މުޅި މެދުއިރުމަތި ގަޑުބަޑުކޮށް ހަމަނުޖެހުން އުފައްދަނީ އީރާނުން : ސަލްމާން ރަސްގެފާނު

ސަލްމާން ރަސްގެފާނު --

ރިޔާޒް (ނޮވެމްބަރު 19) : މުޅި މެދުއިރުމަތި ގަޑުބަޑުކޮށް ހަމަނުޖެހުން އުފައްދަނީ އީރާނުން ކަމަށް ސައޫދީ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒު ތުހުމަތު ކުރައްވައިފިއެވެ.

ސައޫދީ ޝޫރާ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރު އިފްތިތާޙް ކުރުމުގެ ގޮތުން ދެއްވި ޚިތާބުގައި ސަރަހައްދުގެ އެންމެ ނުބައި އަދި ނުރައްކާތެރި ގައުމެއްގެ ގޮތުގައި ސަލްމާ ރަސްގެފާނު ސިފަކުރެއްވީ އީރާނެވެ. އީރާނުން ސޫރިޔާއާއި ލުބްނާނުގައި ފައިހަރުކޮށް ޔަމަނަށް އަތްގަދަކޮށް ހަރުކަށި ފަރާތްތަކަށް ހިތްވަރު ދީ ޓެރަރިސްޓުންނަށް އެހީތެރިވަމުންދާކަމަށް ސަލްމާން ރަސްގެފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަ ދައްކަވަމުން ސައޫދީއަކީ ޓެރަރިޒަމާ ދެކޮޅަށް ހަރަކާތްތެރިވާ މެދުމިނުގެ ސިޔާސަތެއް ގެންގުޅޭ ސުލްޙަވެރި ގައުމެއްކަމަށް ސަލްމާން ރަސްގެފާނު ސިފަކުރެއްވިއެވެ. ސައޫދީ އިސްކޮށް އޮވެގެން ޔަމަނާ ދެކޮޅަށް ކުރަމުންގެންދާ ހަނގުރާމައާބެހޭގޮތުން ސަލްމާން ރަސްގެފާނު ވިދާޅުވީ އެއީ ޔަމަންގެ ވެރިކަމަށް އަތްގަދަކުރަން އުޅޭ ހޫޘީ ޖަމާއަތުގެ ދުވަސްދުއްވާލުމަށް ކޮންމެހެން ކުރަންޖެހޭ ހަނގުރާމައެއް ކަމުގައެވެ.

ޔަމަންގެ ހަނގުރާމައިގެ ސަބަބުން އެގައުމުގެ 20 ހާހަށްވުރެ ގިނަ އާންމުން މަރުވެ 8 މިލިޔަނަށްވުރެ ގިނަ ޔަމަންގެ ރައްޔިތުން ހައިހޫނުކަން ތަހައްމަލް ކުރަމުންގެންދިޔަ ނަމަވެސް ޔަމަންގެ ހަނގުރާމަ ހުއްޓާލާނެކަމުގެ އިޝާރާތެއް ސަލްމާން ރަސްގެފާނު ނުދެއްވައެވެ.

ސޫރިޔާގެ ހަނގުރާމައިގެ ހުރިހާ ޒިންމާއެއް ސަލްމާން ރަސްގެފާނު އަޅުއްވާފައިވަނީ އީރާނާއި ސޫރިޔާ ސަރުކާރުގެ ބޮލުގައެވެ. ސޫރިޔާގެ ސަރުކާރު ގަދަބާރުން ވައްޓާލުމަށް އެމެރިކާއާއި ސައޫދީންގެ އެހީގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ޖަމާއަތްތަކުގެ ދައުރުގެ މައްޗަށް ބައްލަވާލައްވާފައެއް ނުވެއެވެ.

ފަލަސްތީނުގެ މައްސަލައާބެހޭގޮތުން ވިދާޅުވީ ފަލަސްތީނުގެ ހައްގުތައް އަނބުރައި ލިބެންދެން އެއީ އަރަބިންގެ އެންމެ އިސް މައްސަލަ ކަމުގައި ސައޫދީން ބަލާނެކަމުގައެވެ. ނަމަވެސް ގުދްސާއި ފަލަސްތީނުގެ ބިންތަކަށް ވެރިވެ ފަލަސްތީނު ރައްޔިތުންނާ ދެކޮޅަށް އުދުވާން ހިންގާ މައްސަލާގައި އިސްރާއިލު ކުށްވެރިކޮށް ވާހަކަ ދައްކަވާފައެއް ނުވެއެވެ. އަދި އިސްރާއީލާއެކު ސައޫދީން ބާއްވާ ކަމަށް ތުހުމަތު ކުރެވޭ ސިއްރު ގުޅުންތަކާބެހޭގޮތުންވެސް އެއްޗެއް ވިދާޅެއް ނުވެއެވެ.

ސަލްމާން ރަސްގެފާނުގެ ޚިތާބުގައި ސައޫދީ ނޫސްވެރިޔާ ޖަމާލްއަލްޚާޝުގްޖީ އަވަހާރަކޮށްލި މައްސަލާގައި ބައިނަލްއަގްވާމީ ފެންވަރުގައި ސައޫދީ އަށް ކުރިމަތިވަމުންދާ އާދަޔާ ފިއްތުންތަކުގެ މައްޗަށް އަލި އަޅުއްވާލައްވާފައެއް ނުވެއެވެ. އަދި ސޫރިޔާގައި ހަރަކާތްތެރިވާ އައިއެސް ޖަމާއަތްފަދަ ހައްދު ފަހަނަޅާފައިވާ ޖަމާއަތްތަކަށް ސިއްރިޔާތުގައި އެހީތެރިވާކަމުގެ ތުހުމަތު ސޫރިޔާ އިން ސައޫދީގެ މައްޗަށް ކުރާމައްސަލައިގެ މައްޗަށްވެސް އިޝާރާތް ކުރައްވާފައެއް ނުވެއެވެ.

ސަލްމާން ރަސްގެފާނު މިޚިތާބު ދެއްވީ އަރަބި އެތައް ގައުމެއްގައި ހިނގާ ހަނގުރާމަތަކުގެ ތެރެއަށް އެމެރިކާއާ ބައިވެރިވެގެން އެމެރިކާގެ ހަތިޔާރާއެކު ވަނުމުގެ އިތުރުން ގަތަރާއި ޔަމަންފަދަ ސައޫދީގެ އަވަށްޓެރި ގައުމުތަކަށް އަތްގަދަ ކުރުމާއި ހަންފެތުރުމުގެ ސިޔާސަތެއް ގެންގުޅޭކަމުގެ ތުހުމަތު ސައޫދީ އަށް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ.

މެދުއިރުމަތި ގަޑުބަޑުކޮށް ހަމަނުޖެހުން އުފައްދަނީ އީރާނުން ކަމަށް ސައޫދީން ތުހުމަތުކުރާއިރު އިސްރާއީލާއި އެމެރިކާއިންވެސް ގެންދަނީ މި ތުހުމަތުތައް އީރާނުގެ މައްޗަށް ކުރަމުންނެވެ.

(ނޫސްއެޖެންސީތައް)

comment ކޮމެންޓް