން ބޮޑީއެވެ. އެމެރިކާގެ ރައީސްވެސް ސަލާމަތަށް އެދި ގޮވީ އޭނަގެ މައިންބަފައިންނަށެވެ. އަމްރާން ލައްވާ އަދި ހަޔާތީއަށް އާދޭސްކުރުވީމަ އެކަން ހަޔާތީއަށް މަޖާކަމަކަށްވީއެވެ.

"އިޓްސް ނޮޓް ފަނީ..." ހަޔާތީ ރުޅި އަންނަކަމަށް ހެދެން އުޅުނަސް ކޮންޓްރޯލެއްނުވިއެވެ. ހެވެންފެށުނުއިރު އަމިއްލަ ނަފުސަށް އެއްވެސް ބާރެއްނެތެވެ. ހެމުންގޮސް ބަނޑުގައި އަތް އަޅައިގެންވެސް ހުނެވެ. އޭނަ ރަގަޅަށްވެސް މޮޔަވި ބާވައޭ ހިތަށް އެރިއެވެ. ތަކުރާރުކޮށް ދެތިންފަހަރު ބެލިއެވެ. އަސްލެއް ނަމައެވެ. ނަމަވެސް ޖިހާދީ ޖޯން އަމްރާން ކަރުކަނޑާލާތަން ދެކޭކަށް ނޫނެވެ. އަމްރާން އޭނައަށް އާދޭސްކުރާ މަންޒަރު އެއީ ހަޔާތީ އަސްލަށް ދެކެން ބޭނުންވާ މަންޒަރެކެވެ. އިޝްކަންއަށް ހަޔާތީގެ މާޒީ މުޅިން އެނގިފައި ނެތަސް އޭނައާއި އަމްރާންގެ ދޭތެރޭ އޮންނަ ދުޝްމިންކަން އެނގެއެވެ. އަމްރާންގެ ޕާޓީދެކެ ހަޔާތީ ނަފްރަތުކުރާވަރުން އަނެއް ޕާޓީގެ އެކްޓިވިސްޓެއްފަދަ މީހަކަށް ހަޔާތީއައިއެކު އިޝްކަންވެސް ވިއެވެ. އަމްރާން ޓެގްކޮށްލާފައި މި ވީޑިއޯ ފޮނުވަން އިޝްކަން ނިންމިއެވެ.

حياتي ހުނުން ހުއްޓާލާފައި މޫނު ދޮވެލައިގެން ޓިޝޫއަކުން ފެންހިއްކަންފެށިއެވެ.

"މި ކިހާ މަޖާ. އަމްރާންއަށް ފެނިއްޖެއްޔާ ވަރަށް ނައްޓާނެ.." އިޝްކަންގެ ތުންފަތުގައި ނުލަފާ ހިންޏެކެވެ.

"ނޫން ނޫން މަޖަލެއްނޫން. ޑިލީޓް އިޓް. ނައިޓްމެއާސްވެސް ފެންނާނެކަން ޔަގީން....." ހަޔާތީއަށް ބުނެވުނެވެ.

"ކުރީ ދުވަހު ކޮއްކޮ ލެޕް ހުޅުވާފައި ހުއްޓާ ފެނިގެން ސުވާލުކުރަން މިހިރީ. ކީއްވެގެންނޯ އިސްލާމިކް ސްޓޭޓްއަށް މާ އިންޓެރެސްޓް ޖެހިގެން ތިއުޅެނީ؟ އެނގެއެއްނު އެމީހުން ހައްދު ފަހަނަޅާފައިވާވަރު؟ " ހަޔާތީ އައިސް ހުއްޓުނީ އިޝްކަން އިށީދެއިން މޭޒުކައިރީގައެވެ.

"މިކާލް އެއްޗެކޭ ބުނީތަ؟ ދޮންތަގާތު ތެދަށް ބުނެބަލަ..."

"ހަހަ. ދޮންތީ ހާދަ ސީރިއަސްވީ. މިކާއާއި ދެމީހުން ދީނީ ވާހަކަ ދައްކަން. އެކަމަކު އާދުއަކީ ކްލާސްމޭޓެއްގެ ކަޒިންއެއް. އޭނަގެ ފަރާތުން އައިއެސްއާއި ބެހޭމައުލޫމާތު ލިބިގެން ކުޑަކޮށް ބަލައިލާހިތްވީ. އެހެންނޫނަސް ނޫސްތަކުގައާއި ސޯޝަލް މީޑިއާތަކާއި ޔޫޓިއުބްގައި އައި އެސް ވައިރަލްވެފައި އޮތީ. ޑޯންޓް ވޮރީ ޑާލިން ދޮންތި. އައިމް ސްކެއާޑް އޮފް ޑައިން....." އިޝްކަން ބުނެލީ ތެދަށެވެ. މަރު ހިޔަނިހެން ގާތުގައިވިޔަސް އަމިއްލައަށް އެނގި ފެނިގެން ހަގުރާމައިގެ ފްރޮންޓްލައިނަށް ދާކަށް އޭނަ ބޭނުމެއްނޫނެވެ.

"ގުޑް ބޯއި. ލަވް ޔޫ ލިޓްލް ވަން.." ހަޔާތީ އިޝްކަންގެ ނިތަށް ބޮސްދީފައި އިސްތަށިގަނޑު ހާވާލުމަށްފަހު ރަގަޅަށް ނިދާލާށޭ ކިޔާފައި ނުކުމެގެންދާން ހިނގައިގަތެވެ. ދޮރާއި އަރާ ހަމަވެފައި އެނބުރި ބަލައިލިއެވެ. "ދޮންތައަށް އެވީޑިއޯ ކްލިޕްކޮޅު ވައިބާ ކޮށްލައްޗޭ..."

އެރޭ ހަޔާތީއަށް ބިރުވެރި ހުވަފެނެއް ފެނިގެން ހަޅޭއްލަވައިގެންފާ ފުންމައިގެން ތެދުވުނެވެ. ފިނި ދަލެއް ހިއްލާލާފައި މޭގަނޑު ތެޅެމުން ދިޔައީ އާދަޔާ ޚިލާފަށެވެ. އޭނައަށް ވީގޮތް ފެނި މިކާލް ހަޔާތީގެ ގައިގާ ހިފަހައްޓާލައިގެން އިނެވެ.

"ރިލެކްސް އައިމް ހިއާ....."

"ޖިހާދީ ޖޯން.......ހުވަފެނުގައި އޭނަ...އައީ. ރޭ ޝަހާދަތް ނުކިޔާ އޮތްވާ ނިދުނީ އެހެންވެ ނައިޓްމެއާ ފެނުނީ....." އޮވެވުނީ އެނދުގައި ކަމާއި މިކާލްގެ އަތުގެ ހިމާޔަތް ލިބިފައިވާކަން ޔަގީންވުމުން ބިރު ފިލާ ހަޔާތީގެ މުޅި ހަށިގަނޑަށް ހިމޭންކަން ވެރިވިއެވެ. އެ ފުޅާ މޭގައި ބޯ އަޅާލަމުން ހަޔާތީ ވާހަކަދެއްކިގޮތުން މިކާލްއަށް ނުހެވުނީ ކިރިޔާއެވެ. ޒެއިންވެސް މިއަށްވުރެ ހިތްވަރުގަދަވާނެއޭ ހިތަށް އެރިއެވެ.

"ހޫމް..ސީރިޔަސްލީ. ޑެވިލް އޭނަގެ ސިފައިގާ އައީކަމަށް ތިވާނީ. "

"ހުވަފެނުގައި އޭނަ ޝައުން މަރާލީ. އަދި...އެނގޭތަ މިކާ. އެންމެ ކުރިންވެސް ޚަބަރުތަކުން ޖިހާދީ ޖޯން ފެންނަން ފެށީމަ އޭނަ ދެކެ ބިރުގަތޭ. އެ ބަރު ބަރު އަޑުއިވިފަވެސް ބިރުން ރޫރޫއަޅާގޮތްވި. އެހާ އަނިޔާވެރިކޮށް ރަހުމް ކުޑަކޮށް މީހުން މަރާ ގާތިލެއްވީމަކަން ނޭގޭ. އިންސާނިއްޔަތުކަމުގެ ކަންފުޅެއް ހުރި މީހެއްނަމަ ޖެހިލުމަކާއި ނުލާ މީހުންގެ ކަރު ކަނޑާލާނެތަ؟ ކުކުޅެއްހެން. އިޓްސް ހޮރިބްލް. އޯ ގޯޑް. ފިލްމަކުންވެސް ނުދައްކާނެ އެހާ ނުބައި މަންޒަރެއް....ޔޫ ނޯ ވަޓް. ކުރީއްސުރެ ނުކެރޭ އަނިޔާވެރި ފިލްމްތައް ބަލައިލަން. ރޯންގް ޓާން ސޯ ކަހަލަ މޫވީސްތައް ބެލިން އެކަމަކު އަނިޔާވެރި ސީންތައް ދުއްވާލާފައި. އެހެންވެ އައި ހޭޓް ޖިހާދީ ޖޯން.. ހީ އިޒް އެ ކިލާ........" ހަޔާތީ ހިތުގައިވާހާ އެއްޗެއް ބޭރުކޮށްލަމުން މިކާލްގެ މޫނަށް ބަލައިލީ އެދެލޮލުން ފެންނާނެ ކުލަވަރަކަށެވެ. މިކާލް ހަމައެކަނި ބުމަ އަރުވައިލީއެވެ. މިކާލް ދެން ބުނެލީ ހަޔާތީ އަދި ކުޑަކުއްޖެއްވީމަ ހަގީގީ އަނިޔާއަދި އޮޅުން ނުފިލަނީ ކަމަށާއި ހިތްވަރާއި ޖެހިލުންކުޑަކަމަކީ ފިރިހެނުންގައިގާ ހުންނަން ޖެހޭ މަތިވެރި ސިފައެއްކަމަށެވެ. ލޮލުން ފެންނަ ކޮންމެ މަންޒަރެއް ގަބޫލު ނުކުރަން އެދުނެވެ. އެ މަންޒަރުތަކުގެ ފަރުދާގެ ފަހަތުގައިވަނީ ކޮން ކަންތަކެއްކަން އެނގުމުން ހިތް ބަދަލުވާނެކަމަށެވެ. ހަގީގީ އަނިޔާވެރިން އެނގޭނީ އަޑިއަށް ފީނައިގަތުމުންކަމަށެވެ. ބެލުންތެރިންނަށް ފެންނަނީ މީޑިއާތަކުން ގެނެސްދޭ މަންޒަރު ކަމަށާއި އެފަދަ ކިތަންމެ އަނިޔާއެއް ކެމެރާތަކުގެ ފުރަހަގުގައި ހިނގަމުންދާ ކަމުގައެވެ. ހަޔާތީއަށް އަނިޔާގެ އެންމެ ޕަސެންޓެއްވެސް ފެނިފައި ނުވާކަމުގައެވެ. މިކާލްގެ ގިނަ ވާހަކަތަކައިވި ފުން މާނައެއް ސިކުނޑިއަށް ނަގައިގަނެވޭވަރަށްވުރެ ސިކުނޑި ސަމާލުވެއެއް ނެތެވެ. ނިދީގެ އަސަރު އެއަށްވުރެ ބޮޑަށް ދެލޮލަށް ވެރިވެފައިވިއެވެ.

މިކާލް ދެތިން ދުވަސްފަހުން ހަޔާތީގާތު ބުނީ އޭނަ އެކުވެރިއެއްގެ ދައުވަތަށް ލަންޑަނަށް ފުރަން އުޅޭކަމަށެވެ. އިރާދަކުރެއްވިއްޔާ ހަފްތާއެއްހާ ދުވަސް ނުވަނީސް އެނބުރި އަންނާނެކަމުގައި ބުނުމުން ހަޔާތީ މޮޅިވެރިވެފައި ހުރެ ހިނިތުންވެލިއެވެ. ދައުވަތުދިންއިރު ދެމަފިރިންނަށް ނުދިނީ ކީއްވެހެއްޔެވެ؟ އަދިވެސް އޭނައާއި މިކާލްގެ ކައިވެނި ގިނަފަރާތްތަކަށް އޮތީ ސިއްރުވެފައެވެ. އަވަށްޓެރިންނަށްވެސް ހަގީގަތެއްނޭގެއެވެ. އޭނައައި މިކާލް އެކީ ސައިކަލަށް އެރިޔަސް އެންމެން ބަލަނީ ތަފާތު ނަޒަރަކުންނެވެ. އަވަށްޓެރިންނަށް ހީވެފައި އޮންނަނީ އެ ފްލޯގެ އަނެއް އެޕާޓްމެންޓް ކުއްޔަށް ހިފައިގެން އުޅެނީ އޭނައާއި އިޝްކަންކަމުގައެވެ. މިކާލްއަކީ އޭނަގެ ލޯބިވެރިޔާކަމުގައެވެ. ހަގީގަތް ދުނިޔެއަށް ހާމަކުރުމުގައި މިކާލް ފަސްޖެހޭތީ ދެރަވެއެވެ. މިކާލް ލަންޑަނަށް ފުރިތާ ދެވަނައަށްވީ ދުވަހު ލަންޑަންގައި ބޮމުގެ ހަދިސާއެއް ހިނގައިގެން ވަރަށް ގިނަ މީހުން މަރުވެ އެތައް ބަޔަކު ޒަޚަމްވިއެވެ. އަޖައިބެކެވެ. މިކާލް ދާ ކޮންމެ މަންޒިލަކުން ބޮން ގޮއްވާލުމަކީ ހަމަ އިއްތިފާގަކީހެއްޔެވެ؟

އެ ޚަބަރު ދައުރުވާންފެށުމާއިއެކު ހަޔާތީ މިކާލްއަށް ގުޅިއެވެ. ފެބްރުއަރީކަމުން މިކާލް ހުރީ ކަޅުކުލައިގެ ކެހެރި ކޯޓެއްގައެވެ. ކޯޓުލައިގެން ހުރުމުން ސްމާޓްކަމުގެ އިންތިހާއެވެ. ޝަޚުސިއްޔަތުގެ ވަރުގަދަކަން ފާޅުވާން ހުއްޓެވެ.

"މިކާ ބޭބީ އާ ޔޫ އޯކޭ؟"

"އަލްހަމްދުލިﷲ. އައިމް އޯލް ގުޑް އެންޑް އެލައިވް......." މިކާލްހުރީ ހީލަ ހީލައެވެ. މިކާލްގެ ރީތި ހިނިތުންވުން ފެނި ކަންފަތުގާ އަޑު ޖެހުމުން ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލެވުނެވެ. އިރާދަކުރެއްވިއްޔާ އޭނަގެ މިކާލް މިހިރީ ސަލާމަތުންނެވެ. ފުރިހަމަ ސިއްހަތެއްގައެވެ.

"ލަންޑަންގައި ޓެރަރިސްޓު ހަމަލާއެއް ހިންގައިގެން އެތައް އިނޮސެންޓް މީހުންނެއް މަރުވެއްޖެއޭ. އެތައް ބަޔަކު ޒަޚަމްވެފައޯ. އެ ޚަބަރު ލިބުނީމަ ބިންމަތީ ފައިވެސް ހަރުނުލި. ބިރުން ހިތް ވިރި ވިރި ހުރެ މިކާއަށް މިގުޅީ...."

"ޑޯންޓް ވޮރީ ބޭބީ. މިހިރީ ލަންޑަނަކު ނޫން. ކެމްބްރިޖްގައި. އިޓްސް ބިޓަލީ ކޯލްޑް އެންޑް ވިންޑީ. ހިތަށް އަރާ ހަޔާ ހުރިނަމައޭ. އަހަރެމެން ހަމަ ސެލެބްރޭޓް މިކުރަނީ ފްރެންޑުންނާއިއެކު..." މިކާލް ހީލާފައި ކިޔައިލިއެވެ.

"ކޮންކަމެއްތަ؟ "

"ދިމާވީމަ ކިޔާދޭނަން. މިސް ޔޫ ހަޔާތީ........." މިކާލްގެ ޖުމްލައިން އުފާވެރިކަން ހިތުގައި ހިނގައިލި ނަމަވެސް ނުބައި ޝައްކުތަކެއް ހިތުގައި އުފެދޭގޮތްވިއެވެ. މިކާލްއާއި އެ ހަމަލައާއި ހަމަ ގުޅުމެއް ނެތް ހެއްޔެވެ؟ މާތްކަލާކޯއެވެ. އޭނަގެ ހިތް ނުބައިވަރު ދެކެބަލާށެވެ. އަމިއްލަ ފިރިމިހާއާއިމެދު އެހާ ނުބައި ގޮތްގޮތަށް ވިސްނަންވާނެ ހެއްޔެވެ. ވަހުމާއި ޝައްކުގެ ޝިކާރައަކަށްވެ މިކާލްއާއިމެދު ޝައްކުކުރާކަން އެނގިއްޖެއްޔާ ހާދަ ދެރަވާނެއެވެ. މިކާލް އެހެރީ ލަންޑަނަކު ނޫނެވެ. އެހާދިސާ ހިނގިތަނާއި ދުރުގައެވެ. އޭނަ ކުރިކަމެއް ނޫންކަން ޔަގީންވާއިރުވެސް މިކަހަލަ އެއްޗެހި ހިތަށް އަރައިގެން ނުވާނެ ނޫން ހެއްޔެވެ. އެގޮތަށް ވިސްނުނީތީ ހަޔާތީ ދެރަވެ ހިތުގައި ޖެހުނެވެ. ހިތާހިތުން މިކާލް ކައިރިން މާފަށް އެދުނެވެ.

އަމްރާންގެ އެނިމެޓެޑް ވީޑިއޯ ބެލުނު އަދަދެއް ގުނާލާކަށް ޔަގީނުންވެސް ހަޔާތީއަކަށް ފަސޭހައެއްނުވާނެއެވެ. ތަކުރާރުކޮށް އިރުއިރުކޮޅާ ބަލައިލެވުނެވެ. އޭނަ އެގޮތަށް ކާޓޫނެއްގައި ނަމަވެސް "ސޭވް މީ" އޭ ބުނުމުން ހިތަށް ބަޔާން ނުކުރެވޭފަދަ ފިނިކަމެއް ލިބުނެވެ.

"ތެންކިއު ޝޭން..."

ހަފްތާއެއްހާ ދުވަސްފަހުން މިކާލް މާލެ އައެވެ. ހަޔާތީއަށް ޔަގީންވީ މިކާލް ސީރިޔާއަށް ނުދާނެކަމުގައެވެ. ޔޫކޭފަދަ ތަހުޒީބުތަންތަނަށް ގޮސް އުފަލުގައި އެކި ކަހަލަ ދުވަސްތައް ފާހަގަކުރާ ޒުވާނުން ހަގުރާމައިގެ މައިދާނަކަށް ދާކަށް ބޭނުމެއްނުވާނެއެވެ. ދާން ބޭނުންވިނަމަ ތުރުކީއާ އެހާ ކައިރިއަށް ގޮސްފަ އޭނަ މިކޮޅަކަށް ބޯ ނުލާނެކަން ޔަގީނެވެ. މިކާލް އެނބުރި އައުމުން ޔަގީންވި ކަމަކީ އޭނަގެ އެ ފިކުރު ނެތްކަމެވެ. އިސްލާމިކް ސްޓޭޓަށް ތާއީދުކުރުމަކީ އެހެން ކަމެކެވެ. އެ ފިކުރާއި ހިތްތައް ބަދަލު ނުވެ ހިނގައިދާނެއެވެ. ނަމަވެސް ހަގުރާމައިގާ ބައިވެރިދާން ދާހާ މިކާލް މޮޔަނޫންކަމަށް ހަޔާތީ ނިންމާފައި ހުރިހާ ޝައްކުތަކެއް ސިކުނޑިން ނެރެލައިފިއެވެ.

އެޗްއެމް ޗެނެލް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މާރިޗު މަހުގެ ކުރީ ކޮޅުގައެވެ. ކުޑަ ރަސްމިއްޔާތެއް ބޭއްވިއެވެ. ފުރަތަމަ ދުވަހުވެސް އެކަށީގެންވާ ތަރުހީބެއް ލިބި އެތައް ބަޔަކު ބެލި ޗެނެލްއަކަށްވިއެވެ. ހަޔާތީ ޕްރޮގްރާމެއް ހުށަހަޅަން ނިންމާފައިވެސް ޚިޔާލު ބަދަލުކުރިއެވެ. މީހުންނަށް ފެނި އިޝްތިހާރުވުމަށްވުރެ ނޫހުގައި ކޮލަމް ލިޔުމާއި ޚަބަރުތައް ގެނެސްދިނުން މާ ބޮޑަށްވެސް ރަގަޅުކަމަށް ދެކުނެވެ. މިކާލްއާއި އިޝަކަންގެ ފަރާތުން ލިބެމުންދާ އެހީތަކަށް ތައުރީފުހުއްޓެވެ. އެދެ ޒުވާނުން ނެތްނަމަ މިހާ ފުރިހަމަކޮށް ޗެނެލް ހުށަހަޅާ ނުދެވުނީހެވެ. ލޯގޯއިން ފެށިގެން އެތަނުގެ ޑިޒައިންއާއި ޕްރޮގްރާމްތަކަށްވެސް މިކާލްމެން ޚިޔާލުދިނެވެ. އައިޓީ ބައިގެ ކަންތައްތަކާއި އިސްކޮށް އުޅުނީ އިޝްކަންއެވެ. ވަޒީފާގައި އަވަދިނެތި އުޅުނަސް ހަޔާތީ އޭނަގެ ފިރިމީހާއާއި ގޭގެ ހުރިހާ މަސްއޫލިއްޔަތުތަކަށް ފަރުވާކުޑަނުކޮށް ހުރިހާ ކަމެއް ބަލަހައްޓައެވެ. ހެނދުނު އެންމެން އެކީ ނާސްތާ ކޮށްގެން ވަޒީފާއަށް ދާން ނިކުންނައިރު މިކާލްގެ ބައްޕައާއި މަންމައަށް ކާން ހަދައެވެ. ޚާއްސަކޮށް މަންމަގެ ބޭހުގެ ކަންތަކާއި ހަވާލުވެގެން ހުންނަ މިކާލް ގަޑިން ގަޑިއަށް ފަރުވާކުޑަކުރުމެއްނެތި މަންމައަށް ބޭސްކާންދެއެވެ. ހަޔާތީ މާ އަވަދިނެތި އޮފީހުގައު އުޅޭ ދުވަހެއް ވެއްޖެއްޔާ މިކާލް އޯޑަރުކޮށްގެން ކާއެއްޗެހި ގެނެސްދެއެވެ.

ހަޔާތީގެ އެކުވެރިއެއްގެ ކައިވެނީގެ ދުވަސް ކައިރިވާތީ އޮފީސްކުރިން ނިންމީ ބްރައިޑަލް ޝަވާއެއް ބޭއްވުމަށެވެ. އެދުވަހު ހަވީރު އެގެއަށްދާން ނިންމާފައި ތައްޔާރުވެލިއެވެ. ސްޓައިލިޝްކޮށް ބުރުގާ އަޅާލާފައި އެތެރެއިން ލާފައި ހުރީ ޖިންސަކާއި ގަޔަށް ހިފާފައިވާ ހެދުމެކެވެ. ބޭރުން ތުނި ޖެކެޓެއްލާފައި ހުއްޓަސް އެތެރޭގައިވާ އެއްޗެހި ހުރީ ހާމައަށެވެ. އެހެން ހެދުންތަކާއި އަޅާ ބަލާފައި ނިވާކަން ކުޑަކަމުގައި މިކާލްއަށް ފެނުނެވެ. ފައިން ފެށިގެން ބޮލާއި ހަމަޔަށް ނަޒަރު ދަތުރުކޮށްލިގޮތުން ހަޔާތީ ލަދުގަންނަގޮތްވެސް ވިއެވެ. އޭނަ ޔަގީންކުރީ މިކާލް ހެދުމަށް ތައުރީފުކުރާނެ ކަމުގައެވެ. އޭނަ ރީއްޗޭ ބުނާނެކަމުގައެވެ. އެވަރަށް ނުބަލާށޭ ބުނެފައި މިކާލްގެ މޭގައި މަޑުން ޖެހިއެވެ.

"ބްރައިޑަލް ޝަވާއަކަށް ދާން. ދިޔަސް އޯކޭތަ؟ "

"ނޫން ހަޔާ ބޭބީ. ތީ ކޮށްގެންވާނެ ކަމެއްނޫން. ކާފަރުން ކުރާ ކަންތައް ކޮޕީކުރާކަށް ނުވާނެ. ބްރައިޑަލް ޝަވާއާއި ބެހޭގޮތުން އިސްލާމްދީނުގައި އޮންނަ ގޮތް ހަޔާ ބަލައިލަ ބަލަ. އަނެއްކޮޅުން ތި ހެދުމުގައި ބޭރަށް ދާން އޯކޭއެއްނޫން......"

"މިކާ. ދިވެހިން ބާތުޑޭވެސް ފާހަގަކުރެއެއްނު."

"އެހެންމީހުން އުޅޭހާގޮތަކަށް އަހަރެމެން އުޅޭކަށް ނުވާނެ. ނުދާތި............." މިކާލް ތަންކޮޅެއް ސީރިއަސްވިއެވެ. ހަޔާތީ ވަކި އެއްޗެކޭ ނުބުނެ އެތަނުން ނުކުމެގެން ހިނގައިގަތްއިރު އެކަމާއި ނުރުހެވި އެތައް އެއްޗެއް ހިތަށް އަރާ ފޭބިއެވެ. މިކާލްމެން މާ ބޮޑަށް ހައްދު ފަހަނަޅާދަނީއެވެ. ބްރައިޑަލް ޝަވާއާއި އޭނަ ލައިގެން ހުރި ހެދުންވެސް މިކާލްއަށް ގޯސްވެއްޖެއެވެ. ހަޔާތީ ގެއިން ނުކުތަސް މިކާލްގެ ހުއްދަނެތި އެކަމާ ބައިވެރިވާކަށް ހިތް އެއްބަހެއްނުވިއެވެ. އެންމެފަހުން އޮފީހަށްގޮސް އެކަނިމާއެކަނި އާޓިކަލްތައް ލިޔަން އިނދެފާ އިޝްކަން އަށް މެސެޖެއްކޮށްލައިފިއެވެ. އޭނަ ހުރީ އެކުވެރިއަކާ އެކު ކަމަށާއި އޭނަ ގެއްލިގެން ނޫޅެން އެދުނެވެ. މިރޭ ފަހަރެއްގައި ގެއަށް ނުދެވި ހިގައިދާނެއެވެ. މާ އަވަދިނެތި އުޅުމުގެ ސަބަބުން ކަނދުރާގެ މަސްތައް ވާންވެފައި ހުރުމުން ހާދަ ވަރުބައްޔެވެ. ވަރުބަލިކަން ފިލުވައިލަން ސޯފާގައި ހަށިގަނޑު ދަމައިލިއެވެ. ސޯފާގެ މަޑުކަމާއިއެކު އޭސީގެ ފިނިކަން ވަށާލުމުން އިރުކޮޅެއްގެ ތެރޭ ފޮނި ނިންޖަކަށް ގެބިއްޖެއެވެ. ފަތިހު ހަތަރެއްޖަހަނިކޮށް ހޭލެވުނުއިރު ފިނިވެގެންގޮސް ހަށިގަނޑު ގަނޑުފެންކޮޅެކޭ ތަފާތެއް ނެތެވެ. އެރޭ އާދައިގެ ކަމަކާއި މިކާލްދެކެ ރުޅިއައިސްގެން ގެއިން ނިކުމެގެން އާދެވުނު ހަދާންވެފައި މިކާލް ގާތުން މާފަށް އެދެން ބޭނުންވިއެވެ.

"މިހާރު އެއްޗެއް ވިސްނޭނެ މިކާއަށް. އެހާ ކުދި ކަންތައްތަކާއި ސްޓްރިކްޓް ވާކަށް ނުޖެހޭނެ. މިކާގެ މުސްކުޅި ޚިޔާލްގެ މަންމަގޮތަށް މިކާވެސް ހެދުމާއި އަޅައިގަންނަންވެސް ޖެހިއްޖެ. އެއޮތް ރީތި ހެދުންވެސް ނުލެވުނު. އެތެރެއިން ލާ އެއްޗެހި ބާރުކޮށް ހުއްޓަސް އެ ޕީޗް ޖެކެޓް ލީމަ ހަމަ ފޮރުވޭނެ. ބްރައިޑަލް ޝަވާސްގެ މައްސަލައަކީ ކޮބާ. މިކާވެސް ފަހުން އެކަމާ ދެރަވާނެ. މާފަށްވެސް އަދި އެދޭނެ. ގެއްލިގެން ވަރަށް ހޯދާނެކަން ނޭގޭ. އެނީވޭސް މިކާއަށް ވުރެ ކުރިން މި ހޭލެވުނީ އަލަށް. އޭނަ އަބަދުވެސް އަހަރެން ފަތިސް ނަމާދަށް ނަގާނެ..މިފަހަރު މިކާ ފަތިސް ނަމާދަށް ހޭލައްވާނީ އަހަރެން......." ހަޔާތީ އެކި ޚިޔާލުތަކުގައި ހުރެ އަވަސްވެގަތީ ގެއަށް ދިޔުމަށެވެ. ކޮޓަރިއަށް ވަންއިރު މިކާލް ފެންނަން ނެތުމުން މޮޅިވެރިވިއެވެ. މިރޭވެސް މިކާލް ކުރި އަތުލީއެވެ. އޭނައަށްވުރެ ކުރިން ހޭލައިގެން ނަމާދުކުރަން މިސްކިތަށް ދިޔައީކަން ޔަގީނެވެ. ނުވެސް ގުޅޭ ހަރުވާޅަކާއިއެކު އޯވާސައިޓް ޓީޝާޓެއް ލައިގެން ގޭގައިއަޅާ ވަށް ބުރުގާއެއް ބޮލަށް މަހާލައިފިއެވެ. ކޮފީ ތައްޔާރުކުރަން އުޅެނިކޮށް ފޯނު ރިންގުވާންފެށިއެވެ.

"މިކާލް ޑިޕާޗާ ހޯލަށް ވަންތަން ދެންމެ ފެނުނީ. މިފަހަރުވެސް ލަންޑަނަށްތަ ފުރަނީ......... " ސަޖަލްއެހިއެވެ." އަހަރެންވެސް ފްރެންޑެއް ފުރުވަން އެއާޕޯޓަށް އައިސް މިހިރީ....."

(ނުނިމޭ...)

https://sun.mv/112608

comment ކޮމެންޓް