އެމްޕީ އަހުމަދު ރަޝީދާއި މުބީން ޖޭޕީއަށް ސޮއިކޮށްފި

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން --- ސަން ފޮޓޯ: ފަޔާޒު މޫސާ

ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދު އިބްރާހީމާއި ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ޖުމްހޫރީ ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޖޭޕީގެ އޮފީހުގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ އެ ދެ މެމްބަރުންގެ ފޯމާ ހަވާލުވެވަޑައިގެންފައެވެ.

މުބީން އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އިންތިހާބުވެޑައިގަތީ ޖޭޕީގެ ޓިކެޓްގައެވެ. ނަމަވެސް ފަހުން އޭނާ ވަނީ ޖޭޕީ ދޫކުރައްވައި ޕީޕީއެމްއާ ގުޅިވަޑައިގެންފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ދެ މެމްބަރުން ޖޭޕީއާއެކު ގުޅިވަޑައިގަތުމާއެކު އެހެން މެމްބަރުންވެސް ސިލްސިލާކޮށް ޖޭޕީއާ ގުޅިވަޑައިގަންނަވާނެކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"އެއީ އަޅުގަނޑުމެންގެ ޕާޓީގައި އޮންނަ ޑިިމޮކްރެޓިކް ޕާޓީތަކާ އުސޫލުތަކެއްކަން އަޅުގަނޑު ގަބޫލުކުރަން،" ގާސިމް ވިދާޅުވިއެވެ.

ސޮއިކުރެއްވުމަށްފަހު ވާހަކަ ދައްކަވަމުން މެމްބަރު އަހުމަދު ރަޝީދު ވިދާޅުވީ ކޮންމެ ޕާޓީއަކުންވެސް މަސައްކަތް ކުރަމުންގެންދަނީ ރައްޔިތުންގެ ފައިދާއަށް ކަމަށާއި އެގޮތުން ޖުމްހޫރީ ޕާޓީއަށް ސޮއި ކުރެއްވީ މިވަގުތު ރާއްޖޭގައި އެންމެ ހަރުދަނާ ޕާޓީއެއްގެ ލީޑަރަކަށް ހުންނެވީ ގާސިމް އިބްރާހިމްކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މުބީން ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަންވާނީ ރައްޔިތުންގެ ލާބަޔާ މަންފާއަށް ކަމަށާއި އެގޮތުން ޖުމްހޫރީ ޕާޓީން ފާއިތުވި ދުވަސްތަކުގައި ހޯދައިފައިވާ ކާމިޔާބަކީ އޭނާގެ ދާއިރާގެ ރައްޔިތުން މާބޮޑަށްވެސް ބަލައިގަންނަ ކަމަށެވެ.

comment ކޮމެންޓް