ބެލުންތެރިންގެ މަގްބޫލު ތިން ފިލްމެއް އޮލިމްޕަސް ސްކްރީނަށް!

ބޮސް، ޔޫސުފް އަދި 4426 އެނބުރި އޮލިމްޕަހަށް---

މަޝްހޫރު ވާހަކަ ލިޔުންތެރިޔާ، އަދި ޕްރޮޑިއުސަރު ފާތިމަތު ނަހުލާ (ނަހޫ)ގެ ކާމިޔާބު ތިން ފިލްމެއް އޮލިމްޕަސް ސްކްރީނުގައި އަޅުވަން ނިންމައިފިއެވެ.

އޮލިމްޕަސް ސްކްރީނުގައި އަޅުވަން ނިންމީ ނަހޫ އެންމެ ފަހުން ތައްޔާރުކުރި ދެ ފިލްމު ބޮސް، 4426ގެ އިތުރުން ޔޫސުފް އެވެ.

ނަހޫ "ސަން"އަށް މައުލޫމާތު ދެމުން ބުނީ މިއީ ސިނަމާއިން މި ފިލްމުތައް އަނެއްކާވެސް ބަލާލަން ބޭނުންވާ މީހުންނަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށެވެ.

ފިލްމު އަޅުވަން ގަސްތުކުރީ އަތޮޅުތެރޭ ގިނަ ބަޔަކު މާލެ އަންނަ ދަނޑިވަޅާ ދިމާކޮށްކަމަށާއި އެ މީހުންނަށް ފިލްމު ބަލާލުމުގެ ފުރުސަތުދިނުމަށް ކަމަށެވެ. އަދި ފިލްމު ބަލާލުމުގެ ފުރުސަތު ނުލިބިފައިވާ މީހުންނަށް ފުރުސަތު ދިނުމަށް ކަމަށް ނަހޫ ބުންޏެވެ.

ނަހޫ ބުނީ ތަކުރާރުކޮށް މި ފިލްމުތައް ސްކްރީނުން ބަލާލަން ބޭނުންވެގެން އެދޭ މީހުން އެބަތިބި ކަމަށާއި ރަށްރަށުން ފިލްމު ބެލުމަށްފަހު އެ މީހުންވެސް މި ފިލްމުތައް އޮލިމްޕަސް ސްކްރީނުން ބަލަން ބޭނުންވާ ކަމަށެވެ.

މި މަހު ހަތެއްގައި 4426ގެ ޝޯ އެއް ދެއްކުމަށް ހަމަޖެހިފައިވާއިރު މި މަހު އަށް ވަނަ ދުވަހު ވަނީ ބޮސްގެ ޝޯއެއް ދެއްކުމަށް ނިންމާފައެވެ. އަދި ޔޫސުފްގެ ޝޯއެއް ދައްކާނީ މި މަހު ނުވައެއްގައެވެ.

ނަހޫ ބުނީ ފިލްމުތަކުގެ ޓިކެޓް މާދަމާއިން ފެށިގެން އޮލިމްޕަހުން ލިބެން ހުންނާނެ ކަމަށާއި ބޮސް އަދި 4426 ފިލްމުގެ ޓިކެޓްގެ އަގަގީ 100 ރުފިޔާ ކަމަށެވެ. އަދި ޔޫސުފް ފިލްމުގެ ޓިކެޓްގެ އަގަކީ އެންމެ 50 ރުފިޔާއެވެ.

"ސަން" އާ ވާހަކަދައްކަމުން އިތުރަށް ނަހޫ ބުނީ ފިލްމުގެ ޓިކެޓްބުރި ހިފައިގެން މާލޭ ގްރޭންޑް ޓާޓާ ފްލެޓްތެރޭ، ނިކަގަސްމަގުގައި ހުންނަ "ޕިކްލް" ރެސްޓޯރަންޓަށް ދިޔުމުން މެންދުރު ކެއުމުގެ 30 އިންސައްތަ ޑިސްކައުންޓް ލިބޭގޮތަށް ހަމަޖެހިފައިވާ ކަމަށެވެ.

މުޅިން ވެސް ލޯބީގެ އަސަރުގަދަ ފިލްމުތަކެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައިވާ ނަހުލާގެ "4426" އަކީ އޭނާ ޑައިރެކްޓްކުރި ފުރަތަމަ ބިރުވެރި ފިލްމެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިވަގުތު ހުރި އެންމެ ޑިމާންޑިން އެއް ބަތަލާ މަރިޔަމް އައްޒަ ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަކީ ގެއެއްގެ ތެރޭގައި ބަންދުވެ، ބަޔަކަށް ދިމާވާ ރޫހާނީ ކަންތައްތަކެއް ދައްކައިދޭ ބިރުވެރި ފިލްމެކެވެ.

އައްޒަގެ އިތުރުން ފިލްމުގައި ޖުމައްޔިލް ނިމާލް، މުޙައްމަދު ޖުމައިހުގެ އިތުރުން މަޝްހޫރު އަދި ތަޖުރިބާކާރު ތަރިންގެ ތެރޭގައި ހިމެނޭ ޔޫސުފް ޝަފީއު، ޝީލާ ނަޖީބު، ފަދަ ތަރިން ހިމެނެއެވެ.

"4426" އަކީ ނަހުލާއާއި އަހުމަދު ޝިނާން ޑައިރެކްޓުކޮށްފައިވާ ފިލްމެކެވެ.

ބޮސް އަކީ ނަހުލާގެ ވާހަކައަކަށް އޭނާ ޕްރޮޑިއުސްކޮށް، އާއިޝަތު ރިޝްމީ ޑައިރެކްޓް ކޮށްފައިވާ އަސަރުގަދަ ލޯބީގެ ފިލްމެކެވެ.

ބޮސްއިން ދައްކައިދެނީ، މުއްސަނދި އަންހެއްކުއްޖެއްގެ މުދާގަނޑުގެ މައްޗަށް ގަދަވެގަތުމަށް ބަޔަކު ކުރާ މަސައްކަތެވެ. ކުޑައިރު މަންމަ ނިޔާވެފައިވާ އެ އަންހެން ކުއްޖާ، ބޮސްގެ ލީޑުން ފެނިގެންދާ މަރިޔަމް އައްޒަ (އިބާ) ހަމައެކަނި ބައްޕަގެ ލޯބި ލިބިގެން ބޮޑުވެ ކުއްލިއަކަށް އެ ބައްޕަ ނިޔާވުމުން ނަފްސާނީ ގޮތުން އޭނާ ކުރިމަތިލާ ހަނގުރާމައެވެ.

އައްޒަ ލީޑު ރޯލުން ފެނިގެންދާ ބޮސްގައި ހަރަކާތްތެރިވެފައިވަނީ ފިލްމީ ދާއިރާއަށް އަލަށް ތައާރަފްވި ބަތަލު މުހައްމަދު ޔުނާންއެވެ. ފާތިމަތު އާޒިފާ، އިބްރާހިމް ޖިހާދު، އަލީ އާޒިމް، އަލީ ޝަމީލްވެސް ބޮސްއިން ފެނިގެން ދިޔައެވެ.

ނަހޫގެ "ޔޫސުފް" އަކީ ރާއްޖޭގެ ރެކޯޑް އަދަދަކަށް މީހުން ބަލާފައިވާ ފިލްމެކެވެ. މާލޭގެ ސްރީނުގައި އެ ފިލްމުގެ 50 ޝޯއެއް ވަނީ ދައްކާފައެވެ. އެ ފިލްމަކީ މަންމަން މީހެއްގެ ދިރިއުޅުން ދައްކުވައިދޭ ލޯބީގެ އަސަރުގަދަ ފިލްމެކެވެ. ފިލްމުގެ ލީޑް ރޯލުން ފެނިގެންދިޔައީ ނިއުމާ މުހައްމަދު އަދި ޔޫސުފް ޝަފީއުއެވެ.

comment ކޮމެންޓް