ރާއްޖޭގައި ބަދައިގެ ބަލިތައް އަދި ސްޓްރޯކް ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުން ގިނަ ކަމަށް ނިއުރޯ ސާޖަން ޑރ. އަލީ ނިޔާފު ވިދާޅުވެއްޖެ އެވެ.
އޭޑީކޭ ހޮސްޕިޓަލުން އިންތިޒާމުކޮށްގެން ބާއްވާ 'ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2018 ' އާ ބެހޭ ގޮތުން ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން ޑރ. ނިޔާފް ވިދާޅުވީ އޭނާގެ އޯޕީޑީއަށް ބޮޑު ބަޔަކީ ބަދައިގެ މައްސަލަތައް ކަމަށެވެ.
"ކަނދުރާއާއި އުނަގަނޑުން ތިރީގެ ސްޕައިން މައްސަލަތައް އެންމެ ގިނައީ. ދެން މިހާރު ވަރަށް ފާހަގަ ކުރެވޭ ވަރަށް ގިނައިން ސްޓްރޯކް." ޑރ. އަލީ ނިޔާފު ވިދާޅުވި އެވެ.
ބަދައިގެ މައްސަލަތަކުގައި ދުވާލެއްގެ މައްޗަށް އެއް ސާޖަރީ ހަދާ ކަމަށް ނިޔާފް ވިދާޅުވި އެވެ. އަދި ސްޓްރޯކް ޖެހިގެން އަންނަ މީހުންގެ ތެރެއިން ހަފްތާ އަކު އެއް ސްޓްރޯކް އޮޕަރޭޝަން ކުރާ ހާލަތުގައި އަންނަ ކަމަށް ނިޔާފް ވިދާޅުވި އެވެ.
ކުރީގައި ރާއްޖޭގައި ސްޓްރޯކް އަލި ބަދައިގެ ބަލިތަކަށް މާ ބޮޑު ފަރުވައެއް ނުދެވުނު ނަމަވެސް މިހާރު ދެ ބައްޔަށް ވެސް އޭޑީކޭ ހޮސްޕިޓަލުގައި ފުޅާ ދާއިރާއެއްގައި ފަރުވާ ދެމުން ދެ އެވެ. އޭޑީކޭގެ މެނޭޖިންގް ޑިރެކްޓަރު އަހުމަދު އައްފާލް ވިދާޅުވީ ފުޅާވަމުންދާ އެ ފަރުވާއަށް ނޮލެޖް އިތުރު ކުރުމަށް ބްރައިން އެންޑް ސްޕައިން ކޮންފަރެންސް މުހިންމު ކަމަށެވެ.

ޑރ އަލީ ނިޔާފް އަދި އޭޑީކޭގެ އެމްޑީ އަހުމަދު އައްފާލް ---
"މިކަހަލަ ކޮންފަރެންސެއް މިކަހަލަ ސައިންޓިފިކް ބޮޑު އިވެންޓެއް ތައްޔާރުކޮށްގެން ބައިނަލްއަގުވާމީ މީހުންގެ ޝައުގުވެރިކަން ވެސް އަޅުގަނޑުމެންނާ ހަމައަށް ގެނެސް މިކަން ފުޅާ ކުރަމުން ގެންދިއުމަކީ ހަމަގައިމު ވެސް ދިވެހިރާއްޖޭގައި ބްރައިންއާއި ސްޕައިންއަށް ފަރުވާ ކުރުމުގެ ފަންނު ވަރަށް ބޮޑަށް އިތުރުވެގެންދާނެ ކަމެއް." އައްފާލް ވިދާޅުވި އެވެ.
ބްރައިން އެންޑް ސްޕައިން ކޮންފަރެންސް 2018 ފަށަނީ މާދަމާ އެވެ. އައްފާލު ވިދާޅުވީ އެ ކޮންފަރެންސްއަކީ ސިނކުނޑިއާއި ނާރުގެ ބަލިތަކާއި ބަދަ ހިމެނޭ ގޮތަށް އެކަމުގެ މައުލޫމާތާއި ސައިންޓިފިކް ނޮލެޖް އިތުރު ކުރުމުގެ ގޮތުން ބާއްވާ ކޮންފަރެންސެއް ކަމަށެވެ.
އަދި ރާއްޖޭގެ ބަޔަކު އިސްނަގައިގެން ބޭރުގެ ބަޔަކު ބައިވެރި ކޮށްގެން އެކަހަލަ ސައިންޓިފިކް ކޮންފަރެންސްތައް ބާއްވައި ބޭސްވެރިކަމާ ބެހޭ ގޮތުން ރާއްޖޭގައި ކުރެވެމުންދާ މަސައްކަތްތަކާއި ކުރިއަރަމުން އަންނަ މިންވަރު އަންގައިދިނުމަކީ މުހިންމު ކަމެއް ކަމަށް އައްފާލް ވިދާޅުވި އެވެ.
ރާއްޖޭގައި ސިކުނޑިއާއި ނާރުތަކުގެ އޮޕްރޭޝަންތައް ފުޅާ ދާއިރާއެއްގައި ކުރަން ފެށިތާ އެހާ ގިނަ ދުވަސްތަކެއް ނުވާއިރު އެކަމުގެ މައުލޫމާތު ލިބިގަތުމުގެ މުހިންމު ކަން އައްފާލް ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ އެކަމަށް ޓަކައި ވެސް އެ ކޮންފަރެންސް މުހިންމު ވެގެންދާ ކަމަށެވެ.

ބްރައިން އެންޑް ސްޕައިން ކޮންފަރެންސްގެ ސްޕީކާސް ---
ދެދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކޮންފަރެންސްގައި ދެވަނަ ދުވަހު ވަގުތުން ލައިވްކުރާ އޮޕަރޭޝަންތަކެއް ވެސް ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.
ދިވެހިންގެ މެދުގައި އޭޑީކޭއަށް އަދި ޑރ. އަލީ ނިޔާފްއަށް އޮޕަރޭޝަންތައް ކުރުމުގައި އިތުބާރު އުފެދިފައިވާކަން އޭނާ ފާހަގަ ކުރި އެވެ. ވިދާޅުވީ ކުރީގައި ދިވެއްސެއް ނުވަތަ ރާއްޖޭން އޮޕަރޭޝަން ކުރުމަށް ދިވެހިން ކުޑަކޮށް ޖެހިލުން ވުމެއް ހުރި ނަމަވެސް މިހާރު އެކަން ނުފެންނަ ކަމަށެވެ.
"މިހާރު އަޅުގަނޑަށް ފާހަގަ ކުރެވެނީ ވަރަށް ބޮޑަށް ވެސް ޓްރަސްޓް[އިތުބާރު] ބައި އިތުރުވެއްޖެ." ނިޔާފު ވިދާޅުވި އެވެ.
އަދި އާއިލާއަށް ފެންނަ ގޮތަށް ވެސް ބައެއް ފަހަރު ސާޖަރީތައް ކުރިއަށް ގެންދާ ކަމަށާއި އެކަމުގެ ސަބަބުން ޑޮކްޓަރުން ކުރާ ސާޖަރީއަކީ ރަނގަޅު ސާޖަރީއެއްކަން އާއިލާއަށް ގަބޫލު ކުރެވޭ ކަމަށެވެ.
މިފަހަރު އޭޑީކޭ އިން އިސް ނަގައިގެން ބާއްވާ އެ ކޮންފަރެންސްގައި 30 ވަރަކަށް ދިރާސާ ކަރުދާސް ހުށަހަޅާނެ ކަމަށް އޭޑީކޭއިން ބުންޏެވެ. އޭގެ ތެރޭގައި އައިޖީއެމްއެޗް އޭޑީކޭ އަދި ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް ކަރުދާސްތައް ހުށަހަޅާނެ ކަމަށް އޭޑީކޭއިން ވަނީ ބުނެފަ އެވެ. ދިރާސާ ކަރުދާސްތަކުގެ ތެރޭގައި ދިވެހި ޑޮކްޓަރުންގެ ގިނަ ކަރުދާސްތަކެއް ހިމެނޭނެ ކަމަށް ބުންޏެވެ.
ވޭތުވެ ދިޔަ އަހަރު ވެސް އޭޑީކޭ އިން އިސްނަގައިގެން 'ސްޕައިން ކޮންފަރެންސް'ގެ ނަމުގައި ކޮންފަރެންސް އެއް ބޭއްވި އެވެ. އައްފާލް ވިދާޅުވީ ކުރީއަހަރާ ހިލާފަށް މި އަހަރު ބައިނަލްއަގުވާމީ ބައިވެރިން ގިނަވެފައިވާ ކަަމަށެވެ.