ދިވެހި ފިލްމީ ތާރީހުގައި އަލަށް ތައާރަފްކުރާ ފުރަތަމަ ދިވެހި ވެބް ސީރީޒް "ހުވާ" މާދަމާ ދައްކަން ފަށާނެ ކަމަށް "ހުވާ"ގެ ޓީމުން ބުނެފިއެވެ.
"ހުވާ" އަކީ މަޝްހޫރު ވާހަކަ ލިޔުންތެރިޔާ ފާތިމަތު މަހުލާ (ނަހޫ)ގެ އަމިއްލަ ވާހަކަ އަކަށް ނަހޫ އާއި މުހައްމަދު ފައިސަލް ޑައިރެކްޓްކުރާ ސީރީޒެކެވެ.
"ސަން" އަށް މައުލޫމާތު ދެމުން ނަހޫ ބުނީ މާދަމާ ރޭ "ހުވާ"ގެ ފުރަތަމަ އެޕިސޯޑު ބެލުންތެރިންނަށް ބަލާލަން ލިބޭނެ ކަމަށެވެ. "ހުވާ" ދައްކާނީ ދާދި ފަހުން ތައާރަފްކުރި "ބައިސްކޯފު" އެޕުންނެވެ.

"ހުވާ" ގެ ޕޯސްޓަރެއްގައި ޔޫއްޕެ...
"މާދަމާ ރޭ ދައްކަން ފަށާނީ، ވަރަށް ގިނަ ބަޔަކު އެ ސީރީޒަށް އިންތިޒާރު ކުރަމުން އެބަދޭ، އިރާދަކުރެއްވިއްޔާ ބެލުންތެރިންނަށް ކަމުދާނެ ސީރީޒަކަށް ހުވާ ވާނެ،" ނަހޫ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން ނަހޫ ބުނީ، ކޮންމެ ހަފްތާއެއްގެ ހޯމަ އަދި ބުރާސްފަތި ދުވަހެއްގައި ސީރީޒްގެ އާ އެޕިސޯޑެއް ގެނެސްދޭނެ ކަމަށެވެ. ކޮންމެ އެޕިސޯޑެއްގެ ދިގުމިނުގައި ދިހައެއް ނުވަތަ ބާރަ މިނެޓް ހުންނާނެ ކަމަށް ވެސް ނަހޫ ބުންޏެވެ.
"ހުވާ"ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު އެ ސީރީޒްގެ މަންޒަރުތައް ނަގާފައިވަނީ ކ.ގުރައިދޫ، މާލެ އަދި ވިލިމާލޭގައެވެ.
އެ ސީރީޒް އަކީ މިހާތަނަށް ދިވެހި ފިލްމަކުން އަދި ޑްރާމާ އަކުން ނުފެންނަ ވަރުގެ ގިނަ ކާސްޓުން ތަކެއް ފެންނާނެ ސީރީޒެކެވެ. ފިލްމީ ދާއިރާގެ އޭ ގްރޭޑްގެ ގިނަ ތަރިންނާއެކު މުޅި ޖުމްލަ ސާޅީހަށް ވުރެއް ގިނަ ތަރިންގެ އެކްޓިން "ހުވާ" އިން ފެންނާނެއެވެ.