އެއާ އިންޑިއާގެ ފްލައިޓުން ފަސިންޖަރުން ބޭލުމަށް އެރި އެއާޕޯޓު މުވައްޒަފަކަށް ހަމަލާ ދީފި

އެއާއިންޑިޔާގެ ބޯޓެއް --

މިއަދު ހަވީރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ޓްރެވިންޑްރަމަށް ދަތުރުކުރަން އޮތް އެއާ އިންޑިއާގެ ފްލައިޓު ޑިލޭވެ އޭގައި ތިބި ފަސިންޖަރުން ބޭލުމަށް އެރި އެމްއޭސީއެލްގެ މުވައްޒަފަކަށް ބޯޓުގައި ތިބި ފަސިންޖަރުންގެ ބަޔަކު ހަމަލާދީފިއެވެ.

މިއަދު ހަވީރު 4:30 ގައި މާލެއިން ޓްރިވަންޑްރަމަށް ފުރަން ތައްޔާރުވި އެއާ އިންޑިއާ ފްލައިޓެއް ނުފުރި ބޯޓް އެތެރޭގައި ފަސިންޖަރުން ތިބޭތާ އެތައް ގަޑިއިރެއްފަހުން ފަސިންޖަރުން ބޯޓުން ބޭލީ އެއާޕޯޓުގެ މުވައްޒަފުންނެވެ.

"ސަން" އަށް އެނގިފައިވާގޮތުގައި އެއާ އިންޑިއާ ފްލައިޓުން ފަސިންޖަރުން ބޭލި މުވައްޒަފުންގެ ތެރެއިން މުވައްޒަފަކަށް ހަމަލާދިނީ ބޯޓުގައި ތިބި ފަސިންޖަރުންގެ ތެރެއިން ހަތަރު މީހެކެވެ. އެއީ އަންހެނަކާއި ތިން ފިރިހެނުން ކަމަށް މައުލޫމާތު ލިބެއެވެ. އެ ހާދިސާ މިހާރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް އެނގިފައިވެއެވެ.

https://sun.mv/112667

ފަސިންޖަރުންނާއެކު ރަންވޭގައި މަޑުކުރުވާފައި އޮތީ، މާލެއިން ޓްރިވަންޑްރަމް އަދި ދިއްލީ އަށް މިއަދު ޝެޑިއުލްކޮށްފައި އޮތް އެއާއިންޑިއާގެ އޭއައި - 264 ފްލައިޓެވެ. މި ފްލައިޓު މިހާރު ފުރަން ހަމަޖެހިފައިވަނީ މާދަމާ ހެނދުނުއެވެ.

ފުރުން ލަސްވި ސަބަބުން ހާމަނުކޮށް އެތައް އިރެއްވަންދެން ފްލައިޓުގައި ތިބެންޖެހުމުން ފަސިންޖަރުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. ފަސިންޖަރުން ބޯޓުން ބޭލީ މިރޭ 9:30 ހާއިރު ކަމަށް އެނގިފައިވެއެވެ.

ބޯޓުގައި ގިނައިރު ތިބެންޖެހުމުގެ ސަބަބުން ފަސިންޖަރުން ބޯއަނބުރައި ހޮޑުލަވާ ގޮތްވެފައި ތިބި ކަމަށާއި ކެޕްޓަންގެ ފަރާތުންވެސް އެއްވެސް ބަހެއް ނުލިބޭކަމަށް ފަސިންޖަރުން ބުންޏެވެ.

މިކަމާ ގުޅިގެން އެއާ އިންޑިއާގެ ބަހެއް އަދި އެމްއޭސީއެލްގެ ބަހެއް ވެސް ނުލިބެއެވެ.

comment ކޮމެންޓް