ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ޚިލާފަށް ހައްޔަރު ކުރި ކަމަށް ބުނާ މައްސަލާގައި ހިތަދޫ މެދު ދާއިރާގެ މެމްބަރު، ބްރިގޭޑިއާ ޖެނެރަލް ރިޓަޔާޑު އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ކޮށްފައިވާ ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުން ބާތިލުކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަބުދުﷲ މުހައްމަދު ހައްޔަރު ކުރި އިރު ދީދީ ހުންނެވީ ސިފައިންގެ މާލޭ އޭރިއާގެ ކޮމާންޑަރަކަށެވެ.
އެ މައްސަލާގައި މީގެކުރިން ވެސް ދީދީގެ މައްޗަށް ދައުވާކުރި އެވެ. ނަމަވެސް އެ ދައުވާ ޕީޖީ އޮފީހުން އަނބުރާ ގެންދިޔައީ އެވެ. ޕީޖީއިން އެ ދައުވާ އަނބުރާ ގެންދިޔުމަށް ފަހު ވަނީ ދައުވާ ނުކުރަން ނިންމާފައިވާކަން ސިޓީއަކުން ދީދީއަށް އަންގާފަ އެވެ.
އެގޮތަށް އަންގާފައި އޮތުމަށް ފަހު މިިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި އެ މައްސަލައިގައި އަނެއްކާވެސް ދައުވާ ކުރަން ޕީޖީއިން ވަނީ ފޮނުވާފަ އެވެ.
ދީދީގެ މައްޗަށް ކުރި ޓެރަރިޒަމްގެ ދައުވާ ބާތިލު ކުރަން ނިންމާފައި ވަނީ، ކުރިން ދައުވާ ނުކުރަން ނިންމާފައިވާކަން އެންގުމަށް ފަހު އަނެއްކާވެސް އެއް މައްސަލައެއްގައި ދައުވާ ނުކުރެވޭނެ ކަން ސުޕްރީމް ކޯޓުން މީގެ ކުރިން ނިންމާފައިވާ ނިންމުމެއްގައި އެނގެން އޮންނާތީ އެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ވެސް ދައުވާ ކުރި އެވެ. އެ ދައުވާ ސާބިތުވެފައިވާ އިރު އެމަނިކުފާނުގެ މައްޗަށް ވަނީ 13 އަހަރުގެ ޖަލު ހުކުމެއް ކޮށްފަ އެވެ. ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތުގެ މައްޗަށް ވެސް އެ މައްސަލާގައި ވަނީ ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވައިފަ އެވެ.