ރައީސް އަބްދުﷲ ޔާމީންގެ އިތުބާރު ނެތް ކަމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް އިދިކޮޅު ކޯލިޝަންގެ ބައެއް މަޖިލިސް މެމްބަރުން ފަށައިފިއެވެ.
ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު މިރޭ "ސަން" އަށް ވިދާޅުވީ ރައީސް ޔާމީންގެ އިތުބާރު ނެތްކަމަށް ހުށަހަޅަންޖެހޭކަމަށް ގިނަ މެމްބަރުންތަކެއް ބުނަމުން އަންނަ ކަމަށާއި އެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.
އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) ވިދާޅުވީ ރައީސް ޔާމީނަކީ އެންމެ ދުވަހަކަށް ވެސް ވެރިކަމުގައި ބަހައްޓަން ހެޔޮވާ ވަރުގެ ވެރިއެއް ނޫން ކަމަށެވެ. އަދި އެމަނިކުފާނު ވެރިކަމުގައި ބަހައްޓާ ކޮންމެ ދުވަހަކީ އެމަނިކުފާނުގެ ވެރިކަމުގައި ހިނގައި ދިޔަ ކޮރަޕްޝަން ފަދަ މައްސަލަތަކުގެ ހެކި ނައްތާލަން އެމަނިކުފާނަށް ލިބިގެންދާނެ ފުރުސަތެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމާ އިތުރަށް ވިދާޅުވީ ރައީސް ޔާމީން ރާއްޖެއިން ބޭރަށް ފުރާވަަޑައިގަތުމުގެ ފުރުސަތު ދޭން ރައްޔިތުން ބޭނުން ނުވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ވެރިކަމުގައި ހިނގައި ދިޔަ ކަންތައްތަކަށް ޖަވާބުދާރި ކުރުވައި އިންސާފު ހޯދަން ރައްޔިތުން ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރައީސް ޔާމީންގެ އިތުބާރު ނެތް ކަމަށް ފާސްކޮށް އެމަނިކުފާނުގެ ޝަރީއަތް ކުރިއަށްގެންދަން ވާނީ ފަޓާސްބަރިއެއް ގޮތަށް ނޫން ކަމަށާއި ދެފުށް ފެންނަ ގޮތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އެމަނިކުފާނުގެ ޝަރީއަތް ރައްޔިތުންނަށް ފެންނަ ގޮތަށް ސިއްރު ނުކޮށް ކުރިއަށް ގެންދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
މުހައްމާ ވިދާޅުވީ އޭނާ ގަބޫލުފުޅު ކުރައްވަނީ ރައީސް ޔާމިން އަކީ މިހާރު ވެސް ކުށްވެރިއެއް ކަމަށެވެ. އެއީ އެމަނިކުފާނު އެފަދަ ކަންތައްތަކަށް އަމިއްލަފުޅަށް އިއުތިރާފުވެފަ ވާތީ ކަމަށް އޭނާ ވިދާޅުވި އެވެ.
އެެހެން ކަމުން ރައީސް ޔާމީންގެ ވެރިކަން ނިމުމާ އެކު ވަގުތުން ސިފައިންނާ ފުލުހުން އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ ކަމަށް މުހައްމާ ވިދާޅުވި އެވެ.