އަދީބު ޕާޓީއަކަށް ސޮއި ކުރިޔަސް މަގާމަކަށް ކުރިމަތިނުލެވޭނެ: އީސީ

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އަށް ސޮއި ކުރެއްވުން --

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރު ސިޔާސީ ޕާޓީއަކަށް ސޮއި ކުރިޔަސް، ޕާޓީގެ މަގާމަށް ކުރިމަތިނުލެވޭނެ ކަމަށް އިލެކްޝަން ކޮމިޝަން އިން ބުނެފިއެވެ.

މިއަދު ހަވިރު އަދީބު ވަނީ، އިލެކްޝަން ކޮމިޝަނުން އަލަށް އުފެއްދެމުމަށް ހުއްދަ ދިން މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް އަށް ސޮއިކޮށްފައެވެ.

އެކަމާ ގުޅިގެން އިލެކްޝަންސް ކޮމިޝަން ގެ ތަރުޖަމާނު އަދި މެމްބަރު އަހްމަދު އަކުރަމް "ސަން" އަށް ވިދާޅުވީ، އަދީބަށް ޕާޓީކަށް ސޮއި ކުރުން ފިޔަވާ ޕާޓީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭނެ ކަމަަށެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނާއި ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލާގައި ދައުލަތުން ކުރި ތިން ދައުވާއެއް ސާބިތުވެ، 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް މިދިޔަ އަންގާރަ ދުވަހު، ކަރެކްޝަންސް އިން ވަނީ އަދީބު ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ވިޔަފާރިވެރީންގެ ޖަމިއްޔާގެ ރައީސް، އިސްމާއީލް އާސިފް އިސްވެ ހުންނަވައި އުފައްދާ، މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރަން ޖެހޭ ކަންކަން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވަނީ މިއަދެވެ.

ޓުއަރިޒަމް މިނިސްޓަރު ކަންވެސް ކުރެއްވި އަދީބު، މިނިސްޓަރުކަމަށް ވަޑައިގަތުމުގެ ކުރިން ހުންނެވީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ރައީސް އަކަަށެވެ. އޭރު އެ ޖަމިއްޔާގެ ނައިބު ރައީސް އަކީ އިސްމާއިލް އާސިފެވެ.

comment ކޮމެންޓް