އަބުރުގެ ގާނޫނު އުވާލުމަށް ފާސްކޮށްފި

މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނު އުވާލުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ގާނޫނު އުވާލުމަށް 38 މެންބަރުން ވޯޓުދެއްވި އިރު ނުފެންނަ ކަމަށް 13 މެންބަރަކު ވޯޓު ދެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގަނޫނު އުވާލަން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދެވެ.

އަބުރުގެ ބިލު އުވާލަން މަޖިލީހަށް ހުށަހެޅުއްވި ސަބަބެއް ކަމަށް ޝާހިދު ވިދާޅުވީ އެ ގާނޫނުގެ ސަބަބުން ގާނޫނު އަސާސީއިން ލިބިދީފައިވާ ބައެއް އަސާސީ ހައްގުތަކަށް އުނިކަން ލިބިފައިވާތީއެވެ.

"އަބުރު ރައްކާތެރިކުރުމާއި ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަށް އަމަލުކޮށް ތަންފީޒު ކުރުމުގެ ސަބަބުން ގާނޫނީ ގޮތުން ފުށުއަރާ މައްސަލަތަކާއި ވަނީ ކުރިމަތިލާން ޖެހިފައި،" އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

އަދި ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާއި ގާނޫނީ ހަމަތަކާ އުސޫލުތަކާއި އަބުރުގެ ގާނޫނު ތައާރުޒުވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ގަނޫނު އަސާސީގެ އެތައް މާއްދާތަކުން ލިބިދޭ ބާރު ކެނޑޭ ގޮތަށް އަބުރުގެ ގާނޫނު އެކުލަވާލާފައިވާކަން ޝާހިދު ފާހަގަކުރެއްވިއެވެ.

އަދި އެ ގާނޫނު އުވުމާއެކު އަބުރާ ބެހުމުން ލިބިދޭ ބަދަލުގެ ގަވާއިދު އަލުން ހިމަނައި އަމަލުކުރަން ފަށާނެކަމަށް ޝާހިދު ވިދާޅުވިއެވެ.

އަބުރުގެ ގާނޫނު ފާސްކޮށްފައިވަނީ އެ ގާނޫނު ފާސްކުރުމާއި ދެކޮޅަށް ނޫސްވެރިން އަޑުއުފުލަމުން ދަނިކޮށް 2016 ވަނަ އަހަރުއެވެ.

comment ކޮމެންޓް