އީރާނުން ދަނީ ހައްދެއް ނެތި މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރަމުން: އެމެރިކާ

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ---

ވޮޝިންޓަން (ޑިސެމްބަރު 2) : އީރާނުން މެދުރާސްތާގެ ބަލިސްޓިކް މިސައިލެއް ތަޖްރިބާކުރި ކަމަށް ވިދާޅުވެ އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯ އީރާން ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފިއެވެ.

ޕޮމްޕެއޯ ވިދާޅުވީ އީރާން ދަނީ މިސައިލް ޓެކްނޮލޮޖީ ހައްދެއްނެތި ތަރައްގީކުރަމުން ކަމަށާއި އެންމެފަހުން އީރާން ތަޖްރިބާކުރި މެދުރާސްތާގެ މިސައިލަކީ ގިނަ އަދަދެއްގެ ނިއުކްލިއާ ވޯހެޑް ހަރުކުރެވޭގޮތަށް އުފައްދާފައިވާ ޒަމާނީ ހަތިޔާރެއް ކަމުގައެވެ. އީރާނަށް އެފަދަ ހަތިޔާރު ތަރައްގީކުރުމުގެ ފުރުސަތު ދެވިގެން ނުވާނެކަމަށާއި އެކަން ހުއްޓުވަންޖެހޭ ކަމަށްވެސް ޕޮމްޕެއޯ ވިދާޅުވިއެވެ. އީރާނުން މެދުރާސްތާގެ ބަލިސްޓިކް މިސައިލް ތަޖުރިބާކުރި ތަނަކާއި ވަގުތެއް ޕޮމްޕެއޯ ފާހަގަކުރައްވާފައެއް ނުވެއެވެ.

މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރުން ހުއްޓާލުމަށް އީރާނަށް ގޮވާލައްވަމުން ޕޮމްޕެއޯ ވިދާޅުވީ އެއީ ދުނިޔޭގެ ބޮޑެތި ބާރުތަކާއެކު އީރާން ސޮއިކޮށްފައިވާ ނިއުކްލިއާ އެއްބަސްވުމާވެސް ޚިލާފު ކަމެއް ކަމުގައެވެ. ނަމަވެސް އީރާނުގެ ނިއުކްލިއާ އެއްބަސްވުމުގައި ބެލިސްޓިކް މިސައިލް ތަރައްގީކުރުމާ އަދި ނުކުރުމާބެހޭ އެއްވެސް މާއްދާއެއް ހިމެނާފައެއް ނުވެއެވެ. އެ އެއްބަސްވުމުން އެމެރިކާ އެކަހެރި ގޮތެއްގައި ވަކިވީވެސް މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރުން އެ އެއްބަސްވުމުގައި އީރާނަށް މަނާކޮށްފައި ނުވާތީއެވެ.

އީރާނުންވަނީ ހަތިޔާރު ތަރައްގީކުރުމަކީ ހަމައެކަނި އެމެރިކާއާއި އިސްރާއީލަށް ލިބިފައިވާ ހައްގެއް ނޫންކަމާއި އީރާނުންވެސް އެގައުމުގެ ދިފާއުގައި ހަތިޔާރު ތަރައްގީކުރާނެ ކަމުގައެވެ. އަދި މިކަމުގައި ކުރިމަތިވާ އެއްވެސް ފިއްތުމަކަށް ބޯނުލަނބާނެ ކަމަށްވެސް ތަކުރާރުކޮށް އީރާނުން ބުނެއެވެ. އީރާނުން މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރާތީއާއި މިސައިލް ޓެކްނޮލޮޖީ ތަރައްގީކުރުން ހުއްޓާލުމުގެ ބައި ނިއުކްލިއާ އެއްބަސްވުމުގައި ހިމަނަން އީރާން ދެކޮޅު ހަދާތީ އެމެރިކާ ވަނީ ނިއުކްލިއާ އެއްބަސްވުމުން އެކަހެރި ގޮތެއްގައި ވަކިވުމަށްފަހު އީރާނާ ދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.

މި ފިޔަވަޅުތައް އަމާޒުކޮށްފައިވަނީ އީރާނުގެ ތެލުގެ އެކްސްޕޯޓް އެއްކޮށް ހުއްޓުވުމަށާއި ތެލުގެ ސިނާއަތު އިނދަޖައްސާލުމަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާއާ ވާދަކުރާ ބޮޑެތި ގައުމުތައް ގިނަވެފައި ރަޝިއާއާއި ޗައިނާ ފަދަ ގައުމުތަކާއި ޔޫރަޕްގެ އިއްތިހާދުގެ އެއްބާރުލުން އީރާނަށް އޮތުމުން އެމެރިކާ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ކާމިޔާބުވުމުގެ ފުރުސަތު ވަރަށް ކުޑަކަމަށް އޮބްޒާވަރުން ބުނެއެވެ.

(ރޮއިޓާސް)

comment ކޮމެންޓް