އިމްރާން މިނިސްޓަރު ކަމަށް އައްޔަން ކުރުމަށް ގާނޫނީ ހުރަހެއްވޭ: ކުރީގެ އުއްތަމަ ފަނޑިޔާރު ފާއިޒް

ހޯމް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރި ޝައިހް އިމްރާން އަބްދުﷲ-- ސަން ފޮޓޯ: ފަޔާޒް މޫސާ

އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ ހޯމް މިނިސްޓަރު ކަމުގެ މަގާމަށް އައްޔަން ކުރުމަށް ގާނޫނީ ހުރަހެއްވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒް ހުސެއިން ވިދާޅުވެއްޖެ އެވެ.

އިމްރާން މިނިސްޓަރު ކަމުގެ ހުވާކުރެއްވި އިރު، އޭނާގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމް ރިވިއު ކުރަން ސުޕްރީމް ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ. އެ މައްސަލަ ރިވިއުކޮށް ނިމެންދެން އިމްރާންގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރަން ކުރަން ސުޕްރީމް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ.

ވަޒީރުންގެ ޝަރުތު ތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސްދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކުނަމަ، އެހުކުމެއް ތަންފީޒްކޮށް ނިމުނުތާ، ނުވަތަ އެހުކުމަކުން ކަނޑައެޅުނު އަދަބު މައާފްކުރެވުނުތާ ތިން އަހަރު ވެފައިވާ މީހަކުކަމުގައިވުން ހިމެނެ އެވެ. އެހެން ކަމުން ޝެއިހް އިމްރާންގެ މައްޗަށް ކޮށްފައިވާ 12 އަހަރުގެ ޖަލު ހުކުމުން ބަރީއަ ނުވަނީސް އޭނާއަށް މިނިސްޓަރުގެ މަގާމުގައި ދެމި ހުރެވިދާނެތޯ ބައެއް ގާނޫނީ ވަކީލުން އަންނަނީ ސުވާލު އުފައްދަމުންނެވެ.

އެކަމާ ގުޅޭ ގޮތުން ރޭ ފާއިޒް ފޭސްބުކުގައި ވިދާޅުވީ އިމްރާން މަގާމަށް އައްޔަން ކުރުމުގައި ގާނޫނީ ހުރަހެއްވާ ކަމަށް ގަބޫލު ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ގޮތުން އިތުރު އެއްވެސް އެއްޗެއް އޭނާ ވިދާޅެއް ނުވެ އެވެ.

އިމްރާން ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރީ އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގަ އެވެ.

ޓެރަރިޒަމްގެ ކުށް ސާބިތުވެ ޝައިހް އިމްރާނުގެ މައްޗަށް 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާއިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު ބޭއްވި މުޒާހަރާގައި އަނިޔާވެރިކަމަށް ހިތްވަރުލިބޭ ވާހަކަތަކެއް ދެއްކެވި ކަމަށް ބުނެއެވެ.

comment ކޮމެންޓް