ރައީސް މައުމޫނަށް ޑޮކްޓަރޭޓް ޑިގްރީއެއް ދޭން ނިންމައިފި

ގާޑުން ޔުނިވަސިޓީގެ ޗާންސެލާ ޑރ. ޖޯސެފު ވީ. ޖޯޖު މިއަދު ރައީސް މައުމޫނަށް ލިއުން ހަވާލު ކުރައްވަނީ --

ބެންގަލޫރުގެ ގާޑުން ޔުނިވަސިޓީގެ ފަރާތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ޑޮކްޓަރޭޓް ޑިގްރީއެެއް އެރުވުމަށް އެ ޔުނިވަސިޓީ އިން ނިންމައިފި އެވެ.

މައުމޫން ފައުންޑޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ގާޑުން ޔުނިވަސިޓީގެ 2018 އަދި 2019 ވަނަ އަހަރުގެ ތައުލީމު އަހަރު ފެށުމަށް އަންނަ ޖޫން މަހު 24 ވަނަ ދުވަހު ބާއްވާ ރަސްމިއްޔާތުގައި އެ ޑޮކްޓަރޭޓް ޑިގްރީ އެ މަނިކުފާނަށް އަރުވުމަށް ނިންމާފައިވާ ކަމަށެވެ. މައުމޫނަށް އެ ޑިގްރީ ދިނުމަށް ނިންމާފައި ވަނީ ގާޑުން ޔުނިވަސިޓީގެ ބޯޑް އޮފް ޑިރެކްޓަރުންގެ އިއްތިފާގުން ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ.

މައުމޫން ފައުންޑޭޝަނުން ބުނީ ގާޑުން ޔުނިވަސިޓީގެ ޗާންސެލާ ޑރ. ޖޯސެފު ވީ. ޖޯޖު މިއަދު ވަނީ ރާއްޖެ ވަޑައިގެން އެ ކަމުގެ ލިއުން ހަވާލުކޮށްފަ އެވެ.

އެ ރަސްމިއްޔާތުގައި މައުމޫންގެ އިތުރަށް އެހެން ބޭފުޅަކަށް އެ ޑިގްރީ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް މައުމޫން ފައުންޑޭޝަނުން ބުންޏެވެ. ނަމަވެސް އެއީ ކޮން ބޭފުޅެއްް ކަމެއް ނުބުނެ އެވެ.

comment ކޮމެންޓް