ޕޯޓް މޮރެސްބީ (ނޮވެމްބަރު 20): ޕަޕުއާ ނިއު ގިނީ (ޕީއެންޖީ)ގެ 100 ވަރަކަށް ފުލުހުންނާއި ސިފައިން އެގައުމުގެ ޕާލަމެންޓު ތެރެއަށް އިއްޔެ ވަދެގަނެ، އެމީހުންގެ އެލަވެންސް ދިނުމަށް ގޮވާލައިފި އެވެ.
ޕީއެންޖީގެ މަޖިލިސް މެމްބަރެއް ކަމަށްވާ އަލަން ބާޑް ވިދާޅުވި ގޮތުގައި ޕާލަމެންޓަށް ވަން މީހުންގެ ތެރޭގައި ސިފައިންނާއި ފުލުހުންނާއި ކަރެކްޝަންސްގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނެ އެވެ. އަދި އެމީހުން ވަނީ ޕާލަމެންޓުގެ ފަރުނީޗަރަށް ހަމަލާދީފަ އެވެ.
"އެއީ ސިފައިންނާއި ފުލުހުންނާއި ކަރެކްޝަންސްގައި މަސައްކަތް ކުރާ ފަރާތްތައް. އެމީހުން ޕާލަމެންޓަށް ވަދެ ހުރިހާ އެއްޗެއް ހަލާކުކޮށްފި،" މެމްބަރު ބާޑް ވިދާޅުވި އެވެ.

ޕީއެންޖީގެ ޕާލަމެންޓު ތެރެއަށް ސިފައިންނާއި ފުލުހުން ވަދެ ބައެއް ތަކެއްޗަށް ގެއްލުން ދީފައި -- ފޮޓޯ: ފޭސްބުކް
ބާޑް އިތުރަށް ވިދާޅުވި ގޮތުގައި، އެގުރޫޕު ވަނީ ފަރުނީޗަރަށް ހަމަލާ ދިނުމަށް ފަހު ޕާލަމެންޓުން ނުކުމެގެން ގޮސްފަ އެވެ. ނަމަވެސް އިތުރު މީހުން އެގުރޫޕާ ގުޅެމުންދާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ.
ރިޕޯޓުތަކުގައިވާ ގޮތުން އެއޮފިސަރުން ނުރުހުން ފާޅުކޮށްފައި ވަނީ، މިދިޔަ ހަފްތާ ބަންދު ތެރޭގައި ޕީއެންޖީގައި ބޭއްވި އޭޕެކް ކޮންފަރެންސަށް ފަހު އެމީހުންނަށް ދޭން ޖެހޭ އެލަވެންސް ނުދިނުމުންނެވެ.
އޭޕެކް ކޮންފަރެންސަށް ޕީއެންޖީން ކުރަމުން ދިޔަ ހަރަަދުތަކާ ގުޅިގެން އެގައުމުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ މުޒާހަރާކޮށްފަ އެވެ. އެހަރަދުތަކުގެ ތެރޭގައި ޕީއެންޖީގެ މަގުތަކުން މަދުން ނޫނީ ނުފެންނަ ލަގްޒަރީ ކާރުތައް ގިނަ އަދަދަކަށް ގަތުން ހިމެނެ އެވެ.