"އިންސާފަށް ނަސްރު ލިބިއްޖެ"

އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ކުރީގެ ރައީސް މައުމޫނާ ބައްދަލު ކުރެއްވުން -- ސަން ފޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

މިދިޔަ މަހު 23 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ދިވެހި ރައްޔިތުން ވަނީ ސާފު ނިންމުމެއް ނިންމައިފަ އެވެ. އެ ނިންމުން ބަދަލު ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުން ވެސް މިވަނީ ރައްޔިތުންގެ ނިންމުން ދަމަހައްޓާފަ އެވެ.

ރިޔާސީ އިންތިހާބު ބާތިލު ކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅި ދުސްތޫރީ މައްސަލައާ މެދު ސުޕްރީމް ކޯޓުގެ ފަސް ފަނޑިިޔާރުންގެ އިއްތިފާގުން ނިންމެވީ، ރައީސް ޔާމީން ހުށަހެޅުއްވި ކަންކަން ސާބިތުކުރަން އެކަށީގެންވާ ވަރަށް ހެތްކެއް ހުށަހަޅާފައިނުވާތީ އާއި ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ބަދަލު އަންނާނެ ފަދަ ކަމެއް އިންތިހާބުގެ ތެރެއިން ހިނގާފައިވާކަން ސާބިތު ކުރެވޭ ވަރުގެ ހެތްކެއް ދެއްކިފައި ނުވާތީ، އިންތިހާބު ބާތިލު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި އިންތިހާބާ ގުޅޭ ގޮތުން ރައީސް ހުށަހެޅުއްވި މައްސަލަތަކުގެ ޖިނާއީ ތަހުގީގެއް ހިންގަން ނުޖެހޭ ކަމަށެވެ.

ސުޕްރީމް ކޯޓުން ހުކުމް އިއްވުމަށް ބޭއްވި އަޑުއެހުން ނިންމާލުމަށް ފަހު، އިންތިހާބު ބާތިލު ނުކުރާ ކަމުގެ ހަބަރާ އެކު ނޫސްވެރިން ކޯޓުތެރެއިން ދުވެފައި ނުކުތުމުން، ތީމުގެ ހުންނަ ސަރަހައްދު ގުގުމާލީ އެތަނުގައި އެއްވެފައި ތިބި މީހުންގެ އުފާފާޅު ކުރުމުގެ އަޑުންނެވެ.

ސުޕްރީމް ކޯޓު ކުރިމަތީގައި ރައްޔިތުން އުފާ ފާޅު ކުރަމުން ދިޔަ އިރު، އިދިކޮޅު އިއްތިހާދުގެ ލީޑަރުން ދިޔައީ ކޯޓުގެ ނިންމުމަށް ޓްވިޓާ މެދުވެރިކޮށް މަރުހަބާ ދަންނަވަމުންނެވެ.

އިދިކޮޅު އިއްތިހާދުގައި ހިމެނޭ މައުމޫން ރިފޯމް މޫވްމަންޓްގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫން އެކަމާ ގުޅިގެން އިއްޔެ ކުރެއްވި ޓްވީޓުގައި ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށާއި އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމަށް މަރުހަބާ ދަންނަވައިފަ އެވެ.

"އިންސާފަށް ނަސްރު ލިބިއްޖެ،" މައުމޫން އިއްޔެ ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެކަމާ ގުޅިގެން އިއްޔެ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ނަސްރު ލިބޭނީ ހައްގުގެ މަގުގައި ތިބި ބަޔަކަށް ކަމަށެވެ.

"މިއަދު ފިސާރު ސާބިތުކަމާއެކު ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ތިޔަ ސާބިތުކޮށްދެއްވީ އަދުލު އިންސާފު ދިރިދެމި އޮތްކަން. އަދި އަނިޔާވެރިކަން އެއީ ހައްގު ނޫންކަން. މަކަރާއި ހީލަތަކީ އިންސާފު ނޫންކަން."

އިންތިހާބީ ނައިބު ރައީސް ފައިސަލް ނަސީމް ވެސް ވިދާޅުވީ ހައްގުގެ މަގުގައި ކުރާ ކޮންމެ ކަމަަކަށް ކާމިޔާބު ލިބިގެންދާނެ ކަމަށެވެ.

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސުޕްރީމް ކޯޓުގެ ހުކުމަށް ފަހު ޓްވީޓެއް ނުކުރައްވައެވެ. އެ މަނިކުފާނު ނެރުއްވީ ބަޔާނެކެވެ. އެ ބަޔާނުގައި އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ނިންމުން ބަލައިގަނެ އިހުލާސްތެރިކަމާއެކު ސަރުކާރު ބަދަލު ކުރުމުގެ މަސައްކަތަށް އެހީތެރިވެވަޑައިގަތުމަށް ރައީސް އަބްދުﷲ ޔާމީންއަށް ގޮވާލައްވާފައެވެ.

ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވެސް ޓްވީޓެއް ނުކުރައްވައެވެ. އަދި އެ ޕާޓީގެ ލީޑަރު ޝައިހް އިމްރާންގެ ފަރާތުން ވެސް އެކަމާ ގުޅޭ ބަހެއް އަދި އާންމު ވެފައެއް ނުވެއެވެ.

އިދިކޮޅު ލީޑަރުން ސުޕްރީމް ކޯޓުގެ ނިންމުމަށް މަރުހަބާ ކިޔާފައިވާއިރު ޕީޕީއެމް އިން ބުނެފައި ވަނީ ކޯޓުން ބޭރުން އިންތިހާބާ ގުޅޭ މައްސަލަތައް ބެލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އެހެންކަމުން އިންތިހާބާ ގުޅޭ މައްސަލަތައް ތަހުގީގު ކުރުވުމަށް އެ މައްސަލަތައް ފުލުހުންނަށް ހުށަހަޅާނެ ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

comment ކޮމެންޓް