ކިންގް ސަލްމާން މިސްކިތުގެ އޮނިގަނޑު ނިމިއްޖެ

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ގޮސްފައިވާ ހިސާބު-- ފޮޓޯ: މިނިސްޓަރު މުއިއްޒު

ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މާލޭގައި އަޅާ ކިންގް ސަލްމާން މިސްކިތުގެ އޮނިގަނޑުގެ މަސައްކަތް އެއްކޮށް ނިމިފައިވާކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގައި އަޅާ އެންމެ ބޮޑު މިސްކިތް "ކިންގް ސަލްމާން" މިސްކިތުގެ ސްޓްރަކްޗްރަލް ކޮންކްރީޓުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ.

"އާ ސަރުކާރުން މިސްކިތުގެ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދެވުން އެދެން،" މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ތުރުކީގެ ޓާމެކްސް ކުންފުންޏާ އެވެ. މަޝްރޫގެ އަގަކީ 24.95 މިލިއަން ޑޮލަރެވެ.

ކިންގް ސަލްމާން މިސްކިތް އަޅަނީ އާޓިފިޝަލް ބީޗްގެ އުތުރަށް އޮތް ބިމުގަ އެވެ. ސަލްމާން ރަސްގެފާނުގެ ހަދިޔާއެއްގެ ގޮތުގައި، 41500 އަކަފޫޓުގެ ޖާގައަކާ އެކު ބިނާކުރާ މިސްކިތުގައި ހަ ފަންގިފިލާ ހިމެނެ އެވެ. އަދި މިސްކިތަށް އަރާ ފައިބާ ހަދަން ހަތަރު ލިފްޓު ހުންނަ އިރު، މިސްކިތަށް ދާ މީހުންގެ ވެހިކަލްތައް ޕާކު ކުރުމަށް 44100 އަކަ ފޫޓުގެ ޖާގައެއް ހާއްސަކޮށްފައިވެ އެވެ.

މިސްކިތުގައި އޮޑިޓޯރިއަމަކާއި މަލްޓި ޕާޕަސް ހޯލެއް ވެސް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް ސަރުކާރުން ބުންޏެވެ. މިސްކިތުގައި ދުނިޔޭގެ ފެންވަރުގެ ލައިބްރަރީއަކާއި ކްލާސްރޫމްތަކާއި ސެމިނާ ރޫމްތައް ވެސް އެތަނުގައި ހެދުމަށް ވަނީ ނިންމައިފަ އެވެ.

އެ މިސްކިތުގައި މާބުލް ޖަހާފައިވާ ސަރަހައްދާ އެކު ޖުމްލަ 10000 މީހުންނަށް އެއްފަހަރާ ޖަމާއަތް ހަދައިގެން ނަމާދު ކުރެވޭނެ އެވެ.

comment ކޮމެންޓް