ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަން ހަނިވާ ގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ 'އަބުރު ރައްކާތެރިކުރުމާއި ހިޔާލުފާޅު ކުރުން' ގާނޫނު އުވާލުމަށް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ޖޮއިންޓް ޕާލިމެންޓްރީ ގްރޫޕްގެ ބައްދަލުވުމަށް ފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އިބޫ ވިދާޅުވީ އަބުރުގެ ގާނޫނު އުވާލުމަށް މާދަމާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ފާސްކޮށްފައިވާ ކަމަށެވެ.
"އަބުރުގެ ގާނޫނު މާދަމާ ހުށަހަޅާނެ. ދެން އޮންނަ ފުރަތަމަ ޖަލްސާއެއްގައި އެ ވެސް ބާތިލު ވެގެން ދާނެ،" އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުގެ މަގާމުގައި ވެސް ހުންނެވި އިބޫ ވިދާޅުވި އެވެ.
އެމަނިކުފާނުގެ ވެރިކަމުގެ 100 ދުވަސް ތެރޭގައި ކުރައްވާނެ ކަމެއްގެ ގޮތުގައި އަބުރުގެ ގާނޫނު އުވާލުން ހިމެނޭ ކަމަށް ރިޔާސީ އިންތިހާބްގެ ކެމްޕެއިންގައި އިބޫ ވަނީ ވިދާޅުވެފަ އެވެ.
އެންޓި ޑިފެކްޝަން ގާނޫނާއި އަބުރުގެ ގާނޫނު އުވާލަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް އިދިކޮޅު ޕާލަމެންޓްރީ ގްރޫޕުން ވަނީ ދާދި ފަހުން ވެސް ނިންމައިފަ އެވެ.
މީޑިއާތަކަށް އަމާޒުކޮށް، މަޖިލިހުން ފާސް ކުރި އަބުރުގެ ގާނޫނުގެ ދަށުން ބްރޯޑްކާސްޓިން ކޮމިޝަނުން ބައެއް ޓީވީތައް ވަނީ ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފަ އެވެ. ބައެއް މީޑިއާތަކުން ސިފަ ކުރި ގޮތުގައި، އަބުރުގެ ގާނޫނަކީ މިނިވަން ނޫސްވެރިކަމެއް ކުރުމަށް އެޅުނު ވަރަށް ބޮޑު ހުރަހެކެވެ.