އިންޑޮނޭޝިއާ ބަލިކޮށް ރާއްޖެ ތިން ވަނަ ހޯދައިފި

ރާއްޖެއާ އިންޑޮނޭޝިއާ ބައްދަލު ކުރި މެޗުގެ ތެރެއިން--

ސިންގަޕޫރުގައި ކުރިއަށްދިޔަ ސިންގަޕޫރު އިންޓަނޭޝަނަލް ކުއަޑަރެންގިއުލާ މުބާރާތުގެ ތިން ވަނަ ރާއްޖޭގެ ގައުމީ އަންހެން ފުޓުބޯޅަ ޓީމުން ހޯދައިފި އެވެ.

ކުއަޑަރެންގިއުލާ މުބާރާތުގައި ވާދަ ކުރީ، ރާއްޖެ އާއި އިންޑޮނޭޝިއާގެ އިތުރުން ލަގްޒަންބާގް އަދި ސިންގަޕޫރެވެ.

ނޮކްއައުޓް ފޯމެޓަށް ގެންދިޔަ އެ މުބާރާތުގައި ރާއްޖެ ސެމީގައި ބައްދަލު ކުރީ ސިންގަޕުރާ އެވެ. އެ މެޗު 1-0ގެ ނަތީޖާއިން ސިންގަޕޫރު ވަނީ ކާމިޔާބު ކޮށްފަ އެވެ.

މުބާރާތުގެ ތިންވަނަ ހޮވި މެޗުގައި ރާއްޖެ ބައްދަލު ކުރީ، ދެވަނަ ސެމީގައި ލަގްޒަމްބާގް އަތުން ބަލިވި އިންޑޮނޭޝިއާ އާ އެވެ.

އިންޑޮނޭޝިއާ އާއި ރާއްޖެ ބައްދަލު ކުރި މެޗުގެ ފުރިހަމަ ވަގުތު ނިމުނީ ގޯލެއް ނުޖެހި ދެ ޓީމު އެއްވަރު ވެގެންނެވެ. ރާއްޖެ ތިން ވަނަ ގެންދިޔައީ ޕެނަލްޓީގައި 2-1ގެ ނަތީޖާއިން ކުރި ހޯދައިގެންނެވެ. ޕެނަލްޓީގައި ރާއްޖެއަށް ލަނޑުތައް ކާމިޔާބު ކޮށްދިނީ މަރްޔަމް މިރުފަތު އަދި ޝަހްލާ ތައުފީގް އެވެ.

ގައުމީ އަންހެން ފުޓުބޯޅަ ޓީމު މެޑައްޔާ އެކު--- ފޮޓޯ: އެފްއޭއެމް

މި މަހުގެ ކުރީ ކޮޅު ފަލަސްތީންގައި ކުރިއަށް ގެންދިޔަ އޮލިމްޕިކް ކޮލިފިކޭޝަންގައި ރާއްޖެ ކުޅުނު ގްރޫޕުގައި ރާއްޖެ ވަނީ އިންޑޮނޭޝިއާ އަތުން 3-1 އިން ބަލިވެފަ އެވެ. އެހެން ކަމުން މި މޮޅު ވެގެން ގޮސްފައި ވަނީ ބަދަލު ހިފުމަކަށެވެ.

ކުއަޑަރެންގިއުލާ މުބާރާތުގެ ފައިނަލުގައި ބައްދަލު ކުރީ ލަގްޒަމްބް އާއި ސިންގަޕޫރެވެ. އެ މެޗު 4-0ގެ ނަތީޖާއިން ކާމިޔާބުކޮށް ލަގްޒަމްބާގް ވަނީ ޗެމްޕިއަންކަން ހޯދާފަ އެވެ.

comment ކޮމެންޓް