ރ. ފައިނުގައި ތަރައްގީކުރާ އެއާޕޯޓު އެޅުމަށް އެ ރަށުން 5792 ރުއްގަސް ކަނޑަންޖެހޭކަމަށް އެއާޕޯޓު މަސައްކަތުގެ އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ)ގައި ބުނެފިއެވެ.
އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އާންމުކޮށްފައިވާ، ފައިނުގައި އެއާޕޯޓު އެޅުމުގެ މަޝްރޫއުގެ އީޕީއޭ ރިޕޯޓުގައި ބުނެފައިވަނީ އެރަށުގައި ގަސް ހެދިފައި ހުރި ސަރަހައްދުން 38 ޕަސެންޓުގެ ގަސް ކަނޑަން ޖެހޭ ކަމަށާއި މިކަމުގެ ސަބަބުން އެ ސަރަހައްދުގެ ވެއްޔާއި ފެންފަށަލަ އަދި ރަށުގެ ފިނި ހޫނުމިނަށް ނޭދެވޭ އަސަރު ކުރާނެ ކަމަށެވެ.
އެއާޕޯޓުގެ މަސައްކަތަށް ބިން ހިއްކުމުގެ ސަބަބުން މޫދާއި ފަރުތަކަށް ގެއްލުން ވާނެ ކަމަށާއި މި މަޝްރޫއުގެ ސަބަބުން އެންމެ ބޮޑު ގެއްލުން ލިބޭނީ ރުއްގަސް ކެނޑުމުން ކަމަށް އީއައިއޭގައި ބުނެފައިވެއެވެ.
އީއައިއޭގައި ބުނެފައިވަނީ އެއާޕޯޓު އެޅުމަށް އެ ރަށުގެ ފަޅުން 8.3 ހެކްޓަރުގެ ބިން ހިއްކަން ޖެހޭ ކަމަށެވެ.
އެއާޕޯޓު މަޝްރޫއު ކުރިއަށް ގެންދާ ސަރަހައްދުގައި ބޮޑެތި ނިކަ ގަހާއި މަގޫ، ފުނަ، އުނި، ދިއްގާ ފަދަ ގަސްތައް އެބަހުރި ކަމަށާއި އޭގެ ތެރޭގައި އެތައް ސަތޭކަ އަހަރެެއް ވަންދެން ދިރި ހުންނާނެ ކަމަށް ބެލެވޭ ގަސްތައްވެސް އެބަހުރި ކަމަށް އީއައިއޭގައި ފާހަގަ ކޮށްފައިވެއެވެ. މީގެ ތެރެއިން ބައެއް ގަސްތަކަކީ އެއާޕޯޓުގެ މަސައްކަތަށް ނަގަން ޖެހޭ ގަސްތަކެއް ކަމަށް ވެސް ވަނީ ފާހަގަ ކޮށްފައެވެ.
އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ނަގާ ގަސްތަކާއި ރުއްތައް އެހެން ރަށެއްގައި ނޫނީ ފައިނުގެ އެހެން ސަރަހައްދެއްގައި އިންދިދާނެ ކަމަށް އީއައިއޭގައި ބުނެފައިވެއެވެ.
އީއައިއޭގައި ފާހަގަކޮށްފައިވާގޮތުން އެއާޕޯޓު އެޅުމަށް ހިއްކާ ބިން ވަށްކޮށްލެވިދާނެއެވެ. އަދި ބަނދަރުން އެއަރޕޯޓަށް ދާން ހުށަހަޅާފައިވާ މަގު، ގޮނޑުދޮށުން 31 މީޓަރުގެ ޖާގަ ވާނެހެން މަގު ހެދުމަށްވެސް އީއައިއޭގައި ވަނީ ލަފާ ދީފައެވެ.
ފައިނުގައި އަޅާ އެއާޕޯޓު ތަރައްގީކުރަން ހަވާލުކޮށްފައިވަނީ އައިލެންޑް އޭވިއޭޝަން އާއެވެ.
ފައިނު އެއަރޕޯޓްގައި 1320 މީޓަރު ދިގު 30 މީޓަރު ފުޅާ ރަންވޭއަކާއި، 60 މީޓަރު ދިގު 15 މީޓަރު ފުޅާ ޓެކްސީވޭ އަކާއި227.5 މީޓަރު ދިގު 45 މީޓަރު ފުޅާ އޭޕްރަން އޭރިއާއެއް ހެދުމަށް ހަމަޖެހިފައިވެއެވެ.
އެއީ ދެ ސިޓީ ހޮޓަލަކާއި އަޔުރްވެދިކް މެޑިކަލް ޓްރީޓްމެންޓް ސެންޓަރަކާއި މެޑިކަލް ރީހެބް ސެންޓަރެއް ވެސް ހިމެނޭގޮތަށް ތަރައްގީކުރާ އެއާޕޯޓެކެވެ. އަދި އެ އެއާޕޯޓުގައި އައިލެންޑް އޭވިއޭޝަންގެ ޓްރެއިނިންގް ސެންޓަރަކާއި މަތިންދާބޯޓު މަރާމާތުކުރަން ރަނގަޅު ފެންވަރެއްގެ ހޭންގަރއެއް ހަދަން ވަނީ ނިންމައިފައެވެ. އަދި މި އެއާޕޯޓަކީ ރޭގަނޑުވެސް މަތިންދާ ބޯޓުފަހަރު އެއްވެސް ދަތިކަމެއް ނެތި ޖެއްސޭ ގޮތަށް ތަރައްގީ ކުރާ އެއާޕޯޓެކެވެ.