އިސްތިއުފާ ދޭނެ ކަމަށް މަސީހު ވިދާޅުވި: މޫސަ

ރައްޔިތުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން އިސްތިއުފާ ދެއްވާނެ ކަމަށް މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު ވިދާޅުވި ކަމަށާއި ނަމަވެސް މަސީހު އިތުރުފުޅު ހެއްދެވީ ކަމަށް މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މޫސަ ވިދާޅުވީ މަޖިލީހުގެ ރައީސްގެ މަގާމުން އިއްޔެ ހަވީރު ހަޔެއް ޖެހުމުގެ ކުރިން އިސްތިއުފާ ދެއްވާނެ ކަމަށް މަސީހު ވިދާޅުވި ކަމަށެވެ.

"އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެ މަސީހު ވަނީ އިތުރުފުޅު ހައްދަވާފައި،" މޫސަ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނަވައި މޫސަ ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް ބާއްވަމުން ގެންދަވަނީ މަސީހުގެ ލަފަޔާ އެއްގޮތަށް ކަމަށެވެ. ނަމަވެސް ޖަލްސާތައް ބޭއްވުމުގައި މަސީހުގެ ފަރާތުން ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް މޫސަ ވިދާޅުވި އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތަށް ހުރަސްއަޅުއްވާ ކަމުގެ ތުހުމަތުގަ އެވެ.

މޫސަ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އޭނާ އިންނަވާ އިރު އެއްޗެހި ކިޔާ ކަމަށާއި އެއީ "ރާވައިގެން ކުރާ ކަމެއް" ކަމަށެވެ.

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ވައްދައިފަ އެވެ. އެ މައްސަލާގައި ވޯޓަށް އެހުން އަންނަ ހަފުތާގެ ބުރާސްފަތި ދުވަހަށް ވަނީ ތާވަލުކޮށްފަ އެވެ.

މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދި މިއީ ތިން ވަނަ ފަހަރެވެ. މަސީހު މަޖިލިސް ރައީސްކަމުން އިސްތިއުފާ ދެއްވުމަށް މަޖިލީހުގެ ގިނަ މެންބަރުން ވެސް ދަނީ ގޮވާ ލައްވަމުންނެވެ.

އެންޓި ޑިފެކްޝަން ގާނޫނު އުވާލުމާ ބެހޭ ބިލު އުވާލުމާ ގުޅޭ ގޮތުން މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ މޫސަ މަޖިލީހުގެ ނައިބު ރައީސް ކަމުން ވަކިކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކުރައްވާ ފަލާހު ވިދާޅުވީ މެންބަރުންނަށް ކުރިޔާލާ އެންގުމެއް ނެތި ޖަލްސާތައް ބާއްވަމުންދާ ކަމަށެވެ. މޫސަ އަމަލުކުރައްވަނީ ހުދު މުހުތާރު ގޮތަކަށް ކަމަށް ވެސް ފަލާހު ވިދާޅުވި އެވެ.

ފަލާހު ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު ވަކި ކުރެއްވުމަށް އެދި އިދިކޮޅުން މައްސަލައެއް ވެއްދީ ބަންދު ދުވަސްތަކާއި ރޭގަނޑާއި ދުވާލު ޖަލްސާ ބާއްވާތީ ކަމަށް ބުނެ ކަމަށެވެ. މިހާރު ވެސް ފެންނަނީ އެ މަންޒަރު ކަމަށް ވިދާޅުވެ ފަލާހު ވިދާޅުވީ މިއަދު ޖަލްސާ ބާއްވާނެ ކަމަށް އިއްޔެ އެނގުނު ކަމަށާއި ނަމަވެސް ފަހުން އެ ޖަލްސާ ކެންސަލްވެ، އަލުން ޖަލްސާ އޮންނާނެ ކަމަށް ބުނެ ރޭ 10:45ގައި މެސެޖު ލިބުނު ކަމަށެވެ.

އިދިކޮޅުގައި ހުންނެވުމަށް ފަހު ޕީޕީއެމް އާ ގުޅިވަޑައިގެންނެވި މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ގެ އިތުބާރު ނެތް ކަމަށް ހުށަހަޅުއްވާނެ ކަމަށް ފަލާހު ވިދާޅުވުމުން މޫސަ ވަނީ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަވަނީ އެމްޑީޕީ އަދި ޕީޕީއެމްގެ މެންބަރުން ބޭނުންވާ ގޮތަށް ނޫންކަމަށް ވިދާޅުވެފައިފަ އެވެ.

މޫސަ ވިދާޅުވީ ޖަލްސާ ކެންސަލް ކުރުމަށް ފަހު އަލުން ބާއްވަން ނިންމީ މަޖިލިސް ރައީސް އަބްދުﷲ މަސީހު އެންގެވުމުން ކަމަށެވެ. ޖަލްސާތައް ކުރިއަށް ގެންދަނީ މަސީހުގެ ލަފަޔާ އެކު ކަމަށް ވެސް މޫސަ ވިދާޅުވި އެވެ. މޫސަ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އޭނާ އިންނަވާ އިރު އެއްޗެހި ކިޔާ ކަމަށާއި އެއީ "ރާވައިގެން ކުރާ ކަމެއް" ކަމަށެވެ.

މަޖިލީހުގެ މެންބަރުންގެ މަސައްކަތް ކުރިއަށް ގެންދިއުމަށް މަޖިލިސް ރައީސް ހުރަސް އަޅާކަމަށް ބުނެ 51 މެންބަރުންގެ ސޮޔާ އެކު މަޖިލިސް ރައީސ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ވެސް ވަނީ މަޖިލީހަށް ވައްދައިފަ އެވެ.

comment ކޮމެންޓް