ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އަރިސް ބޭފުޅެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފު އާއި ދަނގެތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދު ޖުމްހޫރީ ޕާޓީއަށް ސޮއި ކުރައްވައިފި އެވެ.
އެ ދެ ބޭފުޅުން ޖޭޕީއަށް ސޮއި ކުރެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ޖުމްހޫރީ ޕާޓީގެ އިދާރާ، ކުނޫޒުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
އެ ޕާޓީއަށް ސޮއި ކުރެއްވުމަށް ފަހު މެމްބަރު ހުސައިން ވިދާޅުވީ ޖުމްހޫރީ ޕާޓީއަކީ ހަރުދަނާ، ގާބިލު އަދި ހިދުމަތްތެރި ބަޔަކު އުޅޭ ޕާޓީއެއް ކަމަށާއި، އެހެން ކަމުން އެ ޕާޓީއާ ގުޅިވަޑައިގަތީ އެތައް ބަޔަކާ މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށެވެ.
އިލްހާމް ވިދާޅުވީ، އޭނާ އަކީ ކުރިން ވެސް ޖުމްހޫރީ ޕާޓީއާ ގުޅުން ބަހައްޓަވާ ބޭފުޅެއް ކަމަށެވެ. އެގޮތުން ގާސިމް އިބްރާޙިމް ހައްޔަރު ކުރަން އުޅުމުން އެކަން ނުކުރުމަށް ކުރީގެ ރައީސް ޔާމީންގެ އަރިހުގައި ދެންނެވި ކަމަށް ވެސް މިއަދު އިލްހާމް ވިދާޅުވި އެވެ.
އޭގެ އިތުރުން ކުރީގެ ޑިފެންސްް މިނިސްޓަރު ކާނަލް ނާޒިމް އާއި ކުރީގެ ފޭދޫ ދާއިރާގެ މެމްބަރު އަލްހާން ފަހުމީ ވެސް ވަނީ ދާދި ފަހުން ޖޭޕީއަށް ސޮއި ކުރައްވާފަ އެވެ.