ބިން ސަލްމާންގެ ދަތުރުފުޅާ ދެކޮޅަށް ތޫނިސްގެ އާންމުން ތެދުވެއްޖެ

ބިން ސަލްމާން އާ ދެކޮޅަށް ތޫނިސްގެ އާންމުން މުޒާހަރާ ކުރަނީ

ތޫނިސް (ނޮވެމްބަރު 27): ސައޫދީ ވަލީއުލްއަހްދު މުހައްމަދު ބިން ސަލްމާން ތޫނިސްއަށް ކުރައްވާ ދަތުރުފުޅާ ދެކޮޅަށް އެގައުމުގެ އެތަށް ހާސްބަޔަކު މުޒާހަރާކޮށްފިއެވެ.

މުޒާހަރާކުރި މީހުން ވަނީ ބިން ސަލްމާން އަކީ ޔަމަން ރައްޔިތުންގެ ގާތިލް ކަމަށާ އަދި ސައޫދީ ނޫސްވެރިޔާ ޖަމާލް އަލްޚާޝުގްޖީގެ މަރުގެ ޖަރީމާގެ ފަހަތުގައިވަނީވެސް ބިންސަލްމާން ކަމަށް ތުހުމަތުކޮށް އޭނާގެ ދަތުރު ކެންސަލްކުރުމަށް ތޫނިސްގެ ސަރުކާރަށް ގޮވާލާފައެވެ. ބިން ސަލްމާން ތޫނިސްއަށް ވަޑައިގަންނަވަނީ އަރަބި ބައެއް ގައުމުތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައެވެ. މިދަތުރުފުޅުގައި އޭނާ ވަނީ ޔޫއޭއީ، ބަހްރައިން އަދި މިސްރަށް ވަޑައިގެންފައެވެ.

ބިންސަލްމާން މިހާރު ހުންނެވީ މިސްރުގައެވެ. އޭނާ ތޫނިސްއަށް ވަޑައިގަންނަވާނީ ގާހިރާއިން ފުރާވަޑައިގެން މިރޭގެ ވަގުތެއްގައެވެ. ބިން ސަލްމާން ތޫނިސްއަށް ވަޑައިގެން އެގައުމުގެ ރައީސް އަލްބާޖީ ގާޔިދް އައްސިބްސީ އާ ބައްދަލުކުރައްވާނެއެވެ. ބިން ސަލްމާންގެ ދަތުރުފުޅާ ބެހޭގޮތުން ތޫނިސްގެ ކުރީގެ ބޮޑުވަޒީރު ހައްމާދީ އަލްޖިބާލީ ވަނީ އޭނާ ތޫނިސްއަށް ޒިޔާރަތް ކުރެއްވުމަކީ ތޫނިސްގެ ރައްޔިތުންނަށް ލިބޭ ހުތުރެއް ކަމަށް ވިދާޅުވެ އެކަން ކުށްވެރިކުރައްވާފައެވެ.

ތޫނިސްގެ ރައްޔިތުންނަކީ ޚުދުމުޚްތާރު ކަމާއި އަނިޔާވެރިކަމާ ދެކޮޅަށް ގުރްބާންވެގެން އިންސާނީ ހައްގުތަކާއި ޑިމޮކްރަސީ ހޯދި ބަޔަކަށްވާއިރު ބިންސަލްމާން ފަދަ ބޭފުޅަކު ތޫނިސްއަށް ވަޑައިގަތުމަކީ ރައްޔިތުންނަށް ކުރެވޭ އިހާނާތެއްކަމަށްވެސް ހައްމާދީ އަލްޖިބާލީ ވިދާޅުވެފައިވެއެވެ. އަދި ބިން ސަލްމާންފަދަ އިސްލާމީ އުސޫލުތަކާއި އިންސާނީ ވެލިއުތަކަށް އަރައިގަންނަ ބޭފުޅަކަށް ތޫނިސްގެ ތޯހިރު ބިމުން ޖާގަދީގެން ނުވާނެކަމަށްވެސް އިސްލާމީ ފިކުރުގެ ނަހްޒާ ޕާޓީއަށް ނިސްބަތްވެ ވަޑައިގަންނަވާ ހައްމާދީ އަލްޖިބާލީ ވިދާޅުވިއެވެ.

ތޫނިސްގެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތް އެގައުމުގެ ކުރީގެ ޑިކްޓޭޓަރ އަދި ޚުދު މުޚްތާރު ވެރިޔާ ޒައިނުލްއާބިދީން ބިން އަލީއަށް ރައްކާތެރިކަމާއި ހިމާޔަތް ދީފައިވަނީ ސައޫދީ އަރަބިޔާއިންނެވެ. މިމައްސަލާގައިވެސް ތޫނިސްގެ އާންމުންގެ ނުރުހުން ސައޫދީ ސަރުކާރަށް އަމާޒުވެފައިވެއެވެ. ނަމަވެސް ބިން އަލީއަށް ހިމާޔަތް ދިނީ ކުރީގެ ރަސްގެފާނު އަބްދުﷲގެ ވެރިކަމުގައެވެ.

އިސްތަންބޫލްގައި ހުންނަ ސައޫދީ ކޮންސިއުލޭޓްގައި ވަރަށް އަނިޔާވެރި ގޮތަކަށް އަވަހާރަކޮށްލި ޖަލާމް އަލްޚާޝުގްޖީގެ މަރުގެފަހަތުގައިވާ ކަމުގެ ނުސީދާ ތުހުމަތު ކުރެވިފައިވަނީ ބިންސަލްމާންގެ މައްޗަށެވެ. ނަމަވެސް އެ ޖަރީމާގެ ކުށް ބިންސަލްމާންގެ މައްޗަށް ރަސްމީ ސިފައެއްގައި ސާބިތު ކުރެވިފައެއް ނުވެއެވެ.

ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ޔަމަނާ ދެކޮޅަށް ކުރަމުން ގެންދާ ހަނގުރާމައިގާ އެގައުމުގެ އާންމުންގެ 20 ހާހަށްވުރެ ގިނަ މީހުން މަރާލާފައިވާއިރު ޔަމަންގެ 8 މިލިޔަނަށްވުރެ ގިނަ މީހުން ގެންދަނީ ހައިހޫނުކަން ތަހައްމަލް ކުރަމުންނެވެ.

(އަލްޖަޒީރާ + ނޫސްއެޖެންސީތައް)

comment ކޮމެންޓް