އީރާނާއި އެމެރިކާ ސަރުކާރުގެ މަތީ ފަންތީގެ ބައްދަލުވުމެއް ގިނަ އަހަރުތަކަކަށް ފަހު ބާއްވައި، އެއީ ބިނާކުރަނިވި މަޝްވަރާއެއްގެ ގޮތުގައި ދެ ގައުމުން ވެސް ސިފަކޮށްފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދައުރުގައި، 2018 ވަނަ އަހަރު އެ ގައުމުން ވަނީ އީރާނުގެ ނިއުކްލިއާ އެއްބަސްވުމުން ވަކިވެފައެވެ.
އީރާނުގެ ނިއުކްލިއާ އެއްބަސްވުން ހަދައިފައިވަނީ 2015 ވަނަ އަހަރު އީރާނާއި އެމެރިކާއާއި ޗައިނާއާއި ފްރާންސްއާއި ރަޝިއާއާއި އިނގިރޭސިވިލާތާއި ވިލާތުގެ އިއްތިހާދު ހިމެނޭ ގޮތަށެވެ. އެ އެއްބަސްވުމުގެ ދަށުން، އީރާނާ ދެކޮޅަށް އަޅައިފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ލުއި ލިބޭއިރު، އެ ގައުމުން ނިއުކްލިއާ ޕްރޮގްރާމް ވަކި ގަވައިދުތަކަކަށް ފައްތަން އެއްބަސްވިިއެވެ.
ޓްރަމްޕް ވަނީ އީރާނުން އެ އެއްބަސްވުމާ ޚިލާފުވާ ކަމަށާއި އެ ގައުމަށް ނިއުކްލިއާ ބާރުތައް ލިބުމަކީ ނުރައްކަލެއްގެ ގޮތުގައި ސިފަކުރައްވައިފައެވެ. އަދި އެ އެއްބަސްވުމުން ވަކިވުމަށްފަހު އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް ހަރުކަށި ދަތިކުރުމުގެ ފިޔަވަޅުތައް އަޅައިފައެވެ.
އޭގެ ފަހުން އީރާނުން ވަނީ އެއްބަސްވުމުގައި ބުނެފައިވާ ކަންތައްތައް އަމަލުނުކުރާނެކަން އިއުލާންކޮށްފައެވެ.
މި އަހަރުގެ ޖަނަވަރީ މަހު ދެވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގަތުމަށް ފަހު ވެސް ޓްރަމްޕް ގެންދަވަނީ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ދެކޮޅަށް ވާހަކަދައްކަވައި އިންޒާރު ދެއްވަމުންނެވެ.
އީރާނާއި އެމެރިކާއާ ދެމެދު އިއްޔެ ބާއްވައިފައިވަނީ، 2018ގެ ފަހުން ދެ ގައުމުގެ މެދުގައި ބޭއްވި އެންމެ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެވެ. އޮމާންގައި ބޭއްވި އެ މަޝްވަރާތަކުގައި ބައިވެރިވެވަޑައިގަތީ، ޓްރަމްޕް މެދުއިރުމައްޗަށް ކަނޑައަޅުއްވާފައި ހުންނަވާ މަންދޫބު ސްޓީވް ވިޓްކޮފް އާއި އީރާނުގެ ފޮރިން މިނިސްޓަރު ސައްޔިދު އައްބާސް އިރަގްޖީއެވެ.
އެ ބައްދަލުވުން ބޭއްވީ، އޮމާންގެ ފޮރިން މިނިސްޓަރު ސައިދު ބަދުރުލްބުސައިދީގެ ގޭގައެވެ. އެ ބައްދަލުވުން ބޭއްވިއިރު އެމެރިކާގެ ވަފުދާއި އީރާނުގެ ވަފުދު ތިބީ ވަކިން ދެ ކޮޓަރީގައެވެ. އަދި ދެ ފަރާތުގެ ވާހަކަތައް، އެއް ވަފުދުގެ ފަރާތުން އަނެއް ވަފުދަށް ފޯރުކޮށްދިނީ އޮމާންގެ އޮފިޝަލުންނެވެ.
އެ ބައްދަލުވުން ނިންމާލުމަށްފަހު ދެ ވަފުދުގެ ބޭފުޅުން ވަރަށް ކުޑަ ވަގުތުކޮޅަކަށް ބައްދަލުކުރި ކަމަށް ވެސް، މަސްދަރުތަކާ ހަވާލާދީ ސީއެންއެންއިން ރިޕޯޓުކޮށްފައިވެއެވެ.
އީރާނުގެ ދައުލަތުގެ ނިއުސް އޭޖެންސީން ވަނީ އެ ބައްދަލުވުންތަކުގައި، އެއް ގައުމުން އަނެއް ގައުމު ދައްކާ ވާހަކައަށް އިހުތިރާމުކޮށް، ބިނާކުރަނިވި ގޮތެއްގައި މަޝްވަރާތައް ކުރިއަށްގެންދިޔަ ކަމަށް ބުނެފައެވެ. އަދި އިރަގްޖީ ވަނީ، ދެ ގައުމުން ކަނޑައަޅާނެ ޝަރުތުތަކުގެ ފްރޭމްވޯކެއް އެކުލަވާލުމަށް ގާތްވެފައިވާ ކަމަށާއި އީރާނާއި އެމެރިކާއިން ވެސް ބޭނުންވަނީ ވީހާވެސް އަވަހަކަށް އެއްބަސްވުމަކަށް އައުމަށް ކަމަށް ވިދާޅުވެފައެވެ.
އޭނާ ވިދާޅުވީ ދެ ގައުމުން އަންނަ ހޮނިހިރު ދުވަހު ވެސް އޮމާންގައި މަޝްވަރާތައް ބާއްވަން އެއްބަސްވެފައިވާ ކަމަށެވެ.
އެމެރިކާގެ ރައީސް އޮފީސް، ވައިޓް ހައުސިން ވަނީ އެއީ ރަނގަޅަށް ކުރިއަށްދިޔަ، ބިނާކުރަނިވި މަޝްވަރާ ބައްދަލުވުމެއް ކަމަށް ބުނެފައެވެ. އަދި އެއީ ދެ ގައުމަށް ވެސް ފައިދާހުރި ގޮތެއް ހޯދުމަށް ކުރިއަށް އެޅުނު ފިޔަވަޅެއްގެ ގޮތުގައި އެ އޮފީހުން ވަނީ ސިފަކޮށްފައެވެ.
ވައިޓް ހައުސްއިން ނެރުނު ބަޔާނުގައިވާ ގޮތުން، ވިޓްކޮފް ވަނީ، ދެ ގައުމުގެ މެދުގައި އުފެދިފައިވާ މައްސަލަތައް މަޝްވަރާކޮށްގެން ހައްލު ކުރުމަށް ޓްރަމްޕް އަންގަވައިފައިވާކަން، އީރާނުގެ ވަފުދާ ހިއްސާކޮށްފައެވެ.
ވައިޓް ހައުސްއިން އެހެން ބުނި ނަމަވެސް، މިދިޔަ ހަފުތާގައި ވެސް އެމެރިކާ ސަރުކާރުން ވަނީ އީރާނާ ދެކޮޅަށް އަޅައިފައިވާ ފިޔަވަޅުތައް ހަރުކަށިކުރިކަން އިއުލާންކޮށްފައެވެ. އެމެރިކާގެ މާލީ ވުޒާރާއިން ވަނީ އެއީ އީރާން އިނދަޖެހޭ ވަރުގެ ފިޔަވަޅުތަކެއް ކަމަށާއި އެކަމާމެދު އީރާން ވިސްނާނެކަމަށް އުއްމީދު ކުރާ ކަމަށް ބުނެ އިންޒާރު ދީފައެވެ.