ހޯރަ އިއްބެ މިނިވަންކޮށްފި

ހޯރަ އިއްބެ މިނިވަންވުމަށް ފަހު ނަގައިފައިވާ ފޮޓޯއެއް -- ފޮޓޯ ޓްވީޓާ

އަންހެން ކުއްޖަކާ ޖިންސީ އަމަލެއް ހިންގުމުގެ ކުށުގައި 10 އަހަރަށް ޖަލަށް ލާފައިވާ، އެމްޑީޕީ އެކްޓިވިސްޓް އިބްރާހިމް ރަޝީދު (ހޯރަ އިއްބެ) މިނިވަންވަން ކޮށް ޖަލުން ދޫކޮށްލައިފި އެވެ.

އެމްޑީޕީ ސަރުކާރުގެ ރައީސް އޮފީހުގެ އަންޑާސެކްރެޓަރީގެ މަގާމު އަދާކޮށްފައިވާ ހޯރަ އިއްބެ މިނިވަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިދިޔަ އަންގާރަ ދހުވަހު ވަނީ ނިންމައިފަ އެވެ.

ކުޑަކުދިންނާ ޖިންސީ ގޯނާ ކުރުމުގެ ކުށަކީ މައާފު ދެވޭ ކުށެއް ނޫނެކެވެ. އެހެން ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިއްބެގެ އަދަބު ލުއިކޮށްދިނީ ބާކީ ފަސް އަހަރު އޮއްވަ އެވެ.

އޭނާގެ މައްޗަށް ކުށް ސާބިތުވެ ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ 2013 ވަނަ އަހަރުގެ ޑިސެމްބަރު އެއްވަނަ ދުވަހު އެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ، ހޯރަ އިއްބެގެ އަދަބު ލުއިކުރުމަށް ރައީސް ނިންމެވީ 2016 ވަނަ އަހަރު އޭނާ ގޭ ބަންދަށް ބަދަލު ކުރުމަށް ކްލައިމެންސީ ބޯޑުން ނިންމާފައިވާ ނިންމުމަށް ރިއާޔަތް ކޮށް ކަމަށެވެ. ނަމަވެސް އެ ނިންމުމަށް އޭރުގެ ސަރުކާރުން އަމަލު ކޮށްފައިނުވާކަން ހޫދަ ފާހަގަ ކުރެއްވި އެވެ.

ހޯރަ އިއްބެގެ މައްޗަށް ހުކުމް ކޮށްފައި ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ހަ ވަނަ ދުވަހުގެ ރޭ އޮލިމްޕަސް ކުރިމަތީ އޮންނަ ގޯޅިތެރޭގައި ހުންނަ ގ. މާވަސްގޭގެ ކޮޓަރިއެއްގެ ތެރޭގައި އޭރު 17 އަހަރުގެ އޭނާގެ މިހާރުގެ އަންހެނުން ޒުއްރިއްޔާ އަބްދުއްޝުކޫރާ އެކު ޖިންސީ އަމަލު ހިންގިކަން ޝަރީއަތަށް ސާބިތުވުމުންނެވެ.

އެކަމާ ގުޅިގެން އިއްޔެ ޒުއްރިއްޔާ ވަނީ ބަޔާނެއް ވެސް ނެރެފަ އެވެ. ބަޔާނުގައި ބުނީ ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި އޭނާ އާއި އިއްބެ ހައްޔަރުކުރި އިރު ހިޖުރީ ގޮތުން އޭނާ އަށް 18 އަހަރު ފުރިފައިވާ ކަމަށެވެ. އޭނާ ބުނީ ބުނާ ގޮތުގައި އެކަން ހިނގި އިރު ހިޖުރީ ގޮތުން އޭނާ އަށް 18 އަހަރު ފުރިފައި ވުމުން ހޯރަ އިއްބެއަކީ ކުޑަކުދިންނާ ބެހޭ މީހެއް ނޫނެވެ. އަދި އިސްލާމީ ޝަރީއަތުން އެމީހުންނަށް އަދަބެއް ދޭންވީ ނަމަ ދޭންވީ ކަމަށާއި ފިރިމީހާގެ މައްޗަށް ކޮށްފައި ވަނީ ސިޔާސީ ހުކުމެއް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ރާއްޖޭގައި ރަސްމީ މުއްދަތު ގުނަނީ މީލާދީ ގޮތުންނެވެ.

comment ކޮމެންޓް