މޯލްޑިވްސް އިސްލާމިކް ބޭންލާއި އަމާނާ ތަކަފުލް ގުޅިގެން ރާއްޖެއަށް އަލަށް ބެންކާ ތަކަފުލްގެ ހިދުމަތް ތައާރަފުކޮށްފިއެވެ.
މި ހިދުމަތް ތައާރަފުކުރުމަސް އެމްއައިބީއާ އަމާނާ ތަކަފޫލްއާ ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި އެމްއައިބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ އެކްޓިން ސީއީއޯ އަހުމަދު ރިޒާއެވެ. އަމާނާ ތަކަފުލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހަރީޒް ސުލައިމާނެވެ.
މި އެއްބަސްވުމާއެކު އަމާނާތަކަފުލްގެ ޕްރޮޑަކްޓުތައް އިސްލާމިކް ބޭންކުގެ ބްރާންޗުތައް މެދުވެރިކޮށް ވިއްކާނެއެވެ. އެމްއައިބީއާއި އަމާނާ ތަކަފުލްއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން އަމާނާ ތަކަފުލްގެ ކަސްޓަމަރުންނަށް އެމްއައިބީ މެދުވެރިކޮށް ތަކަފުލްގެ ހިދުމަތްވެސް ލިބޭނެއެވެ.
މި ހިދުމަތް ތައާރަފު ކުރުމަށް މިއަދު މާގިރި ހޮޓަލުގައި ބޭއްވި ހަފްލާގައި އެމްއައިބީގެ އެކްޓިން ސީއީއޯ ރިޒާ ވިދާޅުވީ މިއަދު ސޮއިކުރެވުނު އެއްބަސްވުމާއެކު ފަސޭހަކާއެކު އިސްލާމިކް ފައިނޭންސްގެ ގިނަ ހިދުމަތްތަކެއް އެއްފުރާޅެއްގެ ދަށުން ލިބޭނެ ކަމަށެވެ.
އަމާނާ ތަކަފުލްގެ ސީއީއޯ އަދި އެމްޑީ ސުލައިމާން ވިދާޅުވީ ބޭންކާ ތަކަފޫލް ހިދުމަތާއެކު އަމާނާތަކަފުލް އިން ކަސްޓަމަރުންނަށް ހާއްސަ ތަކަފުލްގެ ގިނަ ހިދުމަތްތައް ތައާރަފުކުރާނެ ކަމަށެވެ.
ދެހާސް ތިންވަނަ އަހަރު ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތް ދޭންފެށި އަމާނާތަކަފުލް އަކީ ރާއްޖޭގައި އިސްލާމިކް ފައިނޭންސްގެ ހިދުމަތް ދޭންފެށި ފުރަތަމަ ކުންފުންޏެވެ.