ސަން މީޑިއާގެ މުވައްޒަފުންނަށް އިސްލާމިކް ފައިނޭންސް އާގުޅޭ މައުލޫމާތު ދީފި

ޑރ. އިބްރާހިމް ޒަކަރިޔާ މޫސާ ސެޝަން ނަންގަވައި ދެެއްވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަން މީޑިއާގެ މުވައްޒަފުންނަށް އިސްލާމިކް ފައިނޭންސް އާ ގުޅޭ މައުލޫމާތު ދިނުމުގެ ސެޝަންއެއް ބާއްވައިފި އެވެ.

ބުރާސްފަތި ދުވަހު ސަން މީޑިއާ ގްރޫޕްގައި ބޭއްވި ސެޝަނަކީ މޯލްޑިވްސް އިސްލާމިކް ބޭންކާ ގުޅިގެން ބޭއްވި ސެޝަންއެކެވެ. ސެޝަންގައި މައުލޫމާތު ދެއްވީ ޑރ. އިބްރާހިމް ޒަކަރިޔާ މޫސާއެވެ.

އެ ސެޝަންގައި ރިބާ އާ ގުޅޭ މައުލޫމާތުގެ އިތުރުން ވިޔަފާރި ފައިދާ އާއި ރިބާ އާ ހުރި ތަފާތު، އިސްލާމިކް ފައިނޭންސްގައި ހުރި ފުރުސަތުތައް އަދި އޭގެ ފައިދާއާ ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

އެ ސެޝަންގައި ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް ޒަކަރިޔާ މޫސާ ވިދާޅުވީ އިސްލާމިކް ފައިނޭންސް އަށް މުސްލިމުންގެ އިތުރުން ޣައިރު މުސްލިމުންގެ އިތުބާރު ވެސް ލިބިފައިވާ ކަމަށެވެ. އަދި 2008 ވަނަ އަހަރު ދުނިޔެ އަށް ކުރިމަތިވި އިގްތިސާދީ ވަޅުގަނޑުން އަރައިގަތުމުގައި ވެސް އިސްލާމިކް ފައިނޭންސިން ބޭނުންކުރި ފައިނޭންޝަލް އިންސްޓިޓިއުޝަންތަކުން ކުރި ހޯދިކަން ވެސް ޑރ. ޒަކަރިޔާ ފާހަގަކުރެއްވި އެވެ.

އިސްލާމިކް ފައިނޭންސް އަކީ ދެ ފުށްފެންނަ ނިޒާމެއް ކަމަށާއި މި ނިޒާމު ގާއިމްވެފައި ވަނީ "ސޮލިޑް"، ހަގީގީ އިގްތިސާދީ ނިޒާމެއްގެ މައްޗަށް ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ކޮމާޝަލް ބޭންކުތަކާއި އިސްލާމިކް ބޭންކާ ހުރި ތަފާތު، މުއާމަލާތް ކުރުމުގެ ތަފާތު ވެސް މި ސެޝަންގައި ވަނީ ކިޔައިދީފަ އެވެ.

ޑރ. ޒަކަރިއްޔާ ވިދާޅުވި ގޮތުގައި އެއް ފައިސާއެއްގެ ވިޔަފާރި ފައިސާ އަށް ފައިސާ ނުވިއްކޭނެ ކަމަށެވެ. އަދި ރިބާ އަށް ވަނީ ވެސް ފައިސާ ފައިސާ ކޮމިޝަންލާފައި ވިއްކުމުން ކަމަށް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފައިސާގެ ނޫޓަކީ އޭގެ ޒާތުގައި އެއްވެސް އަގެއް ހުރި އެެއްޗެއް ނޫން ކަމަށާއި އެ އޭގައި އަގެއް އެކުލެވިގެން ވަނީ އެ ފައިސާ ބަދަލު ކުރެވޭ ތަކެތީގައި ކަމަށެވެ.

އިސްލާމިކް ބޭންކަކީ ރާއްޖޭގައި އިސްލާމިކް ބޭންކިންގެ ހިދުމަތް ފެށި ފުރަތަމަ ބޭންކެވެ.

comment ކޮމެންޓް