ފ. އަތޮޅާއި ދ. އަތޮޅުގެ ރަށްތަކަށް ހުޅުވާލެވިގެން ބާއްވަމުން އަންނަ "އެންވައިޖީ މެންސް ވޮލީ ބޯލް ޗެމްޕިއަންޝިޕް 2018،" އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އެންވައިޖީ ވޮލީބޯޅަ މުބާރާތަކީ ފ. ނިލަންދުއަށް ނިސްބަތްވާ ޖަމިއްޔާއެއް ކަމަށްވާ "ނިލަންދޫ ޔޫތް ޖެނެރޭޝަން" އިން އިސްނަގައިގެން އިންތިޒާމު ކުރަމުން އަންނަ މުބާރާތެކެވެ.
އެ މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި މި މަހުގެ 21 ވަނަ ދުވަހުގެ ވަނީ ހަމަވެފައެވެ.
މި އަހަރުގެ މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތައް:
- ފީއަލީ އެކުވެރި ޒުވާނުންގެ ގުޅުން (ފ. ފީއަލީ)
- ފީއަލީ އެކުވެރި ޒުވާނުންގެ ރޫޙް (ފ. ފީއަލީ)
- މަގޫދޫ ޒުވާނުންގެ ކުލަބް (އެމް.ޒެޑް.ސީ) (ފ. މަގޫދޫ)
- އެސް.ޖީ.ސީ ސްޕޯޓްސް ކުލަބް (ފ. ނިލަންދޫ)
- ކަޒިންސް (ފ. ނިލަންދޫ)
މުބާރާތުގައި ބައިވެރިވާ ޓީމުތަކުން ޓީމް ލިސްޓް ހުށަހަޅަންޖެހޭ ނިޔަލަކީީ އަންނަ މަހުގެ 13 ވަނަ ދުވަހުގެ 20:00 އެވެ. މުބާރާތުގެ ގުރުއަތުލުމުގެ ރަސްމިއްޔާތު އޮންނާނީ ޑިސެންބަރު 15 ވަނަ ދުވަހު އެވެ.
މިދިޔަ އަހަރު އެ މުބާރާތުގައި ބައިވެރިވެފައިވަނީ ތިން ޓީމެވެ. އެފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މި އަހަރުގެ މުބާރާތުގައި ވެސް ބައިވެރިވާ ކަޒިންސްއެވެ.
މި އަހަރުގެ މުބާރާތުގައި އެއް ވަނައަށް ހޮވޭ ޓީމަކަށް ފައިސާގެ އިނާމެއްގެ ގޮތުގައި 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި ދެވަނަ ޓީމަށް 4000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މި އަހަރުގެ އެން.ވައި.ޖީ މުބާރާތުގައި ރާއްޖޭގެ ނަން މަޝްހޫރު ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިން ކުޅޭނެ ކަމަށް ވަނީ ބެލެވިފައެވެ.