އަންނަ އަހަރު ޕޮލިޓެކްނިކުން ފަށާ 35 ކޯހަކަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕޮލިޓެކްނިކުން ހިންގި ކޯސްތަކުން ދަރިވަރުން ދަސްވެނިވުން ފާހަނގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ޕޮލިޓެކްނިކް

ރާއްޖެއަށް ބޭނުންވާ ހުނަރުވެރި މަސައްކަތްތެރިން ތަމްރީނު ކުރެއްވުމަށާއި، ވަޒީފާތަކަށް ކުރިމަތިލާ ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދިނުމުގެ ގޮތުން ހިންގަމުންދާ މޯލްޑިވްސް ޕޮލިޓެކްނިކުން އަންނަ އަހަރު ފަށާ 35 ކޯހަކަށް ކުރިމަތިލުމަށް ހުޅުވާލައިފިއެވެ.

ޕޮލިޓެކްނިކުގެ އޮފިޝަލަކު "ސަން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އަންނަ އަހަރުގެ ކޯސްތަކުންވެސް ވީހާވެސް ގިނަ ދަރިވަރުންނަށް ފުރުސަތު ދިނުމަށް އިސްކަންދީފައިވާ ކަމަށެވެ.

އަންނަ އަހަރަށް ޕޮލިޓެކްނިކުން ހިންގާ އެކި ކޯސްތަކުން 735 ޖާގަ ވަނީ ހުޅުވާލައިފައެވެ. އޭގެ ތެރޭގައި ސ. ހިތަދޫ، ގއ. ވިލިނގިލި، ރ. އަލިފުށި، ކ. ތުލުސްދޫގައި ހުންނަ ކެމްޕަސްތަކާއި އަދި ދ. ރިނބުދޫގައި ހިންގާ އައުޓްރީޗް ސެންޓަރުގައި ހިންގާ ކޯސްތައްވެސް ހިމެނެއެވެ.

ޕޮލިޓެކްނިކްއިން ހުޅުވާލި ކޯސްތަކުގެ ތެރޭގައި ޑިޕްލޮމާ ކޯސްތަކުގެ އިތުރުން އެޑްވާންސް އަދި ޑިޕްލޮމާ ފެންވަރުގެ ކޯސްތައްވެސް ހިމެެނެއެވެ. އެގޮތުން ވެލްޑިންއާއި، އައިޓީއާ، އާކިޓެކްޗާގެ އިތުރުން އިންޖީނާއި އައިސްއަލަމާރި ހެދުމާއި އަދި އިލެކްޓްރިޝަނުން ތަމްރީންކުރުމުގެ ގިނަ ކޯސްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި ހަ މަހާއި، 18 މަހާއި އަދި ދެ އަހަރު ދުވަހުގެ ކޯސްތައް ހިމެނެއެވެ.

ޕޮލިޓެކްނިކުން ބުނީ އެ ކޯސްތަކަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން އަންނަ މަހު 29 ވަނަ ދުވަހުގެ ކުރިން 14:00 ގެ ކުރިން ފުރިހަމަކުރިން ޖެހޭ ލިޔެކިޔުންތަކާއެކު އެ އިންސްޓްޓިއުޝަނަށް ހުށަހަޅަން ޖެހޭނެ ކަަމަށެވެ.

ޕޮލިޓެކްނިކުން ބުނީ އެ އެތަނުން ކުރިއަށް ގެންދާ ކޯސްތައް ނިންމާ ދަރިވަރުންނަށް ވަޒީފާތައް ހޯދައިދިނުމަށް އިސްކަންދޭ ކަމަށެވެ.

comment ކޮމެންޓް