ތިންރަށެއްގައި އެއާޕޯޓު އެޅުމަށް 170 މިލިއަން ރުފިޔާ ބަޖެޓްކޮށްފި

ތިން ރަށެއްގައި އެއާޕޯޓު ތަރައްގީކުރުމަށް 170 މިލިއަން ރުފިޔާ ބަޖެޓުކޮށްފިއެވެ.

އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ފޮނުވާފައިވާ ބަޖެޓުގައި އަލަށް އެއާޕޯޓު އެޅުމަށް ކަނޑައަޅާފައިވަނީ މ. މުއްޔާއި ގދ. ފަރެސްމާތޮޑާ، އަދި ހއ. މާފިނޮޅެވެ. މި ރަށްތަކުގައި އެއާޕޯޓު އެޅުމަށް 170 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ.

މާފިނޮޅާއި ފަރެސްމާތޮޑާ އެއާޕޯޓުގެ މަސައްކަތް ވަނީ މި ސަރުކާރުގައި ފަށައިފައެވެ. މުލީ އެއާޕޯޓަކީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދުފުޅެކެވެ.

މީގެ އިތުރުން ހދ. ކުޅުދުއްފުށީ އެއާޕޯޓާއި، ށ. ފުނަދޫ އަދި ގދ. މާވާރުލު އެއާޕޯޓުގެ މަސައްކަތަށްވެސް ބަޖެޓުގައި ވަނީ ބޮޑު އަދަދެއް ހިމަނައިފައެވެ. މި ތިން އެއާޕޯޓުގެ މަސައްކަތް މިހާރު ވަނީ ނިމުމަކާ ކައިރިވެފައެވެ.

ބަޖެޓުގައި އެންމެ ބޮޑު ހޭދައެއް ކުރުމަށް ނިންމާފައިވާ އެއް ޕްރޮޖެކްޓަކީ ވެލާނާ އިންޓަނޭޝަނަލްް އެއަޕޯޓުގެ ތަރައްގީގެ މަޝްރޫއެވެ. އެ މަޝްރޫއަށް 1.6 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފައެވެ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމަށް 1.5 މިލިއަން ރުފިޔާ ވަނީ ބަޖެޓްކޮށްފައެވެ.

ބަޖެޓުގައި ރީޖަނަލް އެއާޕޯޓްސްގެ މަސައްކަތަށް ކަނޑައަޅާފައިވަނީ ޖުމްލަ 184,225,938 ރުފިޔާއެވެ.

comment ކޮމެންޓް