ޖީ 20ގެ ސަމިޓްގެ ހަވާސާގައި ޓްރަމްޕް، ބިން ސަލްމާން އާ ބައްދަލު ނުކުރައްވާނެ

ބޯލްޓަން

ވައިޓް ހައުސް (ނޮވެމްބަރު 28): އާޖެންޓީނާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޖީ 20 ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ ހަވާސާގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން އާ ބައްދަލުނުކުރައްވާނެ ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ މުސްތަޝާރު ޖޯން ބޯލްޓަން ވިދާޅުވެއްޖެއެވެ.

ވައިޓް ހައުސްގައި ބޭއްވި ނޫސްކޮންފަރެންސެއްގައި ބޯލްޓަން ވިދާޅުވީ ޖީ 20 ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގެ އަރިމަތީގައި ބިން ސަލްމާން އާ ބައްދަލުކުރެއްވުމުގެ އެއްވެސް ވިސްނުމެއް ޓްރަމްޕް ނުގެންގުޅުއްވާ ކަމުގައެވެ. ނަމަވެސް އެސަމިޓްގެ އަރިމަތީގައި ގިނަ ގައުމުތަކެއްގެ ލީޑަރުންނާ ވަކިވަކިން ބައްދަލުކުރެއްވުން ޓްރަމްޕްގެ އެޖެންޑާގައި ހިމެނޭ ކަމަށް ބޯލްޓަން ވިދާޅުވިއެވެ. ޖީ 20ގެ ގައުމުތަކަކީ ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ ބާރަށް ކުރިއަރަމުންދާ އަދި ދުނިޔޭގައި އިގްތިސާދީ ގޮތުން އެންމެ މަތީފަންތީގައި އުޅޭ ގައުމުތަކެވެ.

އެގައުމުތަކުގެ އިސްވެރިންގެ ސަމިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ޑިސެމްބަރު މަހުގެ 30 ން 31 އަށް އާޖެންޓީނާގެ ބުއެނިސްއައިރިސް ގައެވެ. އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގެ ތެރޭގައި ސައޫދީ ނޫސްވެރިއެއް ކަމަށްވާ ޖަމާލް އަލް ޚާޝުގްޖީ އަވަހާރަކޮށްލި މައްސަލާގެ ފަހަތުގައިވާ ކަމުގެ ނުސީދާ ތުހުމަތުތަކެއް ވަނީ ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ގެ މައްޗަށް ކުރެވިފައެވެ.

މިމައްސަލާގައި ސައޫދީއާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުން ގޮވާލައްވަމުންދާއިރު މިކަމުގައި އެހާ ސީރިޔަސް ނޫންކަމުގެ ތުހުމަތު ޓްރަމްޕްގެ ސަރުކާރުގެ މައްޗަށް އެމެރިކާގެ އެތެރެއިން ދަނީ ކުރަމުންނެވެ. މީގެއިތުރުން ސައޫދީ އާ ދެކޮޅަށް ފިޔަވަޅުއަޅަން ޓްރަމްޕް ފަސްޖެހެނީ ސައޫދީ ސަރުކާރާ ޓްރަމްޕާ ދެމެދު އަމިއްލަ މަސްލަހަތުތަކެއް އޮތުމުން ކަމަށްވެސް އެމެރިކާގެ ސިޔާސީ ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް