ޕީޖީ ބިޝާމްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނަގައިފި

ޕީޖީ އައިޝަތު ބިޝާމް --- ސަން ފޮޓޯ// މުހައްމަދު އަފްރާހް

ޕްރޮސިކިއުޓާ ޖެނެރަލް އައިޝަތު ބިޝާމްގެ އިތުބާރު ނެތްކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލަ އަނބުރާ ނަގައިފިއެވެ.

އެ މައްސަލަ އަނބުރާ ނަގާފައިވާކަން ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިއުޝާ ދާދިދެންމެ ވަނީ "ސަން" އަށް ކަށަވަރުކޮށްދެއްވާފައެވެ.

މިކަމާ ގުޅޭގޮތުން މައްސަލަ ހުށަހެޅުއްވި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ އަހްމަދު (އަބުޅޯ)އަށް ގުޅުމުން އޭނާ ވަނީ ފޯން ކަނޑުއްވާލައްވާފައެވެ. އެހެންވުމާއެކު، މައްސަލަ އަނބުރާ ނެގީ ކީއްވެ ކަމެއް ސާފެއް ނުވެއެވެ.

އަބުޅޯ ހުށަހެޅުއްވި މައްސަލައިގައި ވަނީ ގާނޫނު އަސާސީއާއި ގާނޫނުން ޕްރޮސިކިއުޓަރ ޖެނެރަލަށް މަތިކޮށްފައިވާ ޒިންމާތަކާއި ހަވާލުކުރެވިފައުިވާ މަސްއޫލިއްޔަތު އެގޮތުގައި އަދާކުރައްވަމުން ނުގެންދަވާ ކަމަށެވެ.

ޕްރޮސިކިއުޓާ ޖެނެރަލް ބިޝާމްގެ އިތުބާރު ނެތް ކަމަށް ހުށަހަޅާ ފަސް ސަބަބެއް އެ މައްސަލާގައި ވަނީ ބަޔާންކޮށްފައެވެ.

މަޖިލިސް މެމްބަރުން މިދިޔަ ސަރުކާރުން ހައްޔަރުކުރިއިރު، ހައްޔަރުކުރުމަށް އެކަށީގެންވާ ސަބަބުތަކެއް ހުރިތޯ ޕްރޮސިކިއުޓާ ޖެނެރަލް ކަށަވަރު ކުރައްވާފައިނުވާ ކަމަށް އެ މައްސަލާގައިވެއެވެ. އަދި ބިޝާމް މަސައްކަތް ކުރައްވާފައި ވަނީ ފުލުހުންގެ އިދާރާ އިން އެދޭ ކޮންމެ ކަމެއް ކޮށްދެއްވަމުން ގެންދަވާ އުސޫލުން ކަމަށް ވެސް އެ މައްސަލާގައިވެއެވެ.

އިޖުރާއަތާ ޚިލާފަށް މަޖިލީހުގެ މެމްބަރުން ހައްޔަރުކުރިއިރު، އެކަން ބަލައި އިޖުރާއަތާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުންނަށް ބިޝާމް އަންގަވާފައިނުވާ ކަމަށް ވެސް އެ މައްސަލާގައިވެއެވެ.

ޖިނާއީ ކުށްތަކުގައި ބަންދުކުރެވޭ މީހުން ބަންދުގައި ބެހެއްޓުމުގައި އަމަލުކުރުމަށް، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ އުސޫލުތަކާ ޚިލާފަށް މަޖިލީހުގެ ބައެއް މެމްބަރުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވާއިރު، އެކަން ބިޝާމް ހުއްޓުވާފައިނުވާ ކަމަށް ވެސް އެ މައްސަލާގައި ބުނެފައިވެއެވެ.

comment ކޮމެންޓް