ނަސްރާ ކާމިޔާބަކީ ތެދުވެރި އިހްލާސްތެރިންނަށް ދެއްވާ ނިއުމަތެއް: ޚުތުބާ

އިސްލާމިކް މަރުކަޒުގައި ހުންނަ މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް މިސްކިތުގައި މީހުން އަޅުކަންކުރަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ނަސްރާ ކާމިޔާބަކީ މާތްﷲއަށް ތެދުވެރި އިހްލާސްތެރި މުއުމިނުންނަށް އެކަލާނގެ ދެއްވާ ނިއުމަތެއްކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

މިއަދުގެ ހުކުރު ޚުތުބާ ބިނާކޮށްފައިވަނީ ނަސްރު ލިބޭނެ ގޮތްތަކުގެ މައްޗަށެވެ. އެގޮތުން ﷲގެ ވަހީ ބަސްފުޅުތަކަށް ބަލާއިރު ނަސްރު ލިބޭނީ ﷲ ނަސްރު ދީގެންކަމަށް އެނގެން އޮންނަކަމަށް ޚުތުބާގައި ވެއެވެ.

"ނަސްރު ލިބޭނީ ކަންތައްތަކެއްގެ ތެރެއިން ލާފައި. އޭގެ ތެރޭގައި [ހިމެނޭ] ގަބޫލުކުރާ ހަރުދަނާ އުސޫލެއްގެ މަތީގައި ސާބިތުވެ ތިބުން. މިއީ އީމާންކަމާއި އިސްލާމްކަމުގެ އަގީދާ،" ޚުތުބާގައި ވެއެވެ.

މާތް ﷲ އަންގަވަނީ މުސްލިމުން އެއް އުންމަތެއްގެ ގޮތުގައި ދެމިތިބުމަށާއި ބައިބައިވެގެން ނުދިއުމަށްކަން ފާހަގަކޮށް ހުތުބާގައި ބުނީ ދުޝްމިނުންގެ މައްޗަށް ނަސްރު ހޯދޭނީ ސަބަބުތަކުގައި ހިފަހައްޓައިގެން ކަމަށެވެ. އަދި މުސްލިމުންނަށް ﷲ ނަސްރު ދެއްވާނެކަން ގަބޫލުކޮށް އެކަމަށްޓަކައި ﷲއަށް ދުއާކޮށް ވަކީލުކުރަންޖެހޭ ކަމަށްވެސް ހުތުބާގައި ވެއެވެ.

"އިބްނު ބަތޫތޫ އޭނާގެ ދަތުރުނާމާގައި ލިޔުއްވާފައިވާ ގޮތުގައި ދިވެހީންގެ ހަތިޔާރަކީ ދުއާއެވެ. އެމީހުންނަކީ ހަށިގަނޑު ނިކަމެތި ބައެއްކަމުގައި ވިޔަސް އެމީހުންގެ ރަށްތައް ލޫޓުވާން އަންނަ ބޭރުގެ ފޭރޭ މީހުން ބަލިވެގެން ދަނީ އެމީހުންގެ ދުއާގެ ސަބަބުން،" 14 ވަނަ ގަރުނުގައި ރާއްޖެއަށް އައި މަޣްރިބު ކަރައިގެ ދަތުރުވެރިޔާ އިބުނު ބަތޫތާ ދިވެހީންނާ ބެހޭގޮތުން ލިޔެފައިވާ ވާހަކައެއް ހުތުބާގައި ފާހަގަ ކުރިއެވެ.

އެގޮތުން ނަސްރު ހޯދުމަށް ލިބިފައިވާ އެންމެ ބާރުގަދަ ހަތިޔާރަކީ ދުއާކަން ފާހަގަކޮށް ހުތުބާގައި ބުނީ ﷲ އަށް އިހްލާސްތެރިވެ އެކަލާނގެ ހަޟްރަތަށް ކުއްތަންވެވުނު ވަރަކަށް ދުއާ އިޖާބަކުރެއްވުން އަވަސްވެގެންވާ ކަމަށެވެ.

"މުސްލިމުންގެ ގިނަ ބަޔަކު މިއަދު ވަނީ މި ވަރުގަދަ ހަތިޔާރުގެ މަތިން ހަނދާން ނެތިފަ. މުސްލިމުން އެމީހުންގެ ދުޝްމަނުންގެ މައްޗަށް ނަޞްރު ހޯދާފައިވަނީ ދުއާގެ ސަބަބުން،" ޚުތުބާގައި ވެއެވެ.

comment ކޮމެންޓް