ކުދި ޖަޒީރާ ގައުމުތަކަށް އަންނަ މޫސުމާއި ބެހޭ ބަދަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ލިބޭ ގެއްލުން ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތަކަށް އަލިއަޅުވާލައި ތައްޔާރުކޮށްފައިވާ ފޮތެއް ނެރެފި އެވެ.
"ވަޓް ޔޫ ޑޫ ފޯ ސްމޯލް އައިލަންޑްސް، ޔޫ ޑޫ ފޯ ދަ ވޯލްޑް 2015-2018" ގެ ނަމުގައި މި ފޮތް ނެރެދެއްވީ އެންވަޔަރަމެންޓް މިނިސްޓަރު ތޯރިގް އިބްރާހިމެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ފޮތެއް ނެރެފައިވާއިރު ރާއްޖޭގެ ރިޔާސަތުގެ ދަށުން އެލިއަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް) ވަނީ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
މީގެ ތެރޭގައި އެއޯސިސްގެ ބައިވެރިވުމާއެކު ޕެރިސް އެގްރީމެންޓް އެކުލަވައިލުމާއި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަނބުރާ އިއާދަނުކުރެވޭ ގެއްލުންތަކެއް ލިބޭނެކަމަށް ބައިނަލްއަޤުވާމީ މުޖްތަމަޢިން ބަލައިގަނެ 'ލޮސް އެންޑް ޑެމޭޖް' އާ ބެހޭ ބާބެއް އެއްބަސްވުމުގައި ހިމެނުމާއި، ދުނިޔޭގެ އެވްރެޖް ހޫނުމިން 1.5 ޑިގްރީއަށް ވުރެ ބޮޑުތަން މަތިވިޔަ ނުދީ ހިފެހެއްޓުމުގެ ލަނޑުދަނޑިއާއި، އަދި މޫސުމަށް އަންނަ ބަދަލުތަކުގެ މައްސަލައަށް ފިޔަވަޅު އެޅުމަށް ތަރައްޤީވަމުން އަންނަ ޤައުމުތަކަށް ބޭނުންވާ ފައިސާގެ އެހީދޭ މިންވަރު މިހާރަށް ވުރެ އިތުރުކުރަމުން ގެންދިއުމަށް ތަރައްޤީވެފައިވާ ޤައުމުތަކުން އެއްބަސްވުން ހިމެނެ އެވެ.
ފޮތް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ޠާރިޤް އިބްރާހީމް ވިދާޅުވީ ދުނިޔޭގެ އެވްރެޖް ހޫނުމިން 1.5 ޑިގްރީއަށް ވުރެ ބޮޑުތަން މަތިވިޔަ ނުދީ ހިފެހެއްޓުމުގެ މުހިއްމުކަމާ ބެހޭ ގޮތުން އިންޓަރގަވަންމަންޓަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖްގެ ފަރާތުން އޮކްޓޯބަރު މަހު ނެރެފައިވާ ރިޕޯޓަކީ، ރާއްޖޭގެ ރިޔާސަތުގެ ދަށުން އެއޯސިސްއިން ބާރު އަޅައިގެން ތައްޔާރުކުރުމަށް ނިންމި ރިޕޯޓެއް ކަމަށެވެ. މިއީ މޫސުމަށް އަންނަ ބަދަލުތަކާބެހޭ ގޮތުން ބައިނަލްއަޤުވާމީ ގޮތުން އަވަސް ފިޔަވަޅު އަޅަންޖެހޭކަން ދުނިޔޭގެ ސަމާލުކަމަށް ގެނުވި މުހިއްމު ރިޕޯޓެއްކަމަށްވާތީ، ކުދި ޖަޒީރާ ޤައުމުތަކަށް މި ރިޕޯޓުގެ މުހިއްމުކަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެއޯސިސްގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓާފައިވާ ގޮތް އެއޯސިސްގެ މެންބަރު ޤައުމުތަކުން ބަލައިގެންފައިވާ ކަމަށާއި މިގޮތުން ރާއްޖެއަށް ލިބިފައިވާ ރީތި ނަން ދެމެހެއްޓުމަށް ކުރިއަށް އޮތް ތަނުގައި ވެސް މަސައްކަތްކުރައްވާނެ ކަމަށެވެ.
ވޭތުވެ ދިޔަ ހަތަރު އަހަރުތެރޭގައި ހިންގި އެއޯސިސް ފެލޯޝިޕް ޕްރޮގްރާމުގައި ހަތަރު ދިވެހިން ނިއުޔޯކްގައި ތަމްރީންކުރެވި، ކުދި ޖަޒީރާ ގައުމުތަކުގެ ފަރާތުން މުޅި ޖުމްލަ 16 މީހުން ވަނީ މި މުއްދަތުގައި ޕްރޮގްރާމު ފުރިހަމަކޮށްފަ އެވެ.