މެންސިޓީ އަށް ކުޅޭކަށް އަހަރެން ދެކޮޅެއް ނަހަދަން: ޓެވޭޒް

ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަންވިލާތުގެ ބެޔާން މިއުނިކް އަތުން 2-0 ލަނޑުން އިނގިރޭސި ވިލާތުގެ މެންޗެސްޓާ ސިޓީ ބައްދަލު ކުރި މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށް ދެކޮޅު ހަދާފައި ނުވާ ކަމަށް ބުނެ، ޓެވޭޒް މަންޗިނީގެ ވާހަކަތައް ދޮގު ކޮށް ރައްދު ދީފި އެވެ.
"އަހަރެން ބޭނުން މިހުރިހާ ކަމަކަށް ވެސް ސަޕޯޓަރުންގެ ކިބައިން މައާފަށް އެދެން. ސަޕޯޓަރުން މިހާރު ތިބޭނީ ނޭނގުމެއްގެ ތެރޭގައި. އަހަރެން ދަނޑަށް އަރާ އެންމެ ރަނގަޅަށް މަސައްކަތް ކުރާތަން ސަޕޯޓަރުންނަށް ފެންނާނެ. ކުޅެން އެރުމަށް އަހަރެން ދެކޮޅެއް ނަހަދަން." ޓެވޭޒް ބުންޏެވެ.

ޓެވޭޒް މިހެން ބުނެފައި މިވަނީ، ރޭގެ މެޗުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރުމަށް އޭނާ ދެކޮޅު ހަދާފައިވާ ކަމަށް ކޯޗު ރޮބާޓޯ މަންޗިނީ ބުނިތާ މާގިނައިރުތަކެއް ނުވަނީހެވެ.
"ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރުމަށް ޓެވޭޒް ދެކޮޅުހެދި. އަހަރެން މިކަމާއި މެދު މިހިރީ ހިތްހަމަ ނުޖެހިފައި. ބެޔާން މިއުނިކް، އޭސީ މިލާން ނޫނީ މެންޗެސްޓާ ޔުނައިޓެޑް ގައި މިކަހަލަ ކަމެއް ހިނގާތަ؟ އަހަރެންނަކީ ކޯޗު. އަހަރެން ހުރިހާ ކަމެއްވެސް ނިންމާނީ. އަހަރެން އޭނާއަށް ކޮންމެ ވަގުތެއްގައި މިދިޔަ ދެއަހަރު ތެރޭ އެހީތެރިވިން. އޭނާ ކުލަބު ދޫކޮށްލަން ބޭނުންވި. އެކަމަކު އަހަރެން އޭނާ މިސީޒަނުގެ ސްކޮޑަށް ވެސް ނެގިން." މެންސިޓީގެ ކޯޗު މަންޗިނީ ކުރިން ބުނެފައިވެއެވެ.

އޭގެ އިތުރުން މަންޗިނީގެ ވާހަކާގައި، ޓެވޭޒް މެންޗެސްޓާ ސިޓީއިން ނުފެންނާނެ ވާހަކަވެސް ހިމެނުނެވެ. އޭގެ އިތުރުން ޓެވޭޒްގެ އަހުލާގީ މިންގަނޑު ބަދަލުވަމުން އަންނަ ވާހަކަވެސް މަންޗިނީ ފާހަގަ ކޮށްފައިވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު