އެސްޓީއޯގެ މައްސަލަޖެހުނު ފުށް ބެޗް ޑިސްޓްރިބިއުޓް ކުރުން ހުއްޓާލައިފި

 އެސްޓީއޯގެ ހަކުރު ގުދަނެއްގައި އެ ކުންފުނީގެ މުވައްޒަފުންތަކެއް މަސައްކަތުގައި: މައްސަލަ ޖެހުނު ފުށް ބެޗް ޑިސްޓްރިބުޓް ކުރުން އެކުންފުނިން ވަނީ ހުއްޓާލާފައި --- ސަން ފައިލް ފޮޓޯ

އެސްޓީއޯއިން ރާއްޖެ އެތެރެކޮށް ވިއްކާ ގޮދަންފުށުގެ ބެޗެއްގައި ނުބައި ވަހަކާއި ރަހައެއް ހުރިކަން ފާހަގަކުރެވިގެން، އެމައްސަލަ ޖެހުނު ފުށް ބެޗް ޑިސްޓްރިބިއުޓް ކުރުން ހުއްޓާލައިފިއެވެ.

އެސްޓީއޯއިން ވިއްކަމުން ގެންދާ ފުށުގެ ތެރެއިން ބެޗު ނަމްބަރު 17016853 ފުށުގައި ނުބައި ވަހަކާއި ރަހައެއް ހުރެގެން އެމައްސަލަ ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ތަހުގީގު ކުރަން ފަށައިފައިވާ ކަަމަށް އިއްޔެ އެ އޮތޯރިޓީން ވަނީ ބުނެފައެވެ.

މިކާމާ ގުޅިގެން އެސްޓީއޯއިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އެމްއެފްޑީއޭއިން ހަދާ ޓެސްޓުތަކުގެ ނަތީޖާ ލިބެންދެން މި ބެޗްގެ ފުށް ޑިސްޓރިބުއުޓްކުރުން އެކުންފުނިން މަޑު ޖައްސާލާފައިވާ ކަމަށެވެ.

އެމްއެފްޑީއޭއަށް ލިބުނު ރިޕޯޓަކާ ގުޅިގެން އެ އެމްއެފްޑީއޭއިން ބެޗް ނަމްބަރު 17016853 ގެ ފުށް ބަލާފައިވާ ކަމަށާއި އަދި އެމްއެފްޑީއޭ އިން ފުރަތަމަ ބެލި އިރު އާދަޔާ ހިލާފު ކަމެއް ފާހަގަ ނުކުރެވިފައި ނުވާތީވެ، އިތުރަށް ޓެސްޓުކުރުމަށް އިތުރު ސާމްޕަލް އެ ފަރާތާއި ވަނީ ހަވާލު ކުރެވިފައިވާ ކަމަށް އެ ބަޔާނުގައި ވެއެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން ކާޑު އެތެރެ ކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ގަބޫލުކުރާ މިންގަނޑަށް ކަމަށާޢި ކާޑުގެ ކޮލިޓީ ދެމެހެއްޓުމަށް ކުރަން ޖެހޭ އެންމެހައި ކަންކަން ފުރިހަމައަށް ކުރަމުން ގެންދާނެ ކަމުގެ ޔަގީން ކަން އެކުންފުނިން އެރުވިއެވެ.

އެމްއެފްޑީއޭއިން އިއްޔެ ކުރި ޓްވީޓެއްގައި ބުނެފައިވަނީ އެސްޓޯއިން ވިއްކާ ފުށުގެ ތެރެއިން ބެޗް ނަމްބަރު 17016853 ފުށުގައި ނުބައި ރަހައަކާއި ވަހެއް ހުރިކަން ފާހަގަ ކުރެވިފައިވާ ކަމަށެވެ.

އެހެންވެ އެމައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެ ބެޗުގެ ފުށުގައި އެކަހަލަ ކަމެއް ހުރި ނަމަވެސް އެހެން ބެޗުތައް ރަނގަޅުވާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

ފުށް ގަތުމުގައި އަދި ވިއްކުމުގައި އެކަމަށް ސަމާލުކަން ދީ ރަނގަޅަށް ޗެކް ކުރުމަށް ފުޑް އެން ޑްރަގް އޮތޯރިޓީން ވަނީ އިލްތިމާސް ކޮށްފައެވެ.

comment ކޮމެންޓް