ބޮޑުމަސްތަކެއް ލައްގައި 145 މަސް މަރުވެއްޖެ

ނިއުޒީލެންޑްގެ ގޮނޑުދޮށަށް މަސްތައް ލައްގާފައި --

ނިއުޒީލޭންޑް(26 ނޮވެމްބަރު) -- ނިއުޒީލެންޑްގެ ރަށަކަށް އިއްޔެ ބޮޑު މަސްތަކެއް ލައްގައި އޭގެ ތެރެއިން މަދުވެގެން 145 މަސް މަރުވެއްޖެ އެވެ.

ނިއުޒިއުލޭންޑްގެ އޮފިޝަލުންނާ ހަވާލާދީ ސީއެންއެން އިން ބުނީ، ބޮޑުމަސްތައް އުރުނީ ނިއުޒީލެންޑްގެ ދެކުނުގެ ރަށަކަށް ކަމަށެވެ.

މަސްތައް ލައްގަން ފެއްޓިިކަން ރަސްމީ ފަރާތްތަކުން ފުރަތަމަ ރިޕޯޓް ކުރީ އިއްޔެ ހަވީރު އެވެ. އޭރު ދެބައިކުޅަ އެއްބައި ވަނީ މަރުވެފަ އެވެ. ނިއުޒިލޭންޑްގެ ޑިޕާޓްމަންޓް އޮފް ކޮންޒަވޭޝަނުން (ޑީއޯސީ) އިން ބުނީ ބާކީ ހުރި މަސްތައް ވެސް މާ ލަސްތަކެއް ނުވެ މަރުވި ކަމަށެވެ. އަދި ހާލަތާއި ތަނުގެ ސަބަބުން އެ ޖަނަވާރުތައް ސަލާމަތް ކުރުމަށް މާބޮޑު ކަމެއް ނުކުރެވުނު ކަމަށެވެ.

ޑީއޯސީ އިން ބުނީ އެ ބޮޑުމަސްތައް ވަޅުލުމުގެ މަަސައްކަތް ވަރަށް އަވަހަށް ކުރާނެ ކަމަށެވެ.

އިއްޔެ ހިނގި ހާދިސާއަކީ ފަހަކަށް އައިސް ނިއުޒީލެންޑްގައި ތަކުރާރުވަމުން އަންނަ ކަމެކެވެ.

މިދިޔަ އާދީއްތަ ދުވަހު ވެސް ކިލާ ވޭލްސްގެ 10 މަސް ވަނީ ނިއުޒީލެންޑްގެ ރަށަކަށް ބީހިފަ އެވެ. އަދި އޭގެ ތެރެއިން ދެ މަސް ވަނީ މަރުވެފަ އެވެ. އަދި ބާކީ މަސްތައް ފުންކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ޑީއޯސީ އިން ބުނީ އަހަރަކު މަދުވެގެން 85 ވަރަކަށް ބޮޑު މަސް ބީހޭ ކަމަށެވެ. އެކަމަކު ބޮޑު މަހާއި އަދި ކޯމަސް ގޮނޑުދޮށްތަކަށް ބީހެން ދިމާވާ ސަބަބު ވަނީ ނުހޯދި އެވެ.

މިދިޔަ އަހަރު ވެސް 400 ޕައިލެޓް ވޭލްސް ނިއުޒީލެންޑްގެ ގޮޑުދޮށަށް ބީހުނެވެ. އަދި އެއީ މުޅި ނިއުޒީލެންޑްގެ ތާރީހުގައި ތިން ވަނަ އަށް އެންމެ ގިނަ އަދަދަކަށް ބޮޑު މަސް ގޮނޑު ދޮށަށް ބީހުނު އަހަރެވެ.

comment ކޮމެންޓް