މުހްތާޒާއި ނިހާނުގެ މައްޗަށް ކުރި ދައުވާތައް ބާތިލުކޮށްފި

ކުރީގެ ޕީޖީ މުހުތާޒް މުހުސިން

ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރަން ސައްހަ ނޫން ލިޔުމެއް ތައްޔާރުކުރި މައްސަލައިގައި ޖަލަށް ލި ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި އދ. މާމިގިލީ ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ނިހާންގެ މައްޗަށް ދައުލަތުން ކުރި ދައުވާތަކެއް ކްރިމިނަލް ކޯޓުން މިއަދު ބާތިލު ކޮށްފި އެވެ.

ބާތިލުކޮށްފައި ވަނީ މުހުތާޒުގެ މައްޗަށް ކުރި ދެ ދައުވާއަކާއި ނިހާންގެ މައްޗަށް ކުރި ތިން ދައުވާ އެވެ. މުހުތާޒަށް ކުރި ދައުވާތަކުގެ ތެރެއިން ބާތިލު ކުރީ، ވަކި އަސްލެއް އޮތް އެއްޗެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އާއި ވަކި އުސޫލަކުން ދޫކޮށްފައިވާ ލިޔުމެއް ސައްހަ ނޫން ގޮތެއްގައި ދެއްކުމުގެ ދައުވާ އެވެ. ނިހާނަށް ކުރި ދައުވާގެ ތެރެއިން ބާތިލު ކުރީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ އާއި ރަސްމީ ވާޖިބު އަދާކުރުމުގައި އެކަށީގެން ނުވާ އަމަލެއް ކުރުމުގެ ދައުވާ އާއި އަސްލެއް ނެތް އެއްޗެއް ސައްހަ ކަމަށް ދެއްކުމަށް ލިޔުމެއް އުފެއްދުމުގެ ދައުވާ އެވެ.

މިއަދު ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ މުހުތާޒާއި ނިހާންގެ މައްޗަށް އެއް އަމަލުތަކެއްގެ މައްޗަށް ދައުވާތަކެއް ކުރި ކަމަށާއި އެ މައްސަލަތަކާ ގުޅިގެން ދެ ބޭފުޅުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެފައިވާ ކަން ފާހަގަކޮށްފަ އެވެ.

އަދި ކުށެއްގެ ދައުވާ މީހެއްގެ މައްޗަށް ސާބިތުވެއްޖެނަމަ، ދެވަނަ ފަހަރަށް ހަމަ އެ ކުށުގެ އަމަލަށް އެހެން ދައުވާ އެމީހެއްގެ މައްޗަށް ނުއުފުލޭނެ ކަމަށް ގާނޫނުއަސާސީ އާއި ގާނޫނުއުގޫބާތުގައިވާ އޮންނަ ކަން ހުކުމްގައި ފާހަގަ ކުރި އެވެ. އަދި ދެ ބޭފުޅުންގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތު ކުރީ ހެކި ވަޒަން ކުރެވިގެން އެ ހެކިތައް އެހެން ދައުވާއަކާ ގުޅިގެން ގޮތެއް ނިންމުމުގައި ބޭނުން ކުރުމަކީ ސައްހަ ވާނެ ކަމެއް ނޫން ކަމަށް ހުކުމުގައިވެ އެވެ. އަދި އެ ދެބޭފުޅުންގެ މައްޗަށް އުފުލި ދައުވާތައް އިތުރަށް ބަލާނެ ތަނެއް ނެތް ކަމަށް ހުކުމްގައިވެ އެވެ.

މި މައްސަލައިގައި ދައުލަތުގެ ވަކީލުން ވަނީ ދެ ބޭފުޅުންނާ ދެކޮޅަށް ދައުލަތުން އުފުލި ދައުވާތަކުގެ ތެރެއިން ހަތަރު ދައުވާ އެއް ބާތިލްކުރަން އިއުތިރާޒް ނުކުރައްވާ ކަމަށް މީގެ ކުރިން އަޑުއެހުމުގައި ވިދާޅުވެފަ އެވެ.

comment ކޮމެންޓް