ޔޫތު މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހްމަދު މަހުލޫފުގެ މައްޗަށް އުފުލާފައިވާ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށް އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މަހުލޫފުގެ މައްޗަށް އެ ދައުވާ އުފުލާފައިވަނީ އެކަށީގެންވާ ބޭސްފަރުވާ ނުދީ ޖަލުތަކުގައި ގައިދީން މަރަނީ ކަމަށް ބުނެ އޭނާ ކޮށްފައިވާ ޓްވީޓަކާ ގުޅިގެންނެވެ.
އެ މައްސަލައިގެ ހުކުމް އިއްވަމުން ގާޒީ އަލީ އާދަމް ވިދާޅުވީ ގާނޫނު ތަންފީޒުކުރާ އިދާރާއަކަށް ދޮގު މައުލޫމާތު ދިންކަމަށް ދައުލަތުން ބުނި ނަމަވެސް ކަރެކްޝަނަކީ ތަންފީޒީ އިދާރާއެއް ކަމަށް ގާނޫނީ ގޮތުން ނުބެލެވޭނެ ކަމަށެވެ. އަދި މަހްލޫފް ކުރެއްވި ޓްވީޓް ކަރެކްޝަނަށް ރައްދުވިކަން އެނގެން ނެތްކަމަށްވެސް ހުކުމުގައި ވެއެވެ.
އެ މައްސަލައިގެ ހުކުމް އިއްވުމަށް މިއަދު ބޭއްވި އަޑުއެހުން ފެށުމާއެކު ގާޒީ އަލީ އާދަމް ވިދާޅުވީ، މަހްލޫފްގެ މައްޗަށް އުފުލާފައިވާ ދައުވާ އިތުރަށް ދިރާސާކުރުމަށް އަނބުރާ ފޮނުވާލުމަށް މިއަދު 11:25 ހާއިރު ޕީޖީ އޮފީހުގެ ސިޓީއެއް ލިބިފައިވާ ކަމަށެވެ. ނަމަވެސް މައްސަލައިގެ އަޑުއެހުންތައް ފެށުމަށް ފަހު ދެން އިތުރަށް ދިރާސާކުރުމަށް ޕީޖީއިން އެދުނު ނަމަވެސް އެކަން ގާނޫނީ ގޮތުން ކޮށްދެވެން ނޯންނާނެކަމަށް ގާޒީ ވިދާޅުވިއެވެ.
މައްސަލައިގައި ހުކުމާއި ހަމައަށް އައިސްފައިވާއިރު ކްރިމިނަލް ކޯޓުން ހުކުމްކުރުމަށްފަހު ދެން އަލުން އެ މައްސަލަ އެ ކޯޓަށް ހުށަނޭޅޭނެ ކަމަށް އަލީ އާދަމް ވިދާޅުވިއެވެ. އަދި ވިދާޅުވީ، މައްސަލައިގެ ހުކުމާއި މެދު ހިތްޕުޅާ ނުވާ ނަމަ ހައިކޯޓުގައި އިސްތިއުނާފުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މީގެ ކުރިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅިކަމުގެ ދެ ދައުވާއެއް ސާބިތުވެ މަހުލޫފް ވަނީ 10 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވައިފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރުކަން ކުރައްވަމުން ގެންދެވި މަހުލޫފް މަޖިލީހުން އިސްތިއުފާދެއްވީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ކެބިނެޓާ ގުޅިވަޑައިގަތުމަށެވެ.
މަހުލޫފަކީ ރައީސް ސޯލިހުގެ ސަރުކާރުގެ މިނިސްޓަރ އޮފް ޔޫތު އެންޑް ސްޕޯޓްސްއެވެ.