ތަފާތުކުރުން އޮތީ އިންތިހާ ދަރަޖައަށް، ރައްޔިތުން އެދުނީ އިންސާފަށް: ފައިސަލް ނަސީމް

25 އޮކްޓޯބަރު 2018 ވަނަ ދުވަހު، އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް، ސަން އޮންލައިންނަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރިޔާސީ އިންތިހާބުގެ ކެމްޕޭން ތެރެއިން ފެނިގެން ދިޔަ އެންމެ ތަފާތުކަން ބޮޑު ކަމަކީ، އިދިކޮޅުން ރޭހަށް ނުކުމެވަޑައިގެންނެވި ކެންޑިޑޭޓާއި ރަނިންގްމޭޓު ގުޅިގެން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެންނެވިކަމެވެ. ގިނަ އަދަދެއްގެ ރައްޔިތުންނާ ސީދާ ގޮތުގައި ބައްދަލުކުރައްވައި، އެ ރައްޔިތުންގެ އިހުސާސްތަކާއި ހިޔާލުތަކާއި ވާހަކަތައް އަޑުއެއްސެވިކަމެވެ.

"މި ދަތުރުތަކުން ރައްޔިތުންގެ މައިގަނޑު ޝަކުވާއަކަށްވީ ތަފާތުކުރުން. ތަފާތުކުރުން މި ގައުމުގައި އޮތީ އިންތިހާ ދަރަޖައަށް،" ރިޔާސީ އިންތިހާބުގެ ކާމިޔާބީއަށް ފަހު ދެއްވި އެންމެ ފުރަތަމަ އިންޓަވިއު "ސަން"އަށް ދެއްވަމުން، އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި އެވެ.

"މިއީ ރައްޔިތުން ދެއްކި ވާހަކަތައް. ކެމްޕޭނުގައި ވޯޓު ހޯދުމަށް އަޅުގަނޑުމެން އެއްޗެއް ވިއްކަންވެގެން ދެއްކި ވާހަކައެއް ނޫން، މިއީ ހަމަ ދަތުރުތަކުން އަޑު އިވުނު ވާހަކަތައް. ރައްޔިތުން ދެއްކީ ހުރިހާ ދާއިރާއެއްގައި ތަފާތުކުރުން ހުރި ވާހަކަ،"

"ރައްޔިތުން ތިބީ އުންމީދުތައް ހާމަކުރަން ވެސް ބިރުން"

ކެމްޕޭނުގައި މީހުން ދިރިއުޅޭ 80 އަށް ވުރެ ގިނަ ރަށަށް ވަޑައިގެންނެވި، އަދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމް ވިދާޅުވީ ތައުލީމީ ދާއިރާއާއި، ސިއްހީ ދާއިރާގެ ހިދުމަތްތައް ލިބުމާއި، ވަޒީފާ ލިބުމާއި ވަޒީފާގައި ދެމިތިބުމާއި ވަޒީފާގެ ކުރިއރުން ހޯދުމުގައި ހުރި ތަފާތުކުރުންތަކުގެ ޝަކުވާ ރައްޔިތުން ކުރި ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ފައިސަލް، ތ. ބުރުނީއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރަނީ -- ފޮޓޯ/ އެމްޑީޕީ

"މިކަންކަމުގެ ކަންބޮޑުވުމާއި، އެކަމާ ރައްޔިތުން ހިތާމަކޮށް، އެވާހަކަތައް ދެއްކީ،"

ފައިސަލް ވިދާޅުވި ގޮތުގައި ރާއްޖޭގެހުރިހާ އަތޮޅެއްގެ ރަށްރަށުގެ ރައްޔިތުން ތިބީ "ދިވެހި ތާރީހުގައި ވެސް ދުވަހަކު ވެސް ކަމަކާ ކަންބޮޑުނުވާ ދަރަޖައަށް ކަންބޮޑުވެފައި" ކަމަށެވެ.

"ހިތްހަމަނުޖެހޭ، ބިރުވެރިކަން ރައްޔިތުންނާ ކުރިމަތިވީ. މިކަންކަމުން ސަލާމަތްވުމަށް ރައްޔިތުން ތިބީ އެދިއެދި. ރައްޔިތުންގެ އުންމީދުތައް ހާމަކުރަން ވެސް ބިރުގަންނަ ހިސާބުގައި އެމީހުން ތިބީ. ބޭނުން ވަނީ މިވެނި ގޮތެކޭ ބުނަން ވެސް ބިރުން ތިބީ،" ކެމްޕޭނު ދަތުރުތަކުގެ ތަޖުރިބާ، އިންތިހާބީ ނައިބު ރައީސް "ސަން"އާ ހިއްސާކުރެއްވި އެވެ.

"އަސަރުކުރުވަނިވި މަންޒަރުތައް ފެނުނު"

ރާއްޖޭގެ ވެރިކަމާ ހަވާލުވާން ތައްޔާރުވަމުންދާ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވި ގޮތުގައި، ކެމްޕޭނުގައި ރައްޔިތުންނާ ގާތުން ބައްދަލުކޮށް، ރައްޔިތުން ބޭނުންވާ ކަންކަން ވަރަށް ބޮޑަށް އޮޅުން ފިލައިފި އެވެ. ގިނަ ރަށްތަކަށް ކުރި ޒިޔާރަތްތަކުން ތަފާތު މަންޒަރުތަކެއް ފެނިވަޑައިގެންނެވި އެވެ.

25 އޮކްޓޯބަރު 2018 ވަނަ ދުވަހު، އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް، ސަން އޮންލައިންނަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފައިސަލް ފާހަގަކުރެއްވި ގޮތުގައި، ރަށްރަށުގައި ދިރިއުޅޭ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް ހުރި ދަތިތައް ވަރަށް ބޮޑެވެ.

"ވަރަށް އަސަރުކުރާ ފަދަ ކަންކަމާ ދިމާވި ހަގީގަތުގައި ވެސް. އަޅާލުމާއި އެހީތެރިކަމާއި އޯގާތެރިކަން ލިބެން ޖެހޭ މިންވަރަށް ޔަގީނުން ވެސް ނުލިބި އޮތްކަން ވަރަށް ބޮޑަށް ފާހަގަވި. އެހެން މީހެއްގެ އާއިލާއަށް ނިސްބަތްވާ މީހެއް ވިޔަސް ތަފާތު ކޮށްގެން ނުވާނެ. އެ ބައެއްގެވެސް އިހުސާސްތައް ހުންނާނެ،" ފައިސަލް ވިދާޅުވި އެވެ.

"އިންސާފާއި ހަމަހަމަކަން ގާއިމުކޮށްދޭނަން"

ފައިސަލް ވިދާޅުވި ގޮތުގައި ރައްޔިތުން ބޭނުންވަނީ އިންސާފާއި ހަމަހަމަކަން ގާއިމުކޮށް، ތަފާތުކުރުންތައް ނައްތާލާށެވެ.

އިންސާފު ގާއިމުކުރުމަކީ އިދިކޮޅު ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބު ކާމިޔާބުކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ މައިގަނޑު ވައުދެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ފައިސަލް، ކ. ގާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރަނީ -- ފޮޓޯ/ އެމްޑީޕީ

އިންތިހާބީ ނައިބު ރައީސް ފައިސަލް ވިދާޅުވީ، އާ ސަރުކާރުން ރައްޔިތުން ބޭނުންވާ ކަންކަން ކުރުމުގައި 24 ގަޑިއިރު މަސައްކަތް ކުރާނެ ކަމަށެވެ.

"ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށް، ރާއްޖޭގައި މިހާރު އޮތް ކޮރަޕްޝަނުގެ ބިޔަ ބޮޑު ކަންކަން ހުއްޓުވައި، ތަފާތުކުރުންތައް ނައްތާލައި، ނުލިބިގެން އުޅޭ އިންސާފު ލިބުމަށް ހުރި ހުރިހާ ހުރަސްތައް ނައްތާ[ލާނަން]،" ފައިސަލް ވިދާޅުވި އެވެ.

ރައްޖޭގެ އެކި އިންޑަސްޓްރީތަކުގައި ހުރި ތަފާތުކުރުންތަކަކީ ވަގުތުން ވަގުތަށް ނައްތާލަން ޖެހޭ ކަންކަންކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ، އެންމެ މަދުން ލިބޭ މިންވަރު ނުވަތަ މިނިމަމް ވޭޖެއް ވެސް ކަނޑައެޅުމަކީ ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި "އޭގެ ސަބަބުން ރައްޔިތުންނަށް ހިތްހަމަޖެހުމެއް ލިބިގެން އަންނާނެ"ކަމަށް ވެސް ވިދާޅުވި އެވެ.

25 އޮކްޓޯބަރ 2018 ވަނަ ދުވަހު، އިންތިހާބީ ނައިބް ރައީސް ފައިސަލް ނަސީމް، ސަން އޮންލައިންނަށް ދެއްވި ހާއްސަ އިންޓަވިއުގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާ މެދު ހުރި ތަފާތުކުރުންތަކާއި ގޮންޖެހުންތައް ނައްތާލައި، އެ މީހުންނަށް ފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަކީ ވެރިކަމަށް ދެން އަންނަން އޮތް ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ނައިބު ރައީސްގެ ހައިސިއްޔަތުންނާއި ފަރުދީ ހައިސިއްޔަތުން ބޮޑެތި މަސައްކަތްތަކެއް ކުރައްވާނެކަމަށެވެ.

"ރައްޔިތުން ބޭނުންވާ ފަދަ ރާއްޖެއެއް ލިބުމުގައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނަން. ދިވެހި ރައްޔިތުންނަށް އިންސާފާއި ހަމަހަމަކަން ހޯދއިދިނުމަށްޓަކައި ހުރިހާ އެފަޓެއް ލައި، ރައްޔިތުންނާ ގުޅިގެން ގައުމުގެ ކަންކަން ކުރިއަށް ގެންގޮސް ރައްޔިތުންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދޭނަން،" އިންތިހާބީ ނައިބު ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް