ރާއްޖެ ފެހި ކުރުމުގެ ގޮތުން މިއާންޒް ޕްރައިިވެޓް ލިމިޓެޑް (މައި ކޮލެޖް)ގެ ކެމްޕަސްތަކުގައި ގަސް އިންދުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
"ލެޓްސް ގްރީން އިޓް"ގެ ނަމުގައި އެ ޕްރޮގްރާމް ރޭ އިފްތިތާހްކޮށްދެއްވީ ޝަރަފުވެރި މެހެމާނު ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ސަކީނާ މަންޒިލްގައި ހުންނަ މައި ކޮލެޖްގެ ކެމްޕަހުގައި ބޭއްވި އެ ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގެ ރަށްތައް ފެހިކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިއްމު ކަމެއްކަމަށެވެ. އަދި އެ ކޮލެޖުގެ ދަރިވަރުންނާއި މުވައްޒިފުން އިސްނަގައިގެން މިފަދަ ހަރަކާތެއް ހިންގުމަކީ ރަނގަޅުކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މައި ކޮލެޖްގެ ޗެއަމަން އަހްމަދު މުއްތަކީ ވިދާޅުވީ ކެމްޕަސްތައް ފެހިކުރުމަށް ކޮލެޖުން މި ފެށި މަސައްކަތަކީ މިވަގުތު ރާއްޖެއަށް ނުހަނު ބޭނުންވެފައިވާ މަސައްކަތެއްކަމަށެވެ. އަދި ގައުމީ ފެންވަރުގައި މި މަސައްކަތް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަކީ ވެސް މުހިއްމުކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ލެޓްސް ގްރީން އިޓް"ގެ ނަމުގައި ގަސް އިންދަނީ--- ފޮޓޯ/ މައި ކޮލެޖް
މި ޕްރޮރާމްގެ ދަށުން މައި ކޮލެޖްގެ ކެމްޕަސްތަކުގައި ގަސްއިންދުމުގެ ޕްރޮގްރާމް ފުޅާކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މައިކޮލެޖްގެ 17 ބްރާންޗުގައި ގަސްއިންދުމުގެ ހަރަކާތްތައް ހިންގުމަށް ވަނީ ނިންމާފައެވެ.
މި ހަފްލާގައި ހާއްސަ މެހެމާނެއްގެ ގޮތުން އީކޯކެއަ މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޒާހިރު (މީމު ޒަވިޔަނި) ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.