މައުމޫނު ނަޝީދަށް: މާޒީ ދޫކޮށްލައި އެކަކު އަނަކަކަށް މައާފު ކޮށްފިން

ކުރީގެ ރައީސް މައުމޫން: އެމަނިކުފާނު ވިިދާޅުވީ ކުރީގެ ރައީސް ނަޝީދުއާ ދެމެދު ރަނގަޅު ގުޅުމެއް އެބައޮތް ކަމަށް -- ސަން ފައިލް ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ކުރީގެ ރައީސް މައުމޫންއާއި ރައީސް ނަޝީދުއާ ދެމެދު މާޒީގައި ހިނގައިފައިވާ ކަންތައްތައް ދޫކޮށްލައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް މާފު ކުރައްވައިފައިވާ ކަމަށް މައުމޫން ވިދާޅުވެއްޖެ އެވެ.

މައުމޫނުގެ ދިގު ތިރީސް އަހަރުގެ ވެރިކަމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވި ނަޝީދު ވަނީ 2008 ވަނަ އަހަރު ރައީސް މައުމޫނާ ވާދަ ކުރައްވައި ރައީސަކަށް އިންތިހާބު ވެވަޑައިގެންފައެވެ. ނަޝީދު އިންތިހާބު ކާމިޔާބު ކުރެއްވުމުގެ ކުރިން މައުމޫނުގެ ވެރިކަމުގައި އެތައް ފަހަރަކު ޖަލަށް ވަޑައިގަންނަވަން ޖެހި އަމިއްލަފުޅަށް ރާއްޖެ އިން ބޭރަށް އަރުވާލެއްވިގެން ވެސް އުޅުއްވި އެވެ.

ނަޝީދުގެ ވެރިކަން ދައުރު ހަމަވުމުގެ ކުރިން ނިންމަވާލަން ޖެހުނު އިރު އެ ވެރިކަމާ ދެކޮޅަށް މައުމޫން ވެސް ވަނީ މަސައްކަތް ކުރައްވައިފަ އެވެ. އަދި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ރައީސް ނަޝީދާ ވާދަ ކުރައްވައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކާމިޔާބު ކުރެއްވިއިރު ޔާމީނު ވެރިކަމަށް ގެންނެވުމަށް އެންމެ ބޮޑަށް މަސައްކަތްފުޅު ކުރެއްވީ ވެސް ރައީސް މައުމޫނެވެ.

ޒަމާންވީ ބޮޑު ދެ ހަތުރުންގެ ގޮތުގައި ފެނިފައިވާ ރައީސް މައުމޫނާއި ރައީސް ނަޝީދު އެކުއެކީ ސިޔާސީ މަސައްކަތް ފެއްޓެވީ ރައީސް ޔާމީނަށް ކުރަމުން އައި ތާއީދު ރައީސް މައުމޫން އަނބުރައި ގެންނަވައި އިދިކޮޅަށް ނިކުންނެވި ހިސާބުންނެވެ.

ރައީސް ނަޝީދާ އެކު އޮތް ގުޅުމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން މައުމޫން ވިދާޅުވީ އެ ދެ ބޭފުޅުންގެ ދޭތެރޭގައި އޮތް ގުޅުން "ވަރަށް ރަނގަޅު، ވަރަށް ރަނގަޅު" ކަމަށެވެ. އަދި އެ ދެ ބޭފުޅުންނަކީ ވިސްނުންފުޅު ރަނގަޅު ދެ ބޭފުޅުން ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެން ވޭތުވެދިޔަތަން ވޭތުވެދިޔަތަނަށް ދޫކޮށްލައިފިން. އަޅުގަނޑާއި ރައީސް ނަޝީދާ ބައްދަލުވާއިރު އެ ވާހަކަތައް އެއް ގޮތަކަށް ވެސް ނުދައްކަވާ. ކުރިންވީ މިހެނޭ އެހެނޭ. އެވާހަކައެއް ނުދައްކަވާ. އެކަން އޮތީ ގޮސް ނިމިފައި،"

"އަޅުގަނޑުމެން އެކަކު އަނެކަކަށް މައާފު ކޮށްފިން. އަޅުގަނޑުމެން އެކަކު އަނެކަކުގެ ރަހުމަތްތެރިކަން އަލުން މިއޮތީ ގަބޫލުކޮށްފައި،" ރައީސް ނަޝީދާ ގުޅޭ ގޮތުން ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް ނަޝީދާއި އެ މަނިކުފާނާ ދެ ބޭފުޅުންނަކީ ވެސް ގައުމަށް ވަރަށް އިހްލާސްތެރި ދެ ބޭފުޅުން ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ވެސް ރައީސް މައުމޫނު ވިދާޅުވި އެވެ.

comment ކޮމެންޓް