ހާޝުގްޖީ މަރާލީ ވަލީއަހުދުގެ އަމުރަށް ކަމަށް ސީއައިއޭން ވަނީ ނިންމާފައި: އޮފިޝަލުން

ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލާފައި ވަނީ ތުރުކީގައި ހުންނަ ސައުދި ކޮންސިއުލޭޓު ތެރޭގައި -- ފޮޓޯ: އޭއެފްޕީ

ވޮޝިންޓަން (ނޮވެމްބަރު 17): ސައުދީ އަރަބިއާގެ ނޫސްވެރިޔާ ޖަމާލް ހާޝުގްޖީ މަރާލަން އަމުރު ކުރެއްވީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާން ކަމަށް އެމެރިކާގެ ސީއައިއޭ އިން ނިންމާފައިވާ ކަމަށް އެގައުމުގެ އިސް އޮފިޝަލަކު ވިދާޅުވެއްޖެ އެވެ.

ނަން ހާމަކޮށްފައި ނުވާ އޮފިޝަލަކާ ހަވާލާދީ ސީއެންއެންގައިވާ ގޮތުން އެމެރިކާގެ ޖާސޫސީ އިދާރާއިން އެފަދައިން ނިންމީ ތުރުކީ ސަރުކާރުން ހިއްސާ ކުރި ރެކޯޑިންއަކާއި އެ އިދާރާއަށް ލިބިފައިވާ އިތުރު ހެކީގެ މައްޗަށް ބިނާކޮށެވެ.

އަދި ސައުދީ ސަރުކާރުގެ ބޮޑު ބައެއް ކޮންޓްރޯލު ކުރައްވަނީ ވަލީ އަހުދު ކަމަށްވާ އިރު، ބިން ސަލްމާންގެ އިޒުނައާ ނުލައި އެފަދަ އޮޕަރޭޝަނެއް ކުރިއަށް ނުގެންދެވެނޭ ކަމަށް އިންވެސްޓިގޭޓަރުން ގަބޫލު ކުރާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އެމެރިކާގައި ހުންނަ ސައުދީ އެމްބަސީގެ ތަރުޖަމާނަކު ވަނީ އެރިޕޯޓު ދޮގުކޮށްފަ އެވެ. އަދި ސީއައިއޭގެ ތަރުޖަމާނު ވަނީ އެރިޕޯޓާ ބެހޭ ގޮތުން ވަކި އެއްޗެކޭ ވިދާޅުވާން ދެކޮޅު ހައްދަވައިފަ އެވެ.

އެމެރިކާގެ ނޫސްތަކުގައި އެފަދައިން ބުނެފައި ވަނީ، ހާޝުގްޖީ މަރަން އަމުރު ކުރެއްވީ ވަލީއަހުދު ނޫން ކަމަށް ސައުދީ އެޓާނީ ޖެނެރަލް ސައުދު އަލް މުޖިބު ވިދާޅުވި ފަހުންނެވެ. މުޖިބު ވިދާޅުވި ގޮތުގައި ހާޝުގްޖީ މަރާލުމުގައި ބައިވެރިވި އެންމެ އިސް އޮފިޝަލަކީ ސައުދީގެ ކުރީގެ ޑެޕިއުޓީ އިންޓެލިޖެންސް ޗީފް އަހުމަދު އަލް އަސިރީ އެވެ.

އަދި ހާޝުގްޖީ މަރާލީ ހޭނައްތާ ބޭހެއް އޯވާޑޯޒްވާ މިންވަރަށް އިންޖެކްޓު ކޮށްގެންނެވެ. މުޖިބު ވިދާޅުވި ގޮތުގައި އޭގެ ފަހުން އޭނާގެ ހަށިގަނޑު ވަނީ ކޮށާލައި، ތުރުކީގެ މީހަކާ ހަވާލުކޮށްފަ އެވެ. އެމީހާ ހޯދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވެސް މުޖިބު ހާމަ ކުރެއްވި އެވެ.

އެމައްސަލާގައި ސައުދީން ވަނީ މިހާތަނަށް 21 މީހަކު ހައްޔަރުކޮށްފަ އެވެ. އަދި 11 މީހެއްގެ މައްޗަށް ވަނީ ދައުވާކޮށްފައި ކަމަށާއި ސައުދީން ބޭނުން ވަނީ އޭގެ ތެރެއިން ފަސް މީހަކަށް މަރުގެ އަދަބު ދިނުމަށް ކަމަށް މުޖިބު ވިދާޅުވި އެވެ.

ވޮޝިންޓަން ޕޯސްޓަށް ކޮލަމް ލިޔަމުން ދިޔަ ހާޝުގްޖީ މަރާލީ މިދިޔަ މަހުގެ ދެވަނަ ދުވަހު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް ދިޔަ ފަހުންނެވެ.
comment ކޮމެންޓް