ދިރާގުން އޯޓިޒަމް އެސޯސިއޭޝަނުގައި ގާއިމްކޮށްދިން ޕްލޭ ގްރައުންޑް ހުޅުވައިފިއެވެ.
ހުޅުމާލޭގައި ހުންނަ އޯޓިޒަމް ސެންޓަރުގައި ގާއިމްކޮށްފައިވާ މި ޕްލޭގްރައުންޑަށް ބޭނުންވާ ހުރިހާ އެއްޗެއް ދިރާގުން ވަނީ ފޯރުކޮށްދީފައެވެ.
މި ޕްލޭގްރައުންޑުގެ ސަބަބުން ކުދިންގެ މޯޓާ ސްކިލްސް ތަރައްގީ ވުމަށް އެހީއަކަށް ވާނެއެވެ. މީގެ އިތުރުން ކުދިންގެ އިޖުތިމާއީ ހުނަރުތައް އިތުރަށް ފުރިހަމަކުރުމުގެ މަގުފަހިވެގެންދާނެއެވެ.
ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން އޯޓިޒަމް އެސޯސިއޭޝަނަށް މީގެ ކުރިންވެސް ވަނީ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން 2015 ވަނަ އަހަރު މާލޭގައި އެ އެސޯސިއޭޝަނަށް އިންޑޯ ޕްލޭގްރައުންޑެއް ހަދަން ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އަދި ފާއިތުވި އަހަރުތަކުގައި ދިރާގުން ބާއްވާ ދިރާގު މޯލްޑިވްސް ރޯޑް ރޭސް މެދުވެރިކޮށްވެސް އޯޓިޒަމް އެސޯސިއޭޝަނަށް ދިރާގުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައިއެވެ.
ދިރާގުން ބުނީ ކުޑަކުދިން ރައްކާތެރިކުރުމަކީ ދިރާގު އިޖުތިމާއީ ޒިންމާގެ ދަށުން އެންމެ އިސްކަންދޭ އެއް ދާއިރާކަމަށާއި ދިރާގުގެ ސީއެސްއާރް ޕްރޮގްރާމްގެ ދަށުން ކުޑަކުދިންނަށް އެހީ ތެރިވުމަށް ތަފާތު ޖަމިއްޔާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށެވެ.
ދިރާގުން ދަނީ ދިރާގު ސްޕެޝަލް ސްޕޯޓްސް ފެސްޓިވަލް ގެނަމުގައި ރާއްޖޭގައި ތަފާތު ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް އަމާޒުކޮށްގެން ކުޅިވަރުގެ ހަރަކާތެއްވެސް ބާއްވަމުންނެވެ.